Roadha Mihaaru
ބޮޑު ހިޔާނާތުގައި ހިމެނޭ ފަޅެއްގެ އޯނާޝިޕް ބަދަލުކުރަނީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފަޅެއްގެ އޯނާޝިޕް ބަދަލުކުރަނީ

18 މެއި 2022

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފަޅެއްގެ އޯނާޝިޕް ބަދަލުކުރުމަށްޓަކައި، އެ ފަޅާ ގުޅޭ ދަރަންޏެއް އޮތްތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފަޅެއްގެ އޯނާޝިޕް ބަދަލުކުރުމަށްޓަކައި، އެ ފަޅާ ގުޅޭ ދަރަންޏެއް އޮތްތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ، ރިސޯޓެއް ހެދުމަށް ކ. މާފުށި ކައިރިން ދޫކޮށްފައިވާ ފަޅެއް ކުއްޔަށް ދިނުމާ ބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހައި ހައްގުތައް، އެހެން ފަރާތަކަށް ބަދަލު ކުރަން ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އެކަން ކުރިޔަށް ގެންދިއުމަށްޓަކައި، އެ ފަޅާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ނަމަ އެކަން އެންގުމަށް ޓޫރިޒަމް މިނިސްޓްރީން އެދެ އެވެ. އެ ކަމަށް 14 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ލީޒް އެގްރީމެންޓް ބަދަލުކުރަން އެދިފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ ސަނީ ހޯލްޑިންސް އެވެ. އެ ކުންފުނީގެ ދަށުގައި އޮތް މި ފަޅު ބަދަލުކުރަނީ ކޮން ބަޔަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

ޓޫރިޒަަމް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ސަނީ ހޯލްޑިންސް އަށް ފަޅު ދިނީ އެ ކުންފުނި އުފެއްދުމުގެ ކުރިންނެވެ. ނަމަވެސް އޭރުގެ ބަންޑާރަ ނައިބު ވަނީ އެކަން އެހެންވި ނަމަ އެ ލީޒް އެގްރީމެންޓް ކުރިއަށް ގެންދަން އެދިވަޑައިގެންފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރިސޯޓު ހެދުމަށް ރާއްޖޭގެ 30 އަށް ވުރެ ގިނަ ފަޅު އެކި ފަރާތްތަކަށް ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ތިން ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ ފަޅުތައް ވެސް ހިމެނެ އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، އެމްއެމްޕީއާރުސީން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ އަށް ދޭން ޖެހޭ 1.5 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ. އެކަމަކު، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އަދަދުތަކުގެ ސައްހަކަން ކަށަވަރެއް ނުކުރެވެ އެވެ.