Roadha Mihaaru
ފައިނަލުގައި އިންޑޯ އާއި ރިވައިވަލް

ފައިނަލުގައި އިންޑޯ އާއި ރިވައިވަލް

29 ޑިސެމްބަރ 2020

ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް ބެޑްމިންޓަން މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗުތަކުން މޮޅުވެ އިންޑޯ ސްޕޯޓްސް އާއި ރިވައިވަލް ސްޕޯޓްސް ކްލަބުން ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް ބެޑްމިންޓަން މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗުތަކުން މޮޅުވެ އިންޑޯ ސްޕޯޓްސް އާއި ރިވައިވަލް ސްޕޯޓްސް ކްލަބުން ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

ރިވައިވަލް އާއި އިންޑޯ އިން ގްރޫޕް ސްޓޭޖު ކާމިޔާބުކުރީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކީ އެވެ. ފުރަތަމަ ސެމީގައި އިއްޔެ ހަވީރު އިންޑޯ ވާދަކުރީ ކްލަބް ސްކޯ (ސީއެސް)އާ އެވެ. އެ މެޗުން އިންޑޯ މޮޅުވީ ފޯރިގަދަ ކުޅުމަކަށް ފަހު 4-3 ގޭމުންނެވެ. ރޭ ކުޅުނު ދެ ވަނަ ސެމީގައި ރިވައިވަލް ވަނީ 4-1 ގޭމުން އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ) ބަލިކޮށްފަ އެވެ.

ނޮކައުޓް ބުރު ކަމަށްވާތީ ހަތަރު ގޭމް ގެެންދާ ޓީމަކަށް މެޗުން މޮޅުވެވޭނެ އެވެ. އެހެންކަމުން ކޮންމެ ޓީމެއް ވެސް ނުކުތީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. ފުރަތަމަ ފިރިހެން ޑަބަލްސް އާއި އަންހެން ޑަބަލްސް އިން މޮޅުވީ ސީއެސް އެވެ. ފިރިހެން ޑަބަލްސްގައި އިންޑޯގެ ރިޝްވާން ޝިޔާމް އާއި ހަސަން ފާކިރުގެ ޕެއާ އަތުން ސީއެސްގެ އަލީ ޝަރްމީލް އާއި ނިބާލް އަހުމަދުގެ ޕެއާ މޮޅުވީ 15/10، 15/13 އިންނެވެ. އަންހެން ޑަބަލްސްގައި ސީއެސްގެ އައިމިނަތު ޝަހުރުނާޒް މޫސާ އާއި ފާތިމަތު ޝަންނަގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން އިންޑޯގެ އައިމިނަތު ނަސީމާ އާއި ނާޒިމާ މުހައްމަދުގެ ޕެއާ ބަލިކޮށްފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 14/15، 15/12 އަދި 6/11 އިންނެވެ.

ފުރަތަމަ ދެ ގޭމު ގެއްލުމުން އިންޑޯ އިން ރަނގަޅު ރޫހެއްގައި ކުޅެ ދެން ކުޅުނު ފުރަތަމަ މިކްސް ޑަބަލްސް އާއި ދެ ވަނަ ފިރިހެން ޑަބަލްސް އިން މޮޅުވެފަ އެވެ. ފުރަތަމަ މިކްސް ޑަބަލްސް އިން އިންޑޯ މޮޅުކޮށްދިނީ މުހައްމަދު އާކިފް އާއި ނަސީމާގެ ޕެއާ އެވެ. އެއީ ދެ ސެޓު އެއް ސެޓުންނެވެ. ސީއެސްގެ ހަސަން އަފްޝީން އާއި ޝަންނައާ ދެކޮޅަށް ކުޅުނު ގޭމްގެ ސެޓުތައް ދިޔައީ 15/13، 03/15 އަދި 11/08 އިންނެވެ. ފިރިހެން ޑަބަލްސް މެޗުން އިންޑޯގެ އާކިފް އާއި ފާކިރުގެ ޕެއާ ވަނީ 15/14، 15/12 އިން ސީއެސްގެ އަފްޝީން އާއި ޝަރްމީލްގެ ޕެއާ ބަލިކޮށްފަ އެވެ.

މިކްސް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ސީއެސްގެ ޝަހުރުނާޒް.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

މިކްސް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ސީއެސްގެ ޝަހުރުނާޒް.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ސީއެސްއިން ދެ ވަނަ ފަހަރަށް މެޗުގައި ލީޑުނެގީ ދެ ވަނަ އަންހެން ޑަބަލްސް ގެންގޮސްގެންނެވެ. ސީއެސްގެ ޝަހުރުނާޒް އާއި ފާތިމަތު ރިޒްނާގެ ޕެއާ ވަނީ 15/09، 15/06 އިން އިންޑޯގެ މަރިޔަމް ޝަފާހަތާއި ފާތިމަތު އިމްތިޝާލް ބަލިކޮށްފަ އެވެ. އިންޑޯ މެޗު އަނބުރާލީ ފަހު ދެ ގޭމުން މޮޅުވެގެންނެވެ. އެއީ ދެ ވަނަ މިކްސް ޑަބަލްސް އާއި ފަހު ފިރިހެން ޑަބަލްސް އިން މޮޅުވެގެންނެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި އިންޑޯގެ އަައްފާން އަލީ އާއި ނާޒިމާގެ ޕެއާ ވަނީ 15/12، 15/08 އިން ސީއެސްގެ އިބްރާހިމް ހުޝާމް އާއި ރިޒްނާގެ ޕެއާ ބަލިކޮށްފަ އެވެ. ފަހު ފިރިހެން ޑަބަލްސް އިން އިންޑޯގެ ރިޝްވާން އާއި ޝިފާއު އަބްދުﷲގެ ޕެއާ ވަނީ 15/14، 15/11 އިން ސީއެސްގެ ނިބާލް އާއި އަލީ ޝަރީފްގެ ޕެއާ ބަލިކޮށްފަ އެވެ.

ރޭ ކުޅުނު ދެ ވަނަ ސެމީގައި ރިވައިވަލް އިން ވަނީ މާ އުނދަގޫކަމެއް ނެތި އައިބާގެ މައްޗަށް ކުރިހޯދައިފަ އެވެ. ފުރަތަމަ ފިރިހެން ޑަބަލްސްގައި ރިވައިވަލްގެ ޒަޔާން ޒަކީ އާއި އަހުމަދު ވަސީމް ވަނީ 13/15، 09/15 އިން އައިބާގެ މުހައްމަދު އަޖުފާން އާއި ޔޫސުފް ނިޔާޒްގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ އަންހެން ޑަބަލްސްގައި ރިވައިވަލްގެ ފާތިމަތު ނަބާހާ އާއި ޝިޔާނާ އަހުމަދުގެ ޕެއާ ވަނީ 15/08، 15/10 އިން އައިބާގެ އައިޝަތު އަފްނާން ރަޝީދާއި ބްރިލް އޭން ރެޔެސްގެ ޕެއާ އަތުން މޮޅުވެފަ އެވެ.

އައިބާ އިން މެޗުގައި ހަމައެކަނި ގެންދިޔައީ ފުރަތަމަ މިކްސް ޑަބަލްސް އެވެ. އައިބާގެ އަޖުފާން އާއި އޭންގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ރިވައިވަލްގެ ނަބާހާ އާއި އިބްރާހިމް ރާޝިއުގެ ޕެއާ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 15/14، 08/15 އަދި 11/08 އިންނެވެ.

ރިވައިވަލް މެޗުން މޮޅުވީ ދެން ކުޅުނު އަންހެން އަދި ފިރިހެން ޑަބަލްސް ގޭމުން މޮޅުވެގެންނެވެ. މެޗުގެ ދެ ވަނަ ފިރިހެން ޑަބަލްސް އިން ރިވައިވަލް މޮޅުކޮށްދިނީ ޒަޔާން އާއި އާދަމް ނަޝްވަތުގެ ޕެއާ އެވެ. އެއީ އައިބާގެ ޔޫސުފް ނިޔާޒް އާއި ސަތުރަސަން ރަވިންދްރަން އަތުން 10/15، 09/15 އިން މޮޅުވެގެންނެވެ. ދެން ކުޅުނު އަންހެން ޑަބަލްސްގައި ރިވައިވަލްގެ އައިމިނަތު ނަބީހާ އާއި ޝިޔާނާގެ ޕެއާ ވަނީ 05/15، 10/15 އިން އައިބާގެ މާޝާ ރަޝީދާއި ހަޝްމާ ހަމީދުގެ ޕެއާ ބަލިކޮށްފަ އެެވެ.

އިންޑޯ އާއި ރިވައިވަލް ކުޅޭ ފައިނަލް މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބީއޭއެމް އިން މި މުބާރާތް ކުރިއަށް ގެންދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށެވެ.