Roadha Mihaaru
އެވަރެސްޓް ފަރުބަދަ "އުސްވެއްޖެ"

އެވަރެސްޓް ފަރުބަދައިގެ އުސްމިނާ މެދު ނޭޕާލާއި ޗައިނާ އެއްގަލަކަށް

10 ޑިސެމްބަރ 2020

ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގެ އުސްމިނާ މެދު އެ ފަރުބަދަ ހިއްސާކުރާ ނޭޕާލާއި ޗައިނާއިން އެތައް އަހަރެއް ވަންދެން އޮތް ހިޔާލު ތަފާތުވުން އެއްފަރާތްކޮށް އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގެ އުސްމިނާ މެދު އެ ފަރުބަދަ ހިއްސާކުރާ ނޭޕާލާއި ޗައިނާއިން އެތައް އަހަރެއް ވަންދެން އޮތް ހިޔާލު ތަފާތުވުން އެއްފަރާތްކޮށް އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ދެ ގައުމުން އެއްބަސްވެފައިވާ ގޮތުގައި އެވަަރެސްޓް ނޭޕާލާއި ޗައިނާގެ ފަޅިން ވަޒަންކުރި ނަމަވެސް އުސްމިނަކީ 8848.86 މީޓަރު (29,032 ފޫޓް) އެވެ. ފަރުބަދައިގެ ކުންނުގެ އުސްމިނާ މެދު 10 ވަރަކަށް އަހަރު ވަންދެން ބަހުސްކުރުމަށް ފަހު ދެ ގައުމުން ވެސް އާ އުސްމިނަށް ރަސްމީކޮށް އެއްބަސްވިކަން އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ޗައިނާ އިން 2005 ގައި ކުރިއަށް ގެންދިޔަ ސާވޭއަކަށް ފަހު ބުނަމުން ދިޔަ ގޮތުގައި އެވަރެސްޓް ފަރުބަދައިގެ އުސްމިނަކީ 8,844 މީޓަރު (29,015 ފޫޓް) އެވެ.

ނަމަވެސް ނޭޕާލުން ބުނަމުން ދިޔައީ ފަރުބަދައިގެ އުސްމިނަކީ 8,848 މީޓަރު (29,029 ފޫޓް) ކަމަށެވެ. ނޭޕާލުން އެ އުސްމިން ގަބޫލުކުރަމުން އައީ އިންޑިއާ އިން ފަރުދަބައިގެ އުސްމިން ސާވޭކުރަން 1955 ގައި ކުރިއަށް ގެންދިޔަ ސާވޭއަކަށް ރިއާޔަތްކޮށެވެ.

މިހާރު ދެ ގައުމުން އެއްބަސްވި ގޮތަށް ބަލާއިރު ފަރުބަދައިގެ އުސްމިނަށް ވަނީ 0.86 މީޓަރު އިތުރުވެފަ އެވެ.

ފަހުން ސައިންޓިފިކް ދިރާސާތަކެއްގައި ބުނެފައިވާ ގޮތުގައި 2015 ގައި ނޭޕާލަށް 7.8 މެގްނެޓިޓިއުޑްގައި އައި ބިންހެލުމުގެ ސަބަބުން އެވަރެސްޓްގެ އުސްމިނަށް ބަދަލުތަކެއް އައިސްފައިވެ އެވެ.

އެހެން ވިޔަސް ފަރުބަދައިގެ އުސްމިނާ މެދު މިހާރު ނޭޕާލާއި ޗައިނާ އެއްގަލަކަށް އަރާފައި ވަނީ ދެ ގައުމުން ފަރުބަދައާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ސާވޭތަކަށް ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު އެވެ. އެގޮތުން އެއްބަސްވުމަށް އައުމުގައި މައިގަނޑު ތިން ކަމަކަށް ރިއާޔަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ލެވެލިން އިންސްޓްރޫމަންޓާއި ގްރެވިޓީ މީޓަރާއި ޖީޕީސް އެވެ. އެގޮތުން އެ ތިން މެކޭނިޒަމް ބޭނުންކޮށްގެން ފަރުބަދައިގެ ސާވޭ ހަދައި ޑޭޓާ އެއްކޮށް އުސްމިން ދެ ގައުމުން ބަލައި، ކަށަވަރުކޮށްފައިވެ އެވެ

އެވަރެސްޓް ފަރުބަދަ އަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. އަދި އެ ފަރުބަދަ އަށް އެރުމަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަންދޭ ކަމެކެވެ.