Roadha Mihaaru
ކުނި އަޅާތީ ޒިކުރާ މިސްކިތް ތަޅާލައި، ބިން ސާފުކުރަނީ

ކުނި އަޅާތީ ޒިކުރާ މިސްކިތް ތަޅާލައި، ބިން ސާފުކުރަނީ

08 ޑިސެމްބަރ 2020

އިމާރާތްކުރަން ބަންދުކުރި ޒިކުރާ މިސްކިތް ހުރި ތަނަށް ކުނި އަޅައި ހަޑިކުރާތީ އެންމެ ފަހުން ތަޅާލައި، ބިން ސާފުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިމާރާތްކުރަން ބަންދުކުރި ޒިކުރާ މިސްކިތް ހުރި ތަނަށް ކުނި އަޅައި ހަޑިކުރާތީ އެންމެ ފަހުން ތަޅާލައި، ބިން ސާފުކުރަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަޖީދީ މަގުގައި ހުންނަ މިސްކިތް ހަޑިކުރާތީ ބައެއް މީހުންގެ ފަރާތުން ޝަކުވާ ލިބިފައިވާ ކަމަށެވެ. އެހެންވެ އެތަން ސާފުކޮށް ބޭއްވުމަށް، ޕްލޭނިން މިނިސްޓްރީ މެދުވެރިކޮށް، މިސްކިތް ތަޅާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިކުރާ މިސްކިތް ބަންދުކުރީ އޮފީސް އިމާރާތަކާ އެކު، 10 ބުރިއަށް މިސްކިތް ތަރައްގީކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ފަހު އެވެ. އެކަމަކު އެ މުއާމަލާތުގައި ހިޔާނާތް ހިމެނޭ ކަމަށް ތުހުމަތުކޮށް، އެގްރިމެންޓް ވަނީ ބާތިލްކޮށްފަ އެވެ.

އެސްޖޭގެ ފަރާތުން އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް މައްސަލައާ މެދު ވަކި ގޮތެއް އަދި ނުނިމެ އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރިއަށް ހަދަން އެސްޖޭއާ ހަވާލުކުރީ، ކުރީގެ ސަރުކާރުން، ޖުލައި 9، 2018 ގަ އެެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ރޭވި 130 މިލިއަން ރުފިޔާގެ މަޝްރޫއުގައި އެޑްވާންސް ފައިސާގެ ގޮތުގައި ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާ އެސްޖޭއަށް ދިނެވެ.

އެކަމަކު އޭގެ ފަހުން އަހަރެއް ވާން ކައިރިވިއިރު ވެސް އެއްވެސް މަސައްކަތެއް ނުފެށެ އެވެ. އަދި މިހާރުގެ ސަރުކާރުން އެސްޖޭ އަތުން އެ މަޝްރޫއު އަތުލި އެވެ.

އޭރު އެސްޖޭ އިން ވަނީ މިސްކިތުގެ އެއްބައި ތަޅާލައިފަ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި އާ މިސްކިތުގެ މަސައްކަތް ނުފެށުނީ އެ ބިމުގެ ރަޖިސްޓްރީ ނެތުމުންނެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރަން އެސްޖޭއަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތާ އެކު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރާއި އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުންނެވި އިބްރާހިމް އަބްދުﷲ ސައީދު، މ. މުހައްމަދީއާބާދުގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލައިފަ އެވެ.