Roadha Mihaaru
ނަބާގެ ފުރަތަމަ މެޗު، ބޮޑު ޗެލެންޖަކަށް

ނަބާގެ ފުރަތަމަ މެޗު، ބޮޑު ޗެލެންޖަކަށް

28 ޖުލައި 2024

މި ފަހަރުގެ އޮލިމްޕިކްސްގައި، ރާއްޖޭގެ ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާގެ ފުރަތަމަ މެޗުގައި މިއަދު އިންޑިއާގެ ޕީވީ ސިންދުއާ ދެކޮޅަށް ކުޅެން އޮތް މެޗަކީ، ނަބާހާގެ ބެޑްމިންޓަން ކެރިއަރުގެ އެންމެ ވަރުގަދަ އެއް މެޗަށް ވާނެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މި ފަހަރުގެ އޮލިމްޕިކްސްގައި، ރާއްޖޭގެ ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާގެ ފުރަތަމަ މެޗުގައި މިއަދު އިންޑިއާގެ ޕީވީ ސިންދުއާ ދެކޮޅަށް ކުޅެން އޮތް މެޗަކީ، ނަބާހާގެ ބެޑްމިންޓަން ކެރިއަރުގެ އެންމެ ވަރުގަދަ އެއް މެޗަށް ވާނެ އެވެ.

ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތުގައި ފަސޭހަ އެއްވެސް މެޗެއް ނޯންނާނެ އެވެ. މި ޗެލެންޖް ނަބާހާ ފަށަން މި ޖެހެނީ އެންމެ ފަހުގެ ދެ އޮލިމްޕިކްސްގައި ވެސް މެޑަލް ހޯދި އެތުލީޓާ ދެކޮޅަށެވެ.

ޕީވީ ސިންދު ވަނީ، އެންމެ ފަހުގެ އޮލިމްޕިކްސްގައި ލޯ މެޑަލް ހޯދައިފަ އެވެ. އޭގެ ކުރިން 2016 ގައި ރިއޯ އޮލިމްޕިކްސްގައި ރިހި މެޑަލް ހޯދި އެވެ. އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މިފަހަރު ރަން މެޑަލްއަކަށް ވުރެ ކުޑަކޮށް ތަޖުރިބާކާރު ކުޅުންތެރިޔާ ނުވިސްނަ އެވެ.

މި ފަހަރު ވެސް އޮލިމްޕިކްސްގެ ޖާގަ ހޯދަން ނަބާހާ ކުރި އުނދަގޫ ދަތުރެކެވެ. މީގެ ކުރިން ވެސް އެއް އޮލިމްޕިކްސް އަށް ވުރެ ގިނަ ފަހަރު ދިވެހި އެތުލީޓުން އޮލިމްޕިކްސްގައި ވާދަކޮށްފައިވެ އެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް ޖާގަ ލިބިފައި ވަނީ ވައިލްޑްކާޑް އުސޫލުގެ ދައުވަތުގެ ދަށުންނެވެ. ނަބާހާގެ މި ދަތުރު ތަފާތު ވަނި އެހެންވެ އެވެ.

ފުރަތަމަ ފަހަރު ވެސް އަދި މި ފަހަރު ވެސް އޭނާ ޖާގަ ހޯދީ އޮޓޮމެޓިކް ދައުވަތެއްގެ ތެރެއަކުން ނޫނެވެ.

އޮލިމްޕިކްސް އަށް ކޮލިފައިވުމަށް ކުޅޭ މުބާރާތްތަކުގައި ވާދަކޮށް އޭނާ ނެރުނު ނަތީޖާތައް ރަނގަޅުވުމުން، ގޭމްސްއިން އޭނާ އަށް ފުރުސަތު ދޭން ނިންމީ އޮލިމްޕިކްސްގެ ޓްރައިޕާޓައިޓް ކޮމިޝަނުންނެވެ. އެއީ ވެސް ފަސޭހަ ދަތުރެއް ނޫނެވެ.

ޓޯކިޔޯ އޮލިމްޕިކްސްގެ ކުރިން ކޮލިފައިންގެ ނަތީޖާތަކަށް ބެލުމަށް ފަހު ނަބާހާގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ބެޑްމިންޓަން ކުޅުންތެރިންނަށް ވެސް ޓްރައިޕާޓައިޓް ކޮމިޝަނުން އެ ފުރުސަތު ދިނެވެ. އެކަމަކު މިފަހަރު އޮލިމްޕިކްސް އަށް ކުރިމަތިވި އިރު ޓްރައިޕާޓައިޓް ކޮމިޝަނަށް އެ ކުޅުންތެރިންގެ ކުޅުން އަޅައެއް ނުގަތެވެ. އެ ފެންވަރުގައި އެ ކުޅުންތެރިންނަކަށް ހިފަހައްޓައެއް ނުލެވުނެވެ.

ނަމަވެސް ނަބާހާ ތަފާތެވެ. އެއް ފެންވަރެއްގައި ނުވަތަ އެއަށްވުރެ ބޮޑަށް ނަބާހާ ވަނީ އޭނާގެ ފެންވަރު މަތިކޮށް ހިއްލާލާފަ އެވެ. ނަތީޖާ އަކަށްވީ މިފަހަރު ވެސް ކޮލިފައިން މުބާރާތްތަކުގައި އޭނާ ނެރުނު ނަތީޖާތަކާ އެކު ޓްރައިޕާޓައިޓް ކޮމިޝަނުގެ ލޮލުގައި އޭނާގެ ކުޅުން އަޅައިގަތުމެވެ. އޭނާ އަށް އޮލިމްޕިކްސް ޖާގަ ދޭން މިފަހަރު ވެސް އެ ކޮމިޝަނުން ނިންމި އެވެ.

"ވަރަށް ޓަފް ޗެލެންޖެއް. ކުޅުން އެއް ފެންވަރެއްގައި ހިފަހައްޓައި ޕޮޒިޝަން ސަސްޓެއިން ކުރުން އަބަދު ވެސް ވާނީ އުނދަގޫ ޗެލެންޖަކަށް،" މީގެ ކުރިން "މިހާރު" އަށް ދިން އިންޓަވިއުގައި ނަބާހާ ބުންޏެވެ.

އޮލިމްޕިކްސް އަށް ދިއުމުގެ ކުރިން އޭނާ ވިސްނައިގެން ހުރީ އޭޝިއާގެ އޮލިމްޕިކްސްގައި އެންމެ ވަރުގަދަ އެއް ގައުމު ދެކުނު ކޮރެއާ އަށް ޓްރޭނިން ކޭމްޕްގައި ދިއުމަށެވެ. އެކަމަކު އޭނާގެ އަތުގައި ހިފަން ޖެހޭ އެންމެ މުހިންމު ވަގުތުގައި ބެޑްމިންޓަން އެސޯސިއޭޝަނުން އޭނާގެ އަތުގައި ނުހިފި އެވެ. ޓްރެއިނިން އަށް ކޮރެއާ އަށް ނުދެވުނީ އޭނާގެ ވިސާގެ ކަންކަން އެ އެސޯސިއޭޝަނުން ފުރިހަމަކޮށްފައި ނުވުމުންނެވެ.

ހިންގުން ބޮއްސުންލާފައިވާ އެސޯސިއޭޝަނަށް އެކަން އެނގޭ ކަމަކަށް ވެސް ނުވި އެވެ. އޭރު އެ އެސޯސިއޭޝަންގެ އޮފިޝަލަކު "މިހާރު" އަށް ބުނީ ކޮރެއާގެ ޓްރޭނިންއާ ބެހޭގޮތުން އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތީ ޓްރޭނިންގައި ލަންކާ އަށް ދާ ވާހަކަ،" ބީއޭއެމްގެ އޮފިޝަލަކު އޭރު ބުނެފައި ވެއެވެ.

ފަހުން "މިހާރު" އަށް އެނގުނު ގޮތުގައި، ލަންކާގެ ޓްރޭނިން އަށް ނަބާހާ ފޮނުވަން ބީއޭއެމުން އުޅުނީ ވިސާގެ ކަންކަމުގައި އެ އެސޯސިއޭޝަނުގެ އިހުމާލު ފޮރުވުމުގެ ގޮތުންނެވެ.

ކުރިމަތިވި ޗެލެންޖްތަކާ އެކު ވެސް ނަބާހާ މިވަގުތު އެހުރީ ޕެރިހުގައި ބެޑްމިންޓަނުން އަނެއްކާ ވެސް ރާއްޖެ ތަމްސީލު ކުރުމަށެވެ.

މިއަދު ޕީވީ ސިންދުއާ ދެކޮޅަށް ކުޅޭ މެޗުން އަންހެން ސިންގަލްސް ގުރޫޕް އެމް ފަށާނެ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ އެސްޓޯނިއާގެ ކްރިސްޓިން ކޫބާ އެވެ.