Roadha Mihaaru
ފުވައްމުލަކު ކައިރިއަށް ފީނުމަށް ފީ ނުނަގާނެ

ފުވައްމުލަކު ކައިރިއަށް ފީނުމަށް ފީ ނެގުން މަޑުޖައްސާލަން ނިންމައިފި

01 އޯގަސްޓް 2023

ފުވައްމުލަކުގެ ޑައިވިން ޕޮއިންޓުތަކަށް ފީނުމަށް ސިޓީ ކައުންސިލަށް ފީއެއް ދައްކަން ޖެހޭ ގޮތަށް ހެދި ގަވާއިދަށް އަމަލުކުރަން ފަސްކުރުމަށް މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކުގެ ޑައިވިން ޕޮއިންޓުތަކަށް ފީނުމަށް ސިޓީ ކައުންސިލަށް ފީއެއް ދައްކަން ޖެހޭ ގޮތަށް ހެދި ގަވާއިދަށް އަމަލުކުރަން ފަސްކުރުމަށް މިއަދު ނިންމައިފި އެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހެއްގެ ގޮތުގައި ކުރިން އޮތީ މިއަދެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ "ފުވައްމުލައް އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދުތައް ޓޫރިޒަމްގެ ބޭނުމަށް މެނޭޖުކުރުމާ ބެހޭ ގަވާއިދަށް" އަމަލުކުރުން ފަސްކުރުމަށް އެ ކައުންސިލުން މިއަދު ބޭއްވި ކުއްލި ޖަލްސާގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

އިތުރު ތަފުސީލެއް ސިޓީ ކައުންސިލުން އަދި ނުދެ އެވެ.

ފުވައްމުލަކު ޑައިވިން އެސޯސިއޭޝަން އާއި އެ ރަށުގައި ހިންގަމުން އަންނަ ޑައިވިން ސްކޫލްތަކުގެ މީހުން ސިޓީ ކައުންސިލުގެ އިދާރާގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފުވައްމުލަކު ޑައިވިން އެސޯސިއޭޝަން

ފުވައްމުލަކު ޑައިވިން އެސޯސިއޭޝަން އާއި އެ ރަށުގައި ހިންގަމުން އަންނަ ޑައިވިން ސްކޫލްތަކުގެ މީހުން ސިޓީ ކައުންސިލުގެ އިދާރާގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފުވައްމުލަކު ޑައިވިން އެސޯސިއޭޝަން

އެ ގަވާއިދަށް އަމަލުކުރުން މި ފަސްކުރީ، އޭގައި ކަނޑައަޅާފައިވާ އަގުތަކާ މެދު ހިތްހަމަނުޖެހިގެން ފުވައްމުލަކު ޑައިވިން އެސޯސިއޭޝަނާއި އެ ރަށުގައި ޑައިވިން ސްކޫލްތައް ހިންގާ މީހުން މިދިޔަ ހަފުތާގައި ކައުންސިލް އިދާރާ އަށް ވަދެ، އިހުތިޖާޖު ކޮށްފައި ވަނިކޮށެވެ.

ފުވައްމުލަކު ޑައިވިން އެސޯސިއޭޝަންގެ ނައިބު ރައީސް އަބްދުﷲ ޒަފަރު އަލީ ކުރިން ވިދާޅުވި ގޮތުގައި، ޑައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސިޓީ ކައުންސިލުން ޑައިވަރުންނާއި އާންމުންނާ ވެސް އެއްވެސް މަޝްވަރާ ކުރުމެއް ނެތި މި ގަވާއިދު އެކުލަވާލުމެވެ. އަދި އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ފީއަކީ ވެސް ނުބައްދަލު އަގުތަކެކެވެ.

ފުވައްމުލަކުގައި 10 ވަރަކަށް ޑައިވިން ސްކޫލް ހިންގަ އެވެ. އެ ރަށް ކައިރިއަށް ޑައިވް ކުރުމަށް ވަރަށް ގިނަ ސަފާރީ އުޅަނދުތައް ވެސް ދެ އެވެ.