Roadha Mihaaru
ރާއްޖެ އައި ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބޯޑަރު އަލުން ހުޅުވި ފަހުން ފުރަތަމަ ފަހަަރަށް ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

27 ޖުލައި 2020

ރާއްޖެ އައި ޓޫރިސްޓަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އައި ޓޫރިސްޓަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

މިއީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ބޯޑަރު މާޗް 27 ގައި ބަންދުކުރުމަށް ފަހު، މި މަހުގެ 15 ގައި އަލުން ހުޅުވި ފަހުން އައި ޓޫރިސްޓަކު އެ ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "މިހާރު" އަށް މިއަދު ވިދާޅުވީ، ރާއްޖެ އައި އެމެރިކާގެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނޫން ކަމަށާއި އެ މީހާ ޕޮޒިޓިވް ކަން އެނގުނީ ވެސް ރިސޯޓުގައި ހުއްޓާ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

އެއީ ރަންދެލި ރިސޯޓަށް ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓެކެވެ.

ތަސްލީމާ ވިދާޅުވިގޮތުގައި، އެ ޓޫރިސްޓު ކޮވިޑް-19 އަށް ޓެސްޓު ކުރީ އެޗްޕީއޭގެ އެންގުމަކަށް ނޫނެވެ.

ޓޫރިސްޓު މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ތަސްލީމާ ވިދާޅުވި އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އައިސޮލޭޓް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުން ސީދާ ދާން ޖެހެނީ އެ މީހަކު ބުކިން ހައްދާ ރިސޯޓަކަށެވެ. މީހުން ދިރިއުޅޭ ރަށްރަށާއި، ސަފާރީތަކަށް ދިއުމުގެ ހުއްދައެއް ނޯވެ އެވެ. ރާއްޖެ އަންނަ އިރު ބަލީގެ އަލާމާތްތައް ނެތް ނަމަ ސީދާ ރިސޯޓަށް ދެވުނަސް ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނަމަ 14 ދުވަހަށް ކަރަންޓީން ވާން ޖެހެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ފަހު، ދިން ލުއިތަކާ އެކު، އެ ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެކަމުގެ ކަންބޮޑުވުން އެޗްޕީއޭ އިން ފާޅުކޮށްފައިވާއިރު، މިހާރު ކޮވިޑް-19 ބޮޑަށް ފެތުރެނީ ބިދޭސީންގެ ބަދަލުގައި ދިވެހިންގެ ތެރޭގަ އެވެ. އިއްޔެ ހަވީރު ހަޔަކާ ހަމައަށް އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 1،488 ދިވެއްސަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އެންމެ ގިނައިން ޖެހުނީ ބަންގްލަދޭޝްގެ މީހުންނަށެވެ. މިހާރު އެ ބަލި ޖެހިފައިވާ ބަންގްލަދޭޝްގެ މީހުންގެ އަދަދަކީ 1،458 އެވެ.

ރާއްޖެ އިން މިހާތަނަށް 3،302 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު 2،528 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ފަރުވާ ހޯދަމުން އަންނަނީ 744 އެވެ. މިހާތަނަށް ރާއްޖެ އިން އެ ބަލީގައި މަރުވީ 15 މީހެކެވެ.