Roadha Mihaaru
ފައިޒާގެ ވެކްސިން އަށް އެމެރިކާ އިން ހުއްދަ ދީފި

ފައިޒާގެ ވެކްސިން އަށް އެމެރިކާ އިން ހުއްދަ ދީފި

12 ޑިސެމްބަރ 2020

ވޮޝިންޓަން (ޑިސެމްބަރު 12) - ކޮރޯނާވައިރަހަށް އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިނަށް އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 12) - ކޮރޯނާވައިރަހަށް އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިނަށް އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފި އެވެ.

އިމަޖެންސީ ބޭނުންތަކަށް ހުއްދަ ދެމުން އެފްޑީއޭ އިން ބުނެފައި ވަނީ މިއީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޮޑު ކުރިއެރުމެއް ކަމަށެވެ. އެފްޑީއޭ އިން ބުނެފައި ވަނީ ފައިޒާގެ ވެކްސިނަކީ ރައްކާތެރި އެއްޗެއް ކަމަށެވެ. އެ ވެކްސިނުން ކޮރޯނާވައިރަހުން 95 ޕަސެންޓް ރައްކާތެރިކޮށްދެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ހުއްދަ ދޭތާ 24 ގަޑިއިރު ތެރޭ އެމެރިކާގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ.

ފައިޒާގެ ވެކްސިނަށް މިހާރު ވަނީ އިނގިރޭސި ވިލާތް، ކެނެޑާ، ބަހުރޭން އަދި ސައުދީ އަރަބިއާ އިން ހުއްދަ ދީފަ އެވެ.

ފައިޒާގެ ވެކްސިނަށް އެފްޑީއޭ އިން ހުއްދަ ދީފައި ވަނީ ސަރުކާރުން މަޖްބޫރުކޮށްގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ ހުކުރު ދުވަހުގެ ރެއާ ހަމައަށް ވެކްސިނަށް ހުއްދަ ނުދީފި ނަމަ އެފްޑީއޭގެ ކޮމިޝަނަރު ސްޓެފަން ހާން އިސްތިއުފާ ދިނުމަށް ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް އަންގަވާފައިވާ ކަމަށެވެ.

ފައިޒާގެ ވެކްސިންގެ ޑޭޓާ ދައްކާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް އެ ވެކްސިން އިން 94 ޕަސެންޓް ރައްކާތެރިކަން ލިބެ އެވެ. ފައިޒާގެ ވެކްސިންގެ އަޖުމަ ބެލުމުގެ މަރުހަލާގައި 44،000 މީހުން ބޭނުން ކުރި އެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބައި މީހުންނަށް އަސްލު ވެކްސިން ދިން އިރު ބާކީ ތިބި މީހުންނަށް ދިނީ ޕްލެސީބޯ (ފޭކް އިންޖެކްޝަން) އެވެ.

ފައިޒާ އާއި ބަޔޯއެންޓެކުން ވެކްސިން އުފައްދާފައި ވަނީ ގާތްގަނޑަކަށް ދިހަ މަހެއްހާ ދުވަސްތެރޭގައި ވައިރަސްގެ ޖެނެޓިކް ކޯޑު ދެނެގަނެގެންނެވެ. މިއީ ވެކްސިނެއް އުފައްދަން ބަލާނަމަ ވަރަށް ކުރު މުއްދަތެކެވެ.

ވެކްސިން ދިން މީހުންގެ ހުރިހާ އުމުރު ފުރައެއްގެ މީހުންގެ ހަށިގަނޑުގައި ވެސް ކޮރޯނާވައިރަހަށް ދިފާއު އުފެދޭ ކަމަށް ތަހުލީލުތަކުން ދައްކާފައިވެ އެވެ. ކޮރޯނާވައިރަހުގެ ނުރައްކާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑު ނަމަވެސް، ފައިޒާގެ ވެކްސިން އިން މިހާރު އެ ވަނީ އެކަމުގެ ބިރަށް ވެސް ހައްލު ގެނެސްދީފަ އެވެ.

ފައިޒާ އާއި ބަޔޯއެންޓެކުން އުއްމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު 1.3 ބިލިއަން ޑޯޒުގެ ވެކްސިން ނެރެވޭނެ ކަމަށް އުއްމީދު ކުރެ އެވެ. ދެ ކުންފުނިން ވެސް ވެކްސިން އުފެއްދުމުގައި ބޭނުންކޮށްފައި ވަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ އެވެ. މިއީ ވެކްސިން އުފެއްދުމުގައި މީގެ ކުރިން ބޭނުންކޮށްފައި ނުވާ އީޖާދެކެވެ. ކުރިން ނަމަ ވެކްސިން އުފައްދަނީ އެ ބައްޔެއް ނިސްބަތްވާ ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެންނެވެ. އެކަމަކު މި ވެކްސިންގައި ބޭނުންކުރީ ސީދާ ކޮރޯނާވައިރަސްގެ ބަދަލުގައި އޭގެ ޖެނެޓިކް ކޯޑެވެ. އެ ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާވައިރަހާ ދެކޮޅަށް ދިފާއީ ބާރު އުފެދެ އެވެ. އަދި އެއްވެސް ގޮތަކުން ހަށިގަނޑު ތެރެއަށް ކޮރޯނާވައިރަސް ވަދެއްޖެ ނަމަ، އެ ގިނަވިޔަނުދީ، ބާރު ދެރަކޮށް، ނައްތާލަ އެވެ.

ފައިޒާ-ބަޔޯއެންޓެކްގެ ވެކްސިން ގަދަ ފިނީގައި ގެންގުޅެން ޖެހުމަކީ އެ ވެކްސިން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ދިމާވާނެ ގޮންޖެހުމެކެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފައިޒާ އިން ބުނެފައި ވަނީ ޑްރައި އައިސް ބޭނުންކޮށްގެން ޓެމްޕަރޭޗާ-ކޮންޓްރޯލްޑް ތާމަލް ޝިޕާސްތަކެއް އުފައްދާފައިވާ ކަމަށެވެ. ޑްރައި އައިސް ރިފިލް ކުރުމުން 15 ދުވަސް ވަންދެން ފިނިކަން ބެހެއްޓޭނެ ކަމަށް ފައިޒާ އިން ބުނެފައިވެ އެވެ.