Roadha Mihaaru
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު

ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު

27 ޖޫން 2024

މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތައިލެންޑްގެ މީހަކު ހޮވިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތައިލެންޑްގެ މީހަކު ހޮވިއްޖެ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް، ޓޫރިޒަމް މިނިސްޓްރީން ދޭ އެންމެ ފަޚުރުވެރި މަގާމް، އެއް މިލިއަން ވަނަ ޓޫރިސްޓަށް ހޮވުނީ ތައިލެންޑްގެ ސުޓާޕާ އަމޯންވިވަތު 37، އެވެ. މި ފަޚުރު އޭނާއަށް މި ލިބުނީ ރާއްޖެއަށް ކުރި ދެވަނަ ދަތުރުގަ އެވެ.

ސުޓާޕާ އެންމެ ފުރަތަމަ ރާއްޖެ އައީ 2011 ގައި ހަނީމޫނަށެވެ.

އޭގެ 13 އަހަރު ފަހުން މިއަދު އެއާ އޭޝިއާގެ ބޯޓެއްގައި އޭނާ ރާއްޖެ އައީ، ފިރިމީހާ އާއި ދެ ކުދިންނާ އެކު ޗުއްޓީ ހޭދަކުރާށެވެ.

ސުޕާޓާ ޗުއްޓީ ހޭދަކުރަނީ ނިޔާމަ ޕްރައިވެޓް އައިލެންޑުގަ އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓުގެ ގޮތުގައި ސުޓާޕާއަށް މަރުހަބާކީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަށް މިނިސްޓަރު ފައިސަލް މަރުހަބާކިޔަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެއް މިލިއަން ވަނަ ޓޫރިސްޓަށް މިނިސްޓަރު ފައިސަލް މަރުހަބާކިޔަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓުގެ ޝަރަފާ އެކު ސުޓާޕާ އަށް ވަނީ ސިޔާމް ވޯލްޑް ރިސޯޓުގައި ފަސް ދުވަސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިފަ އެވެ.

މިދިޔަ އަހަރު އެއް މިލިއަން ވަނަ ޓޫރިސްޓު ހަމަވީ، ޖުލައި 16 ވަނަ ދުވަހު އެވެ. އެހެންވެ، މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓު ހަމަވެފައި މިވަނީ މިދިޔަ އަހަރަށް ވުރެ 15 ވަރަކަށް ދުވަސްކުރިންނެވެ.

މިއަހަރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓު އިތުރެވެ. މިމަހު އެވްރެޖުކޮށް ދުވާލަކު ރާއްޖެއަށް 4،000 ޓޫރިސްޓުން އަ އެވެ.

މިއީ ސުޓާޕާ ރާއްޖެ އައި ދެވަނަ ދަތުރު. އޭނާ ޗުއްޓީ ހޭދަކުރަން އައީ އާއިލާއާ އެކު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއީ ސުޓާޕާ ރާއްޖެ އައި ދެވަނަ ދަތުރު. އޭނާ ޗުއްޓީ ހޭދަކުރަން އައީ އާއިލާއާ އެކު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރާއްޖެއަށް މި އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާ އިންނެވެ. އެ ގައުމުން ވަނީ 115،000 ޓޫރިސްޓުން އައިސްފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން ވަނީ 100،000 ޓޫރިސްޓުންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ އިނގިރޭސިވިލާތެވެ. އެ ގައުމުން 90،000 ޓޫރިސްޓުން އަ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.