Roadha Mihaaru
ބީއެމްއެލް އިސްލާމިކުން ގްރީން ފައިނޭންސިން

ބީއެމްއެލް އިސްލާމިކުން ގްރީން ފައިނޭންސިން ތައާރަފްކޮށްފި

27 ޑިސެމްބަރ 2020

ބީއެމްއެލް އިސްލާމިކުން ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް އަމާޒުކޮށް ގްރީން ފައިނޭންސިން ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލް އިސްލާމިކުން ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް އަމާޒުކޮށް ގްރީން ފައިނޭންސިން ތައާރަފްކޮށްފި އެވެ.

މިއީ އެނާޖީ އެފިޝަންޓް މުދާ ގަތުމަށް އިންވެސްޓްކުރުމަށާއި ސޯލާ ޕަވާ އުފެއްދުން ފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ތައާރަފްކުރި އާ ފައިނޭންސިން ފެސިލިޓީއެކެވެ.

ގްރީން ފައިނޭންސިން މެދުވެރިކޮށް، ޝަރުތު ފުރިހަމަވާ ކަސްޓަމަރުންނަށް ރަހުނަކާ ނުލައި 12 ޕަސެންޓުގެ ރޭޓުގައި 50،000ރ. އިން ފެށިގެން 500،000ރ. އާ ހަމަޔަށް ފައިނޭންސް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެެވެ. ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު މި ފައިނޭންސިން އަށް އެދި ހުށަހަޅާއިރު އަމިއްލައަށް އެއްވެސް ހަރަދެއްކުރާކަށް ނުޖެހޭނެ އެވެ.

މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން 20 މިލިއަން ރުފިޔާއާ ހަމައަށް ކުރާ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގުމަށް 10 ޕަސެންޓުގެ ރޭޓުގައި ރަހުނާ އެކު ގްރީން ފައިނޭންސިން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފެސިލިޓީ އަށް އެދި ހުށަހަޅާ ކަސްޓަމަރުން ޖުމްލަ ހަރަދުގެ 15 ޕަސެންޓް އަމިއްލަ އަށް ހަރަދު ކުރަން ޖެހޭނެ އެވެ. އަދި ފައިނޭންސް ކޮށްދޭ އަދަދުގެ 150 ޕަސެންޓަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަން ޖެހޭނެ އެވެ. މި ފައިނޭންސިން އަށް އަނބުރާ ފައިސާ ދެއްކުމުގެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 20 އަހަރު ވަނީ ކަނޑައަޅައިފަ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރު އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ މި ތައާރަފް ކުރެވުނު ގްރީން ފައިނޭންސިން އަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އަދި ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައާރަފް ކުރެވުނު ފެސިލިޓީއެއް ކަމަށެވެ.

"މިއަދު މި ތައާރަަފްކުރެވުނު ފެސިލިޓީއާއެކު ފަރުދުންނާއި ވިޔަފާރިތަކަށް ރަނގަޅު ޕްރޮޑަކްޓް ޕޯޓްފޯލިއޯއެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ގްރީން ފައިނޭންސިން އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެ އެވެ.

އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެ އެވެ.