Roadha Mihaaru
މުދާ ގަނެދޭ ހިދުމަތެއް ބީއެމްއެލް އިސްލާމިކުން ފަށައިފި

މުދާ ގަނެދޭ ހިދުމަތެއް ބީއެމްއެލް އިސްލާމިކުން ތައާރަފްކޮށްފި

29 އޮކްޓޯބަރ 2018

ވިޔަފާރި ފުޅާ ކުރުމަށްޓަކައި، ދިގު މުއްދަތެއްގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް މުދާ ގަތުމަށް ފައިސާ ފޯރުކޮށްދޭ ހިދުމަތެއް ބީއެމްއެލް އިސްލާމިކް އިން ތައާރަފްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވިޔަފާރި ފުޅާ ކުރުމަށްޓަކައި، ދިގު މުއްދަތެއްގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް މުދާ ގަތުމަށް ފައިސާ ފޯރުކޮށްދޭ ހިދުމަތެއް ބީއެމްއެލް އިސްލާމިކް އިން ތައާރަފްކޮށްފި އެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒު ކޮށްގެން މިއަދު ތައާރަފްކުރި ޖެނެރަލް ފައިނޭންސިން ފެސިލިޓީގެ ދަށުން ޝަރީއާ ހުއްދަ ކުރާ ކޮންމެ ބޭނުމަކަށް ވެސް 50،000 ރުފިޔާ އިން މަތީގެ އަދަދުތަކުގެ ފައިނޭންސިން ހަމަޖައްސައިދޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. ގަންނަ އެއްޗެއްގެ އަގުގެ 70 ޕަސެންޓާ ހަމަ އަށް ފައިނޭންސިން ހަމަޖައްސައިދޭ އެ ފެސިލިޓީން ނަގާ ތަކެއްޗަށް ފައިސާ ދައްކަން 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު 10 އަހަރު ދުވަސް ލިބޭނެ އެވެ.

ބީއެމްއެލް ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ ތަފާތު އެކިއެކި ކަންކަމަށް ބޭނުންވާ ފައިނޭންސިން ފޯރުކޮށްދޭ ހިދުމަތެއް އިސްލާމީ އުސޫލުތަކުގެ ތެރެއިން ތައާރަފް ކުރެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މި ހިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ހަރުމުދާ ގަތުމާ އާ ވިޔަފާރިއެއް ފެށުމަށާ އަދި ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ބޭނުންވާ ފައިނޭންސަށް ވެސް އެދި ހުށަހެޅޭނެ. މިއާ އެކު ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށް މިވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފަ،" އޭނާ ވިދާޅުވި އެެވެ.

މިއަދު ތައާރަފް ކުރި ހިދުމަތް ފަރުމާކޮށްފައި ވާނީ އިސްލާމިކް ބޭންކިންއާ ބެހޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ކަމަށް ބޭންކުން ބުންޏެވެ. އެގޮތުން ކަސްޓަމަރުން ޖަމާކުރާ ފައިސާ ބަހައްޓަނީ ވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގަ އެވެ. އަދި އެ ފައިސާ ބޭނުންކުރާނީ އިސްލާމީ ޝަރީއާ އަށް ފެތޭ ކަންކަމަށެވެ.

މި ހިދުމަތަށް އެދި ބީއެމްއެލް އިސްލާމިކް ބްރާންޗުންނާއި އަތޮޅުތަކުގައިވާ ބީއެމްއެލްގެ ބްރާންޗްތަކަށް ހުށަހެޅޭނެ އެވެ.