Roadha Mihaaru
ކޮވިޑްގެ 47 ކޭސް، ގިނައީ ބޭރުން އައި މީހުން

ކޮވިޑްގެ 47 ކޭސް، ގިނައީ ރާއްޖޭން ބޭރުން އައި މީހުން

01 ޖެނުއަރީ 2021

ރާއްޖެ އިން ބޭރުން އަންނަ މީހުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖެ އިން ބޭރުން އަންނަ މީހުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ހަވީރު 6 އިން މިއަދު ހަވީރު 6 އާ ހަމައަށް 47 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 17 އަކީ ރާއްޖެ އިން ބޭރުން އައި މީހުންނެވެ. މިދިޔަ ބުދަ ދުވަހު ވެސް ގިނައިން އެ ބަލި ޖެހިފައި ވަނީ ރާއްޖެ އިން ބޭރުން އައި މީހުންނަށެވެ. އެކަމަކު އެއީ ދިވެހިން ކަމެއް ނުވަތަ ޓޫރިސްޓުންކަމެއް އެޗްޕީއޭއަކުން ނުބުނެ އެވެ.

މިދިޔަ އޭޕްރީލް މަހު މާލެތެރެއިން ފެނުނު ކޮވިޑު ބަލި ޖެހޭ މީހުންގެ އަދަދު މި ފަހުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް ޓެސްޓު ކުރި 2،085 ސާމްޕަލްގެ ތެރެއިން، މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 25 މީހެކެވެ. ރިސޯޓުތަކުން ތިން މީހުން އަދި، މީހުން ދިރިއުޅޭ ރަށްރަށުން ދެ މީހަކު މިދިޔަ 24 ގަޑިއިރުގެ ތެރެގައި އަލަށް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެޗްޕީއޭ އިން ބުނީ މިހާރު ބަލި ޖެހިފައިވާ 599 މީހަކު ތިބި އިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 25 މީހަކަށް ކަމަށެވެ. ރާއްޖެ އިން މި ބަލީގައި މިހާތަނަށް 48 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި މަދުވާން ފެށުމާއެކު ގިނަ ލުއިތަކެއް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ރާއްޖެ އިން ބޭރުން އަންނަ ގިނަ މީހުން ކަރަންޓީނުވާން ނުޖެހުން ހިމެނެ އެވެ. ނަމަވެސް ރާއްޖެ އިން ބޭރުގައި ތިބެފައި އަންނަ ކިޔަވާ ކުދިން 10 ދުވަހަށް ކަރަންޓީނު ވާން ޖެހޭ އުސޫލެއް އެޗްޕީއޭ އިން މިއަދު ވަނީ ހަދައިފަ އެވެ.