Roadha Mihaaru
ގޭމް އޮފް ތުރޯންސް ގޭމް ހެދި މީހާ ވިހަވެ މަރުވެއްޖެ

"ގޭމް އޮފް ތުރޯންސް" ގޭމް އުފެއްދި މީހާ ވިހަވެގެން މަރުވެއްޖެ

29 ޑިސެމްބަރ 2020

ޖޯޖް އާރްއާރް މާޓިންގެ މަޝްހޫރު ވާހަކަ ސީރީޒް "ގޭމް އޮފް ތުރޯންސް" ގެ ވީޑިއޯ ގޭމް އުފެއްދި ޗައިނާގެ ވިޔަފާވެރިޔާ ލިން ކީ މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖޯޖް އާރްއާރް މާޓިންގެ މަޝްހޫރު ވާހަކަ ސީރީޒް "ގޭމް އޮފް ތުރޯންސް" ގެ ވީޑިއޯ ގޭމް އުފެއްދި ޗައިނާގެ ވިޔަފާވެރިޔާ ލިން ކީ މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިހަވި ކަމަށް ބުނާ މައްސަލައެއްގައި ލިން ހުކުރު ދުވަހު މަރުވީ މިދިޔަ ހަފުތާގެ ކުރީކޮޅު ހާލު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ.

"ގޭމް އޮތް ތުރޯންސް: ދަ ވިންޓަ އިޒް ކަމިން" ސްޓްރެޓެޖީ ގޭމް އުފެއްދި ލިންގެ މިލްކިއްޔާތު 6.8 ބިލިއަން ޔުއާން (1.04 ބިލިއަން ޑޮލަރު) އަށް އަރާ ކަމަށް ހުރޫން ޗައިނާ ރިޗް ލިސްޓުން ބުނެ އެވެ.

ޔޫޒޫގެ ނަމުގައި ވީޑިއޯ ގޭމް އުފައްދާ ކުންފުންޏެއް ހިންގަމުން ދިޔަ ލިން މަރުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، އޭނާގެ މުވައްޒަފެއްގެ މައްޗަށް ވަނީ ކާނާ އަށް ވިހަލިކަމުގެ ތުހުމަތުކުރެވިފަ އެވެ. އެކަމަކު އޭނާއާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ހަމައެކަނި އާންމުކޮށްފައިވާ މައުލޫމާތަކީ ތުހުމަތުކުރެވޭ މީހާ އަކީ ޒޫ ކިޔާ މީހެއް ކަމެވެ.

ޗައިނާގެ މީޑިއާތަކުން ބުނި ގޮތުގައި އެ މީހަކީ ޔޫޒޫގެ ފިލްމު ގޮފީގެ އިސްވެރިއަކަށް ހުރި ޒޫ ޔާއޯ އެވެ.

ޗައިނާގެ ޝަންހާއީގެ ޒިންހުއާ ޑިސްޓްރިކްޓްގައި ހެޑްކުއާޓަރު ގާއިމުކޮށްފައި ހުންނަ ޔޫޒޫ އަކީ ލިން 2009 ގައި އުފެއްދި ކުންފުންޏެކެވެ. އެތަނުގައި މަސައްކަތްކުރާ މީހުންގެ އަދަދު 2000 އަށް އަރަ އެވެ.

ލިންގެ މަރާ ގުޅިގެން ޔޫޒޫ އިން ނެރުނު ބަޔާނެއްގައި ބުނީ އުންމީދީ ވިޔަފާވެރިިޔާގެ ކުއްލި ވަކިވުމަކީ ކުންފުންޏާއި މުވައްޒަފުންނަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.

ލިން ކީ.

ލިން ކީ.

"ލިން އަހަރެމެންނާ އެކީގައި ދެން ނެތަސް އޭނާގެ ލެގަސީ ދަމަހައްޓައި، ލިންގެ ވިސްނުމާ އެއްގޮތަށް ކުންފުނީގެ މަސައްކަތް ކުރިއަށް ގެންދަން މަސައްކަތްކުރާނެ،" ބަޔާނުގައި ބުންޏެވެ.

ލިން އަކީ ކުޅަދާނަ ކެލިގްރާފަރެއްގެ އިތުރުން ހުނަރުވެރި ޅެންވެރިއެއް ވެސް މެ އެވެ. އަދި އޭނާ އަކީ ފިލްމު ޕްރޮޑިއުސަރެއް ވެސް މެ އެވެ.

ލިން ޕްރޮޑިއުސްކުރި ފިލްމުތަކުގެ ތެރޭގައި 2014 ގެ "ދަ ކްރޮސިން" އާއި އޭގެ ސީކްއެލް ދަ ކްރޮސިން 2 (2015) ހިމެނެ އެވެ. ޗައިނާގެ ސައިންސް ފިކްޝަން ވާހަކަ "ތުރީ-ބޮޑީ ޕްރޮބްލެމް" ގެ ރައިޓްސް ވެސް އޮތީ ލީންގެ އަތުގަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ލީ ވަނީ އޭގެ ރައިޓްސް ނެޓްފްލިކްސް ދޫކޮށްލައިފަ އެވެ.