Roadha Mihaaru
ހުވަފެނީ މަންޒިލްގެ ފުރަތަމަ ދަތުރުން ބޮޑު އުފަލެއް

ހުވަފެނީ މަންޒިލަށް ކުރި ފުރަތަމަ ދަތުރުން ބޮޑު އުފަލެއް

17 ޑިސެމްބަރ 2020

ކިއާސްޓިން މެޑަލިން އޭނާގެ ބައިވެރިޔާއާ އެކު މިއަދު ރާއްޖެ އައުމަކީ އޭނާގެ ހުވަފެނީ ދަތުރު ހަގީގަތަކަށް ވުމެވެ. އެކަމަކު އޭނާ އަކީ މި އަހަރު ރާއްޖެ އައި ފަސް ލައްކަ ވަނަ ޓޫރިސްޓަށްވެ، ހީވެސް ނުކުރާ ގޮތަށް ދަތުރު ހާއްސަވުމުން ލިބުނު އުފާ އަދި މާ ބޮޑެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކިއާސްޓިން މެޑަލިން އޭނާގެ ބައިވެރިޔާއާ އެކު މިއަދު ރާއްޖެ އައުމަކީ އޭނާގެ ހުވަފެނީ ދަތުރު ހަގީގަތަކަށް ވުމެވެ. އެކަމަކު އޭނާ އަކީ މި އަހަރު ރާއްޖެ އައި ފަސް ލައްކަ ވަނަ ޓޫރިސްޓަށްވެ، ހީވެސް ނުކުރާ ގޮތަށް ދަތުރު ހާއްސަވުމުން ލިބުނު އުފާ އަދި މާ ބޮޑެވެ.

މިއަދުގެ ހެނދުނު ޖެއްސި އެމިރޭޓްސް ފްލައިޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް، މެޑަލިން، 33، ފޭބީ އެހެން ފަސިންޖަރުންނާ އެކީ ވަކި ހާއްސަކަމެއް ނެތި އެވެ. އޭރު އުންމީދުކުރީ އޭނާ ކްރިސްމަސް ޗުއްޓީ ހޭދަކުރަން ނިންމާފައިވާ ރޮބިންސަން ކްލަބް މޯލްޑިވްސް އަށް އަވަހަށް ގޮސް ރާއްޖޭގެ ރީތިކަން ދެކިލާށެވެ. ނަމަވެސް އިމިގްރޭޝަން ކައުންޓަރަށް ދިއުމުން ލިބުނީ ހީނުކުރާހާ އުފާވެރި ޚަބަރެކެވެ. އޭނާ ވީ ރާއްޖޭގެ ފަސް ލައްކަ ވަނަ ޓޫރިސްޓަށެވެ.

"ފަސް ލައްކަ ވަނަ ޓޫރިސްޓަށް ވާނެ ކަމަށް އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން. މި ކީ މަރުހަބާއާ މެދު ވަރަށް އުފާވޭ،" ޖަރުމަނަށް އުފަން، އުމުރުން 33 އަހަރުގެ މެޑަލިން ބުންޏެވެ.

އޭނާ ބުނީ އަންނަ އަހަރުގެ ކްރިސްމަސް ޗުއްޓީ އަށް ވެސް ރާއްޖެ އަންނާނެ ކަމަށެވެ. އަދި މި ލިބުނު އުފަލާ އެކު ރަހުމަތްތެރިން ވެސް ރާއްޖެ އައުމަށް އެދޭނެ ކަމަށް ބުންޏެވެ.

މި އަހަރު ރާއްޖެ އައި ފަސް ލައްކަ ވަނަ ޓޫރިސްޓު ކިއާސްޓިން މެޑަލިން ބޮޑުބެރު ލަވަޔަކަށް ނަށަނީ. -- ފޮޓޯ:އަވްޝަން އިލްޔާސް/މިހާރު

މި އަހަރު ރާއްޖެ އައި ފަސް ލައްކަ ވަނަ ޓޫރިސްޓު ކިއާސްޓިން މެޑަލިން ބޮޑުބެރު ލަވަޔަކަށް ނަށަނީ. -- ފޮޓޯ:އަވްޝަން އިލްޔާސް/މިހާރު

"މިއީ އެންމެ ހުވަފެނީ މަންޒިލް. ޖަރުމަނު މީހުންގެ މެދުގައި ރާއްޖެ ވަރަށް މަގުބޫލު،" މެޑަލިން ބުންޏެވެ.

މެޑަލިން ބުނީ ރާއްޖޭގެ ރީތި މޫދާއި ކަނޑު އަޑީގެ ރީތިކަން ބަލައިލަން ކެތްމަދުވެފައިވާ ކަމަށެވެ. ރާއްޖެއަކީ ގުދުރަތީ ރީތިކަމުން ފުރިފައިވާ ޖަޒީރާ ގައުމަކަށް ވާތީ މިއީ މިދުވަސްވަރު ޗުއްޓީ ހޭދަކޮލަން އެންމެ ރަނގަޅު މަންޒިލް ކަމަށް އޭނާ ދެކެ އެވެ.

ކިއާސްޓިން މެޑަލިން (ވ) އޭނާގެ ބައިވެރިޔާއާ އެއާޕޯޓްގައި. --ފޮޓޯ:އަވްޝަން އިލްޔާސް/މިހާރު

ކިއާސްޓިން މެޑަލިން (ވ) އޭނާގެ ބައިވެރިޔާއާ އެއާޕޯޓްގައި. --ފޮޓޯ:އަވްޝަން އިލްޔާސް/މިހާރު

މެޑަލިން ބުނީ އިމިގްރޭޝަންގެ ކަންކަމާއި، ކޮވިޑް-19 އަށް ކުރަންޖެހޭ ޕީސީއާރް ޓެސްޓް ހެދުމާއި އެއާޕޯޓުގެ ރައްކާތެރިކަން ހުރި ގޮތާ މެދު ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ނިންމީ ވެސް މި ސަބަބުތަކާ ހެދި ކަމަށް ބުންޏެވެ.

ޖަރުމަނަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. ކޮވިޑްގެ ތެރޭގައި ވެސް އެ ގައުމުގެ 32،000 ޓޫރިސްޓުން މި އަހަރު ރާއްޖެ އައިސްފައިވެ އެވެ.

ސަރުކާރުން މިއަހަރަށް ކަނޑައެޅި ފަސް ލައްކަ ޓޫރިސްޓުންގެ ޓާގެޓް މިއަދު ހަމަވިއިރު އަންނަ އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ވަނީ އަމާޒު ހިފައިފަ އެވެ.