Roadha Mihaaru
"ޓްރަމްޕް ގެންގުޅުއްވީ ތިމާވެއްޓާ ދުޝްމަން ސިޔާސަތެއް"

ޓްރަމްޕް ގެންގުޅުއްވީ ތިމާވެއްޓާ ދުޝްމަން ސިޔާސަތެއް: އޮބާމާ

09 ނޮވެމްބަރ 2021

ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް އެމެރިކާ އާއި ދުނިޔެ އިން ކުރަމުން އައި މަސައްކަތް ހުއްޓުމަކަށް އައީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ތިމާވެށީގެ މައްސަލަތަކުގައި ގެންގުޅުނު އިދިކޮޅު ސިޔާސަތުގެ ސަބަބުން ކަމަށް، ޓްރަމްޕުގެ ކުރިން ވެރިކަން ކުރެއްވި ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް އެމެރިކާ އާއި ދުނިޔެ އިން ކުރަމުން އައި މަސައްކަތް ހުއްޓުމަކަށް އައީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ތިމާވެށީގެ މައްސަލަތަކުގައި ގެންގުޅުނު އިދިކޮޅު ސިޔާސަތުގެ ސަބަބުން ކަމަށް، ޓްރަމްޕުގެ ކުރިން ވެރިކަން ކުރެއްވި ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ގްލާސްގޯގައި މިހާރު ކުރިއަށް ދާ، އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް26 ގައި އިއްޔެ ތަގުރީރު ކުރައްވަމުން އޮބާމާ ވިދާޅުވީ، ޕެރިސް އެގްރީމެންޓުން އެމެރިކާ އަމިއްލަ އަށް ވަކިވުމުން، ތިމާވެށީގެ ހިމާޔަތަށް ކުރަމުން އައި މަސައްކަތް ހުއްޓުނު ކަމަށެވެ.

"އަޅުގަނޑުގެ ފަހުން ވެރިކަމާ ހަވާލުވި ބޭފުޅާ، އޭނާގެ ވެރިކަމުގެ ފުރަތަމަ އަހަރު ނިންމެވީ، އެމެރިކާ އަމިއްލަ އަށް ޕެރިސް އެގްރީމެންޓުން ވަކިވާން. އެކަމާ މެދު އަޅުގަނޑު އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ،" އޮބާމާ ވިދާޅުވި އެވެ.

"އަހަރެމެންގެ ފެޑެރަލް ސަރުކާރުން، ތިމާވެށީގެ ސައެންސާ މެދު ހަތަރު އަހަރު ވަންދެން ގެންގުޅުނު އަމަލީ އަދާވާތްތެރިކަމާ އެކުގައި ވެސް، ޕެރިސް އެގްރީމެންޓްގެ ދަށުން އެމެރިކާ އިން ކުރަން ނިންމި ކަންތައް އަލުން ކުރުމަށް މިހާރު މިވަނީ ތައްޔާރުވެފައި."

އެމެރިކާގެ ރައީސް ޖޯ ބައިޑެން އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް26 ގައި ތަގުރީރު ކުރައްވަނީ. --އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް26 ގައި ތަގުރީރު ކުރައްވަނީ. --އޭއެފްޕީ

އޮބާމާ ވިދާޅުވީ ބަދަލުވަމުން އަންނަ ތިމާވެއްޓަށާއި އެކަމުގެ ނުރައްކާތަކަށް ޖަވާބުދާރީވުމުގެ މަސައްކަތް، އެމެރިކާ އާއި އެހެން ގައުމުތަކުން ވެސް އިތުރުކޮށް އަވަސްކުރަންޖެހޭ ކަމަށެވެ. އޮބާމާ ވިދާޅުވީ، ދުނިޔޭގެ ތިމާވެށި އިހު އޮތް ހާލަތަށް ގެންދެވެން ހަމައެކަނި ނެތީ ނޫން ކަމަށާއި، މިހާރު މި ތިބި ހިސާބުގައި ވެސް މިގޮތުގައި ދެމިތިބެވެން ނެތް ކަމަށެވެ.

ވެރިކަމުގެ ދުވަސްވަރު ތިމާވެށީގެ ހިމާޔަތުގައި ކުރައްވަން ބޭނުންފުޅުވި ކަންތައް އެމިންވަރަށް ނުކުރެއްވުނީ، ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިނުގަތުމުން ކަމަށް އޮބާމާ ވިދާޅުވި އެވެ. ތިމާވެށީގެ މައްސަލަތަކުގައި ފިޔަވަޅު އަޅަން ބޭނުންވާ އަދި އެކަމަށް މަސައްކަތްކުރުމުގެ ވިސްނުން ހުރި އަގުލަބިއްޔަތެއް ކޮންގްރެސްގެ ތެރެއިން ލިބުނު ނަމަ، ވެރިކަމުގެ އަށް އަހަރުގެ ތެރޭގައި ކުރެވުނު ކަންތަކަށް ވުރެ މާ ގިނަ ކަންތައް، ތިމާވެށީގެ ހިމާޔަތުގައި ކުރެވުނީސް ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.

އޮބާމާ ވިދާޅުވި ގޮތުގައި ވެރިކަމުގެ އަށް އަހަރުގެ ގިނަ ދުވަސްތައް ދިޔައީ، ވެރިކަން ކުރާ ޕާޓީގެ ސާފު އަގުލަބިއްޔަތު ކޮންގްރެސްގައި ނެތި އެވެ. އަދި މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ތިމާވެށީގެ ހިމާޔަތުގައި ކުރަން ބޭނުންވާ ކަންތަކަށް، ގާނޫނު ހަދާ މަޖިލީހުން ތާއީދު ލިބިއްޖެ ނަމަ، ތިމާވެށީގެ ހިމާޔަތުގައި މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ގޮތުން އޭނާ ފާހަގަކުރެއްވީ، ރައީސް ބައިޑެން، ގާނޫނު ހަދާ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ، 1.75 ޓްރިލިއަން ޑޮލަރުގެ ސޯޝަލް ސޭފްޓީ ނެޓް ޕެކޭޖެވެ. އެ ޕެކޭޖް ފާސްވެއްޖެ ނަމަ، އެއީ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެމެރިކާ އިން އަޅާ ވަރަށް ބިޔަ ފިޔަވަޅަކަށް ވާނެ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.

މިހާރު ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރަމުން ދާ ސޯޝަލް ސޭފްޓީ ނެޓް ޕެކޭޖްގެ ބިލް، ފާސްވެއްޖެ ނަމަ، ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް 550 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ހަމަޖެހިގެންދާނެ އެވެ.