Roadha Mihaaru
މުސްއަބު ވަކިކުރީ ގާނޫނާ ޚިލާފަށްކަން ސާބިތެއް ނުވި

ޕީއެސްކަމުން މުސްއަބު ވަކިކުރީ ގާނޫނާ ޚިލާފަށް ކަން ސާބިތެއް ނުވޭ: ސިވިލް ކޯޓް

21 ޑިސެމްބަރ 2020

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓްރީ މުސްއަބް އަބްދުﷲ އެ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓްރީ މުސްއަބް އަބްދުﷲ އެ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މުސްއަބު އެ މަގާމުން ވަކިކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދިޔަ މައްސަލަތަކަކާ ގުޅިގެން ދުވަސްތަކެއް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު އެވެ.

އެ މައްސަލާގައި މުސްއަބު ދައުވާކުރީ އޭނާ ވަކިކުރަން ނިންމި ނިންމުން ބާތިލްކޮށް އަދި ވަޒީފާ އަނބުރާ އިއާދަ ކުރުމުގެ އިތުރުން ސަސްޕެންޑެން ކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ހޯދުމަށެވެ.

އެ މައްސަލާގައި މިދިޔަ ބުރާސްފަތިި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ މުސްއަބު ސަސްޕެންޑްކޮށް އަދި ވަކިކުރަން ނިންމީ އޭނާއާބެހޭ ގޮތުން ސީއެސްސީއަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން ކަމަށާއި ތަހުގީގު ނިމެންދެން ސަސްޕެންޑް ކުރުމުގެ ބާރު ސިވިލް ސާވިސް ގަވާއިދުގެ ދަށުން އެ ކޮމިޝަނަށް އޮންނަ ކަމަށެވެ. އަދި އޭނާ ވަކިކުރަން ނިންމީ ސިވިލް ސާވިސް ގަވާއިިދާ ޚިލާފްވިކަން ސީއެސްސީގެ ތަހުގީގުން ސާބިތުވެގެން ކަމަށްވާތީ އޭނާ ވަކި ކުރުމުގައި މައުލޫއީ އަދުލުވެެރިކަން ގާއިމް ކޮށްފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ސީއެސްސީން އެ މައްސަލަ ބެލުމުގައި ޖަވާބުދާރީވުމުގެ ފުރުސަތާއި ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށާއި އެހެންވެ، އިިޖްރާއީ އަދުލުވެރިކަން ވެސް އެ މައްސަލާގައި ގާއިމްވެފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންވެ، މުސްއަބު އެ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަން ސާބިތުނުވާ ކަމަށާއި އޭނާގެ ވަޒީފާ އަނބުރާ އިއާދަ ކުރުމަށް އަދި މުސާރަ އާއި އިނާޔަތްތައް ދޭން އަންގާނެ ތަނެއް ނެތް ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.