Roadha Mihaaru

ބީއެމްއެލް އިސްލާމިކްއަށް 2.4 ބިލިއަންގެ ޑިޕޮސިޓް

މިހާތަނަށް ބީއެމްއެލް އިސްލާމިކަށް 2.4 ބިލިއަން ރުފިޔާގެ ޑިޕޮސިޓް ލިބިފައިވާ ކަމަށް އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އިސްލާމިކްއަށް 2.4 ބިލިއަންގެ ޑިޕޮސިޓް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

12 އެޕްރީލް 2025

މިހާތަނަށް ބީއެމްއެލް އިސްލާމިކަށް 2.4 ބިލިއަން ރުފިޔާގެ ޑިޕޮސިޓް ލިބިފައިވާ ކަމަށް އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވާސިޓީގެ "ސަނާބިލް" އިމާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ އެ ބޭންކުން އިސްލާމިކް ފައިނޭންސް ވަރަށް ބޮޑަށް ފުޅާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ބޭންކުގެ އިސްލާމިކްގެ ދަށުން ފައިނޭންސިންއަށް ތިން ބިލިއަން ރުފިޔާގެ ޕޯޓްފޯލިއޯއެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބޭންކުގެ އިސްލާމިކް ފައިނޭންސިންއަށް އޮތް އިތުބާރު ވަރަށް ބޮޑު ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ހިދުމަތް އިތުރަށް ފުޅާ ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަހަރު ތެރޭގައި އަތޮޅު ތެރޭގައި ހިންގާ ހަތަރު ބްރާންޗެއް ވާނީ ބީއެމްއެލް އިސްލާމިކްއަށް ބަދަލުކޮށްފައި. އަދި މިއަހަރު ނިމެން ވާއިރަށް ހުރިހާ އަތޮޅު ބްރާންޗެއްގައި ބީއެމްއެލް އިސްލާމިކްގެ ހަބްތަކަށް ބަދަލު ކުރުމުގެ ޕްލޭނާ އެއްގޮތަށް އަމަލީ މަސައްކަތް ނިމިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ އިސްލާމިކް ތައާރަފް ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. އެ ބޭންކްގެ ހިދުމަތްތައް ފަރުމާކޮށްފައިވަނީ އެކި ބާވަތްތަކުގެ އިސްލާމިކް ބޭންކިން ހިދުމަތްތައް ލިބޭ ގޮތަށެވެ. އޭގެ ތެރޭގައި އިސްލާމިކް އޯވަޑްރާފްޓާއި ފައިނޭންސިން އާއި ހައިބްރިޑް ހޯމް ފައިނޭންސިން ވެސް ހިމެނެ އެވެ. އަދި އެ ބޭންކުން ވަނީ ޝަރީއާ ހުއްދަކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑު ވެސް ތައާރަފްކޮށްފަ އެވެ.

އައިޔޫއެމްގެ ސަނާބިލް ބިލްޑިން އެޅުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތު.

އައިޔޫއެމްގެ ސަނާބިލް ބިލްޑިން އެޅުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތު.

ޝަރީފު ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ސަނާބިލް އިމާރާތް އެޅުމަށް އެ ޔުނިވާސިޓީން އިޝޫކުރި ސުކޫކުގައި އިންވެސްޓް ކުރުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ އިސްލާމިކް ފައިނޭންސިންގެ ފުރުސަތުތައް އިތުރުކޮށް ފުޅާ ކުރުމުގައި ބައިވެރިވުން ކަމަށެވެ. އަދި އެ ބޭންކުން ތައުލީމީ ދާއިރާއަށް ހާއްސަ އިސްކަމެއްދޭ ކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ އެ އިންވެސްޓްމެންޓްގެ ސަބަބުން އަންނަ އޮތް ޖީލަށް ތައުލީމީ ގާބިލް މީހުން ބިނާ ކުރުމުގައި ވެސް އެ ބޭންކަށް ބޮޑު އެހީތެރިކަމެއް ދެވިގެންދާނެ ކަމަށެވެ.

އެ ބޭންކުން މިހާރު ވެސް އަންނަނީ ބޭންކިން ދާއިރާއަށް ހާއްސަކޮށްގެން ސްކޮލާޝިޕް ޕްރޮގްރާމެއް ހިންގަމުންނެވެ. އެ ޕްރޮގްރާމުގެ ދަށުން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގައި ނުވަ ކުއްޖަކު އަންނަނީ ބޭންކިން ދާއިރާއިން ޑިގްރީއަށް ތައުލީމް ހާސިލުކުރަމުންނެވެ.

އިސްލާމިކް ޔުނިވާސިޓީއިން އަޅާ ހަތް ބުރީގެ އިމާރާތުގެ ޕްރޮޖެކްޓަށް ޖޫން، 2024 ގައި ހުޅުވާލި ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބްކުރުމާ އެކު، ބީއެމްއެލް އިސްލާމިކް ވެފައިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމެންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ. އެ ބޭންކުން ވަނީ ސުކޫކަށް 60 މިލިއަން ރުފިޔާ އިންވެސްޓްކޮށްފަ އެވެ.