Roadha Mihaaru
ބިން ނުހިއްކައި އެއާޕޯޓު ވެސް އެޅެން އެބަހުރި: ނަޝީދު

ބިން ނުހިއްކައި އެއާޕޯޓް ވެސް އެޅެން އެބަހުރި: ނަޝީދު

18 މާޗް 2021

މޫދުގައި ދިރިއުޅެވޭނެ އެތައް ގޮތެއް މިހާރު އެބަހުރި ކަަމަށާއި ބިން ނުހިއްކައި އެއާޕޯޓު ވެސް އެޅޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޫދުގައި ދިރިއުޅެވޭނެ އެތައް ގޮތެއް މިހާރު އެބަހުރި ކަަމަށާއި ބިން ނުހިއްކައި އެއާޕޯޓު ވެސް އެޅޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގާނޫނުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން، ބޭއްވި ފޯރަމްގައި އެ މަނިކުފާނު ވިދާޅުވީ މޫދުގައި ދިރިއުޅެވޭ އެތައް ޓެކްނޮލޮޖީއެއް މިހާރު އެބަހުރި ކަމަށާއި އެފަދަ ޓެކްނޮލޮޖީ އެކި ގައުމުތަކުގައި މިހާރު ބޭނުން ވެސް ކުރަމުން އަންނަ ކަމަށެވެ.

"ބަނދަރު ހެދެން ވެސް އެބަހުރި އެއްވެސް ތަނަކާ ނުބެހި. އަދި ދިރިއުޅެވެން ވެސް އެބަ އޮތް ނުހިއްކައި ފްލޯޓިން ޓެކްނޮލޮޖީ އަޅުގަނޑުމެންގެ ތެރޭގައި ވަރަަށް ކަށަވަރުކަމާ އެކީގައި މިހާރު ނުކުންނަމުން އެބަދޭ،" ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ފޯރަމްގައި ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ޑެންމާކާއި ހޮލެންޑް ފަދަ ގައުމުތަކުގައި އެ ޓެކްނޮލީ ކާމިޔާބުކަމާ އެކު ބޭނުންކުރެ އެވެ. އެހެންވެ، ދިވެހިން ވެސް އެ ކަންކަން ތަޖުރިބާކުރަން ބިރުގަނެގެން ނުވާނެ ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގަައި ކުރެވޭނެ ކަމަކީ ހަމަ އެކަނި ކުރިއްސުރެ އެނގޭ ކަންތައްތައް ކަމަށް ބަލައިގެން ތިބެގެން ރާއްޖެ ސަލާމަތެއް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. މިހާރު ރާއްޖެ އަށް ވެފައި އޮތީ ވެސް ހިނގާ ކަމެއް އެ ހިނގާ ގޮތަކަށް ހިންގަން ތިބުމުން ވެގެން އުޅޭ ގޮތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ބިން ނުހިއްކައި، ފަރު ނުހިއްކައި އެއާޕޯޓް ވެސް އެޅެން އެބަހުރި. އަދި އެ މަަަސައްކަތް ވެސް އަޅުގަނޑުމެން އެ ދިމާލަށް މިސްރާބު ގެންދާން ޖެހޭނެ. ބިރު ގަނެގެނެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގާނޫނުގެ ބިލަށް ހިޔާލުހޯދުމުގެ ފޯރަމް ގައި އެންޔަރްްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަދައްކަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގާނޫނުގެ ބިލަށް ހިޔާލުހޯދުމުގެ ފޯރަމް ގައި އެންޔަރްްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަދައްކަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބިލް އެންވަޔަރްމެންޓް ކޮމިޓީން ދިރާސާކުރުމަށް ފަހު މިހާރު ނިންމާފައި އޮތީ ރާއްޖޭގެ "ކްލައިމެޓް އިމަޖެންސީ ގާނޫނު" ގެ ނަމަ އެ ބިލުގެ ނަން ވެސް ބަދަލުކުރާށެވެ. އެ ބިލާ ބެހޭ ގޮތުން މިއަދުގެ ފޯރަމްގައި އާއްމުން ޚިޔާލުފާޅުކުރުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ފޮސިލް ފިއުލް ނާންދައި، ގެދަބުޅި ނުފަތުރައި ވެސް ކަރަންޓް އުފެއްދެން އޮތް އިރު އެ ހަކަތަ އަށް ބަދަލުވާން ޖެހޭ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި ބިލް އަމާޒު ކުރަންވީ އެ މިސްރާބަށެވެ.

ކާބަން މަދުކޮށް ތިމާވެއްޓަށް ގެެއްލުން ކުޑަކޮށް ކުރާ މަސައްކަތްތަތަކީ އިގުތިސާދީ ގޮތުން ވެސް ބޮޑު ނަފައެއް ހޯދެން އޮތް ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި އެންވަޔަަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ތަރައްގީ އަށް ހުރަސް ނޭޅި ދުނިޔޭގެ ވެށި ވެސް ހަލާކުނުކޮށް ކުރިއަށް ދެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ. އެ ބިލުން އެކަމަށް މަގެއް ފެނުމަކީ އެންމެ އެދޭ ގޮތް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.