Roadha Mihaaru
ރާއްޖޭގެ ކްލައިމެޓް އެކްޝަން ޕްލޭނަށް ޔޫއެންގެ ތައުރީފު

ރާއްޖޭގެ ކްލައިމެޓް އެކްޝަން ޕްލޭނަށް ޔޫއެންގެ ތައުރީފު

05 ޖެނުއަރީ 2021

ޔޫއެން ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް ތަސްދީގުކުރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭން ހުށަހެޅި އެކްޝަން ޕްލޭން ނުވަތަ "ނެޝަނަަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަން ( އެންޑީސީ) އަށް އެ މުއާހަދާގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީޝިއާ އެސްޕިނޯސާ ތައުރީފު ކުރައްވައި ސިޓީއެއް ފޮނުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޔޫއެން ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް ތަސްދީގުކުރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭން ހުށަހެޅި އެކްޝަން ޕްލޭން ނުވަތަ "ނެޝަނަަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަން ( އެންޑީސީ) އަށް އެ މުއާހަދާގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީޝިއާ އެސްޕިނޯސާ ތައުރީފު ކުރައްވައި ސިޓީއެއް ފޮނުއްވައިފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުގައި ވެސް ރާއްޖޭން އެންޑީސީ އަޕްޑޭޓްކޮށްް ފޮނުވާފައި ވާތީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނަށް ޕެޓްރީޝިއާ ފޮނުއްވި ސިޓީގައި ތައުރީފު ކުރެއްވި ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ރާއްޖޭން ފުރަތަމަ ހެދި އެކްޝަން ޕްލޭން ހުށަހެޅީ 2015 ވަަނަ އަހަރު އެވެ. މިއަހަރު ހުށަހެޅި އެންޑީސީގައި ބުނެފައި އޮތީ އޭރު ހެދި އެންޑީސީގައި ކަނޑައަޅާފައިވާ ކަންތައްްތައް ހާސިލުކުރަން ގިނަ މަސައްކަތްތަކެއް ރާއްޖޭން ކޮށްފައިވާ ކަމަށެވެ. އެއާ އެކު ކުރިއަށް އޮތް އަހަރުތަކުގައި ކުރަން ރާއްޖޭން ކަނޑައަޅާފައިވާ ގިނަ މަސައްކަތްތަކެއް އެ ޕްލޭންގައި ހިމަނާފައިވެ އެވެ.

ރާއްޖޭން ކުރަން ކަނޑައަޅާފައިވާ ބައެއް ކަންތައްތައް

- ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 15 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓަަށް ހެދުން

- ކަރަންޓް އުފެއްދުމުގެ ވަސީލަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހަކަތައިގެ އިސްރާފުކުޑަކުރުން

- ކުނިން ހަކަތަ އުފައްދަން ފެށުން، އެގޮތުން ތިލަފުށީގައި ދުވާލަކު އަށް މެގަވޯޓްގެ ކަރަންޓް، އަދި އައްްޑޫގައި 1.5 މެގަވޯޓްގެ ކަރަންޓް އުފެއްދުން.

- ވެހިކަލްތަކުން ތިމާވެށްޓަށް ގެއްލުންހުރި ގޭސްތައް ބޭރުކުރާވަރު މަދުކުރުމަށްޓަކައި ވެހިކަލްތައް ބަހައްޓަން ޖެހޭ ވަކި ފެންވަރެއް ކަނޑައެޅުން.

-ހައިބްރިޑް ( އިއާދަކުރަނިވި ހަކަތަކާއި ފިއުލް އަޅައިގެން އުފައްދާ ހަކަތަ ބޭނުންކުރާ ބާވަތުގެ9 ވެހިކަލްތައް އިތުރުކުރުން.

-ލިއުކްއިޑިފައިޑް ނެޗުރަލް ގޭސް ބޭނުންކޮށްގެން މާލެ ސަރަހައްދުގައި ކަރަންޓް އުފެއްދުން

- ރާއްްޖޭގައި 2011 ވަނަ އަހަރާ ހިސާބަށް އައި ތިމާވެށްޓަށް ގެއްލުންހުރި ގޭސްތައް ބޭރުކުރަމުން އައި ވަރާ އަޅައި ބަލާއިރު އެފަދަ ގޭސްތައް ބޭރުކުރާވަރު 26 އިން މަދުކުރުން.

މޫސުމަށް ބަަދުލު އައުމަށް މެދުވެރިވާ ސަބަބުތައް މަދުކުރުމާއި އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ރާއްޖޭން މިނޫންވެސް ގިނަ ލަނޑުދަނޑިތަކެއް ކަނޑައަޅައި އެ ލަނޑުދަނޑިތައް ހާސިލުކުރަން މަސައްކަތްކުރާނެ ގޮތުގެ ތަފްސީލްވެސް އެންޑީސީ ގައި ހިމަނާފައި ވެ އެވެ.

އޭގެ ތެރެއިން ޕެޓްްރީޝިއާ ތައުރީފު ކުރެއްވި އެއް ކަމަކީ ވިހަގޭސް ބޭޭރުކުރާ ވަރު މަދުކުރުމަށް ޓަކައި ކުރަން ކަނޑައަޅާފައިވާ މަސައްކަތްތަކާއި ރާއްޖޭން ވިހަގޭސް ބޭނުންކުރާ ވަރު 2030 ވަަނަ އަހަރު އަންނަ އިރު "ނެޓް ޒީރޯ" އަށް ގެންދަން ކަނޑައަޅާފައިވާ އަޒުމެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ރާއްޖޭން ޖައްވަން ވިހަ ގޭސް ބޭރުކުރާ ވަރު މަދުކޮށް، 2030 ވަނަ އަަހަރު އަންނަ އިރު އެފަދަ ގޭސްތައް ބޭރުކުރާވަރު ނެޓްޒީރޯއަށް ގެންދަން ރައީސް އިބްރާހީމް މުހައްމަދު ތަފާތު އެކި މުނާސަބާތަކުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް އެކަން ހާސިލުކުރަން މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.