Roadha Mihaaru
ބީއެމްއެލް އިން އިސްލާމިކް ކްރެޑިޓް ކާޑު ތައާރަފްކޮށްފި

ބީއެމްއެލް އިން އިސްލާމިކް ކްރެޑިޓް ކާޑު ތައާރަފްކޮށްފި

28 މެއި 2024

ބީއެމްއެލް އިސްލާމިކް އިން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު މިއަދު ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލް އިސްލާމިކް އިން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު މިއަދު ތައާރަފްކޮށްފި އެވެ.

އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުންކުރެވޭ ބީއެމްއެލް އިސްލާމިކްގެ އާ ކްރެޑިޓް ކާޑު މިއަދު ތައާރަފުކުރީ ބުކިންޑޮޓްކޮމް އަދި ޑައިނިން އެކްސްޕީރިއަންސް ފަދަ އޮފާތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށެވެ.

މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ އިން ދެއްކޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސުޓުމްކާ ރޭ ބޭއްވި ރަސްމިއްޔާތުގައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބީއެމްއެލްގެ ސީއީއޯ ކާލް ސުޓުމްކާ ރޭ ބޭއްވި ރަސްމިއްޔާތުގައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ހަދާފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފްކުރި ކާޑެއް ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓަރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެ އެވެ. ފްލައިޓް ޓިކެޓާއި ކާރު ކުއްޔަށް ނެގުމާއި ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖެ އިން ބޭރުގެ މާޗަންޓުންގެ ވައުޗަރު ހޯދުމަށް ވެސް ރިވޯޑް ޕްއިންޓް ބޭނުން ކުރެވޭނެ އެވެ.

ބީއެމްއެލްގެ ޑައިރެކްޓަ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ އިސްލާމިކް ކްރެޑިޓް ކާޑުތަކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ޕޭމަންޓް ސޮލިއުޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންގެ ބޭނުންތަކާއި ހިޔާރުކުރާ ކަންކަމަށް ބަލައި، ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ.

"ކަސްޓަމަރުންގެ ޑިމާންޑާ އެއްގޮތަށް ބީއެމްއެލް އިސްލާމިކް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކޮށް ތަރައްގީ ކުރުމަށް އެހީވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުން ކްރެޑިޓް ކާޑު ތައާރަފްކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ އިސްލާމިކް ކްރެޑިޓް ކާޑާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބީއެމްއެލްގެ އިސްލާމިކް ކްރެޑިޓް ކާޑާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ގްލޯބަލް ނެޓްވޯކް ސަވިސަސް، އޭޝިއާ އެންޑް ސައުތް ފެސިފިކް ގްރޯތް މާކެޓްސް، އެމެރިކަން އެކްސްޕްރެސް ގެ ވައިސް ޕްރެޒިޑެންޓް އަދި ޖެނެރަލް މެނޭޖަރު ޑިވްޔާ ޖައިން ވިދާޅުވީ، ރާއްޖޭގެ މާކެޓަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ކާޑަކީ ބީއެމްއެލްގެ ކާޑު މެންބަރުންނަށް އަގު ހުރި އަދި ދުނިޔޭގެ އެކި ތަންތަނުން ލިބޭ ފައިދާތައް ހޯދައިދިނުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ.

އަލަށް ބޭންކުން ތައާރަފްކުރި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ ބޭންކުން ދޫކުރާ އެހެން ކާޑުތަކާ އެއްގޮތަށް އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސްތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ މުއާމަލާތްތައް ކުރެވޭ ކާޑެކެވެ. ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ދޫކުރާނީ ސްޓޭންޑަޑް، ގޯލްޑް، އަދި ޕްލެޓިނަމް ކާޑުގެ ގޮތުގަ އެވެ.