Roadha Mihaaru
ޕޮޗެޓީނޯއާ އެކު ޕީއެސްޖީގެ ފުރަތަމަ މެޗު އެއްވަރު

ޕޮޗެޓީނޯގެ ކޯޗުކަމުގައި ޕީއެސްޖީގެ ފުރަތަމަ މެޗު އެއްވަރު

07 ޖެނުއަރީ 2021

ޕެރިސް (ޖެނުއަރީ 7) - ފްރާންސްގެ ޗެމްޕިއަަން ޕީއެސްޖީގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ފްރެންޗް ލީގުގައި ސެއިންޓް އެޓިއެންއާ 1-1 އިން ރޭ އެއްވަރުވެއްޖެ އެވެ.

ޕެރިސް (ޖެނުއަރީ 7) - ފްރާންސްގެ ޗެމްޕިއަަން ޕީއެސްޖީގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ފްރެންޗް ލީގުގައި ސެއިންޓް އެޓިއެންއާ 1-1 އިން ރޭ އެއްވަރުވެއްޖެ އެވެ.

ޕީއެސްޖީގެ ކޯޗުކަމުގައި ހުރި ތޯމަސް ޓުޗެލް ވަކިކޮށް ކުރިން ޕީއެސްޖީ އަށް ކުޅުނު ޕޮޗެޓީނޯ ފުރަތަމަ މެޗަށް މި ނުކުތީ ޓީމުގެ ޒިންމާއާ ހަވާލުވިތާ މާ ގިނަ ދުވަހެއްނުވެ އެވެ. ރޭގެ މެޗަށް ފަހު ޕޮޗެޓީނޯ ބުނީ ބޭނުންވީ މޮޅުވާން ކަމަށާއި އެކަމަކު ތައްޔާރުވާން ލިބުނު ވަގުތާ ބަލައި މިއީ އެންމެ ގޯސް ނަތީޖާކަމަށް ނުބުނެވޭނެ ކަމަށެވެ.

"ތެދެއް އަހަރެން މި ހުރީ ހިތްހަމަޖެހިފައެއް ނޫން. ބޭނުންވީ މޮޅުވާން. އަހަރެން އުފާވާ ސަބަބުތަކެއް ވެސް އެބަހުރި. އެއީ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓާއި މޮޅުވާން އެކުރި މަސައްކަތް ރަނގަޅުވީމަ،" ކުރިން ޓޮޓެންހަމާއި އެސްޕަންޔޯލަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ (ކ) ޕީއެސްޖީގެ މާކުއީނިއޯސް އަށް ބުނެދެނީ. -- ފޮޓޯ: އޭއެފްޕީ

ޕޮޗެޓީނޯ (ކ) ޕީއެސްޖީގެ މާކުއީނިއޯސް އަށް ބުނެދެނީ. -- ފޮޓޯ: އޭއެފްޕީ

"މިއީ ފެށުމެއް ކަމަށް ދެކެނީ. އަހަރެމެން އެބަޖެހޭ އެކަކު އަނެކަކަށް ވަރަށް ރަނގަޅަށް ދަސްކުރަން. މި މެޗަށް ނުކުތްއިރު ތައްޔާރީ އަށް ލިބުނީ މަދުވަގުތެއް. މަދުވަގުތެއްގެ ތެރޭގައި ތައްޔާރުވެގެން އެ ފެނުނު ޕޮޒިޓިވް ކަންތައްތަކާ މެދު އަހަރެން މި ހުރީ ހިތްހަމަޖެހިގެން،"

ސެއިން އެޓިއެން ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ އެ ޓީމުންނެވެ. މެޗުގެ 19 ވަނަ މިނިޓްގައި ސެއިން އެޓިއެންގެ ރޮމޭން ހަމޫމާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ އިޓަލީގެ ފޯވާޑް މޮއިސް ކީން އެވެ. އިތުރު ލަނޑެއް ޖަހައި މޮޅުވާން ޕީއެސްޖީން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ރޭ ޕީއެސްޖީ މޮޅުނުވުމުގެ ފައިދާ ނެގީ އެއް ވަނައިގައި އޮތް ލިޔޯނުންނެވެ. ލިޔޯނުން އަމިއްލަ ދަނޑުގައި 3-2 އިން ލެންސް ބަލިކޮށް ވަނީ އެއް ވަނައިގައި ތިން ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އެ ޓީމަށް 18 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ޕީއެސްޖީ އޮތީ 18 މެޗުން 36 ޕޮއިންޓާ އެކު އެވެ.