Roadha Mihaaru
އަނެއްކާވެސް ޗައިނާގެ ބިލިއަނަރަކު "ގެއްލިއްޖެ"

އަނެއްކާވެސް ޗައިނާގެ ބިލިއަނަރަކު "ގެއްލިއްޖެ"

19 ފެބުރުއަރީ 2023

ޗައިނާގެ މަޝްހޫރު ބިލިއަނަރު އަދި އެ ގައުމުގެ ޕްރައިވެޓް އިންވެސްޓްމަންޓް ބޭންކް، "ޗައިނާ ރިނެއިސަންސް" ގެ ސީއީއޯ، ބައޯ ފާން ވީނުވީއެއް ނޭނގި ގެއްލި، އެކަމުގައި ޗައިނާ ސަރުކާރަށް ތުހުމަތު އަމާޒުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ޗައިނާގެ މަޝްހޫރު ބިލިއަނަރު އަދި އެ ގައުމުގެ ޕްރައިވެޓް އިންވެސްޓްމަންޓް ބޭންކް، "ޗައިނާ ރިނެއިސަންސް" ގެ ސީއީއޯ، ބައޯ ފާން ވީނުވީއެއް ނޭނގި ގެއްލި، އެކަމުގައި ޗައިނާ ސަރުކާރަށް ތުހުމަތު އަމާޒުވެއްޖެ އެވެ.

އުމުރުން 53 އަހަރުގެ ބައޯ ގެއްލުނުކަން ކަށަވަރުކޮށްދީ، ރެނައިސެންސް ކުންފުނިން ބުނީ އޭނާގެ ހަބަރެއް ނުވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ.

ޗައިނާ ރިނެއިސަންސްގެ ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ، ބައޯގެ އެއްވެސް މައުލޫމާތެއް އެނގެން ނެތް ކަމަށާއި، އޭނާ އަށް ނުވެސް ގުޅޭ ކަމަށެވެ.

ޗައިނާގެ ގެއްލުނު ބިލިއަނަރު، އަދި "ރެނައިސެންސް" ކުންފުނީގެ ސީއީއޯ ބައޯ ފާން

ޗައިނާގެ ގެއްލުނު ބިލިއަނަރު، އަދި "ރެނައިސެންސް" ކުންފުނީގެ ސީއީއޯ ބައޯ ފާން

ބައޯ ގެއްލިގެން އުޅޭ ކަމުގެ ހަބަރު މިހާރު ވަނީ ހޮންގް ކޮންގް ސްޓޮކް އެކްސްޗޭންޖަށް ވެސް އަންގައިފަ އެވެ. އެ ހަބަރާ އެކު އެ ކުންފުނީގެ ހިއްސާގެ އަގު 50 ޕަސެންޓާ ގާތްކުރާ އަދަދަކަށް ދަށްވި އެވެ.

ދާދި ފަހުން ރެނައިސެންސްގެ ރައީސް، ކޮންގް ލިން ވަނީ ޗައިނާގެ ތަންފީޒީ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެކަމާ، ބައޯ ގެއްލުމާ ގުޅުމެއް އޮވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، އެކަން އަދި ކަށަވަރެއް ނުވެ އެވެ.

މިއީ ޗައިނާގައި މި ފެންވަރުގެ މީހަކު ގެއްލުނު ފުރަތަމަ ފަަހަރެއް ނޫނެވެ. ދެހާސްވިހި ވަނަ އަހަރު އެ ގައުމުގެ ރިއަލް އެސްޓޭޓް ވިޔަފާރިވެރިޔާ ރެން ޒިކިއަންގް، ޗައިނާގެ ބޮޑުވަޒީރު ޝީ ޖިންޕިންގް ކޮވިޑްގެ ކަންކަން މެނޭޖުކުރައްވާ ގޮތަށް ފާޑު ކިޔުމާ އެކު ގެއްލުނެވެ. އަދި އޭނާ އަށް ފަހުން އޭނާގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުކޮށް، 18 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

އޭގެ އިތުރުން، 2017 ވަނަ އަހަރު ވޫ ޒިއައޯހުއި ކިޔާ އެގްޒެކެޓިވް ލެވެލްގެ މީހަކު ހައްޔަރުކޮށް، 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އަދި ހަމަ އެ އަހަރު، "ޓުމޯރޯ ހޯލްޑިންގް" ގެ ވެރިޔާ ޒިއާއޯ ޖިއަންހުއާ ހައްޔަރުކޮށް، މިދިޔަ އަހަރު އޭނާ އަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އޭގެ ކުރިން ވެސް، މުއްސަނދި ގިނަ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. އެހެންވެ، ބައޯ ގެއްލުމުގައި ސަރުކާރުގެ އަތެއް ވާކަމަށް ތުހުމަތު ކުރެވެ އެވެ.