Roadha Mihaaru
ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ނައިފަރުގެ ފެނާއި ނަރުދަމާ ނިންމުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި

28 ޑިސެމްބަރ 2020

ޅ. ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް، ނިންމުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޅ. ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް، ނިންމުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފި އެވެ.

މި މަސައްކަތްތައް އަލުން ފައްޓަވާދެއްވާފައިވަނީ، ނައިފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ނައިފަރު ކައުންސިލްގެ ރައީސް ވިދާދު އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މީގެ ކުރިން އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް، ސަރުކާރުން އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްފައި ވަނީ އޮކްޓޯބަރު 26، 2020 ގަ އެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ހޮޅީގެ މައި ނެޓްވޯކްގެ ނުނިމި އޮތް ތިން ކިލޯ މީޓަރުގެ ފެން ހޮޅި އެޅުމާއި، އާރް.އޯ ޕްލާންޓްގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި އާރްއޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ ނުނިމިހުރި މަސައްކަތާއި، ފެން ރައްކާކުރުމަށް ބަހައްޓާފައިވާ ތާންގީތަކުގެ ނުނިމިހުރި މަސައްކަތާއި، ބޯހޯލް އަދި ރިޖެކްޓް ލައިންގެ މަސައްކަތް ކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ އެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކްގެ ނުނިމިއޮތް 3.5 ކިލޯ މީޓަރުގެ ނެޓްވޯކް ގާއިމްކުރުމާއި، 360 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ޕަމްޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި، އެއް ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެ އެވެ. އަދި ވޭލް ޗެމްބާ ބެހެއްޓުމުގެ މަސައްކަތާއި އެސްޓީޕީ ބިލްޑިންގެ ނުނިމި ހުރި މަސައްކަތާއި އެސްޓީޕީގެ ސިވިލް އަދި އިލެކްޓްރޯ މެކޭނިކަލް މަސައްކަތް ހިމެނެ އެވެ.

ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއު ނިންމުމުގެ މުއްދަތަކީ ފަސް މަސް ދުވަހެވެ.