Roadha Mihaaru
ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވަނީ

ބީއެމްއެލްގެ އިސްލާމިކް ބްރާންޗް ބުރާސްފަތި ދުވަހުގެ ރޭ ހުޅުވަނީ

27 ސެޕްޓެމްބަރ 2016

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފުރަތަމަ އިސްލާމިކް ބޭންކިން ބްރާންޗް އަންނަ ބުރާސްފަތި ދުވަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފުރަތަމަ އިސްލާމިކް ބޭންކިން ބްރާންޗް އަންނަ ބުރާސްފަތި ދުވަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިސްލާމިކް ބްރާންޗް ހުޅުވަން ޖެހިފައި ވަނީ ސީޓްރެކްސް ބިލްޑިންގައި ކުރިން ބާޒާރު ބްރާންޗް ހިންގި ތަނުގަ އެވެ. އަދި އެތަނުގައި ހިންގި ބާޒާރު ބްރާންޗް މިހާރު ވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ބީއެމްއެލް ލައިޓް ހިންގި ތަނަށް ބަދަލުކޮށްފަ އެވެ.

އެ ބޭންކުގެ އޮފިޝަލް ވިދާޅުވީ އެ ބޭންކުން ހުޅުވާ ފުރަތަމަ އިސްލާމިކް ބޭންކު ބްރާންޗްގެ ހިދުމަތް އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެ ކަމަށެވެ. އަދި އެ ބްރާންޗުން ދޭނެ ހިދުމަތްތަކުގެ ތަފުސީލް ފަހުން ހާމަކުރާނެ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

ބީއެމްއެލް އިން އިސްލާމިކް ބޭންކިންގެ ހިދުމަތް ދިނުމުގެ ގޮތުން އެ ބޭންކުގެ ހުރިހާ ބްރާންޗަކުން މިހާރު ވެސް "ވަދިއާ"ގެ ނަމުގައި ޕާސަނަލް އަދި ބިޒްނަސް އެކައުންޓް ކަސްޓަމަރުންނަށް ހުޅުވައިދެ އެވެ. އަދި އޭގެ އިތުރުން "ބީއެމްއެލް އިސްލާމިކް ވިސާ ޑެބިޓް ކާޑް" ގެ ނަމުގައި ކޭޝް ކާޑެއް ދޫކުރެ އެވެ.

އެ ބޭންކުގައި އިސްލާމިކް ބޭންކިންގެ ހިދުމަތާ ބެހޭ ގޮތުން ލަފާ ދިނުމަށް ރާއްޖެ އާއި ބޭރުގެ ދީނީ އިލްމުވެރިންތަކެއް ހިމެނޭ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް ވެސް އެކުލަވާލާފައިވެ އެވެ.

ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވާއިރު އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓްގެ 85 ޕަސެންޓް އަދި ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާވާ ގޮތަށް އުފެއްދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިދުމަތް ވަނީ މާޗް 7، 2011 ވަނަ އަހަރުން ފެށިގެން ދޭން ފަށައިފަ އެވެ.