Roadha Mihaaru
ޓްރާންސްފާ ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ: ފީފާ

ޓްރާންސްފާ ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ: ފީފާ

04 ނޮވެމްބަރ 2016

ޒިއުރިކް، ސްވިޒަލެންޑް (ނޮވެމްބަރު 4) - ފުޓްބޯޅަ ކުޅުންތެރިން އެއް ކްލަބުން އަނެއް ކްލަބަށް ބަދަލުވުމުގައި އޮންނަ ޓްރާންސްފާ ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޒިއުރިކް، ސްވިޒަލެންޑް (ނޮވެމްބަރު 4) - ފުޓްބޯޅަ ކުޅުންތެރިން އެއް ކްލަބުން އަނެއް ކްލަބަށް ބަދަލުވުމުގައި އޮންނަ ޓްރާންސްފާ ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ކުޅުންތެރިން ކްލަބް ބަދަލުކުރަން މިހާރު އަމަލުކުރަމުން އަންނަ ޓްރާންސްފާ ސިސްޓަމަކީ 2000 އާއި 2001 ވަނަ އަހަރު އެކުލަވާލި ސިސްޓަމެކެވެ. އިންފަންޓީނޯ ބުނީ މީގެ 15 ވަރަކަށް އަހަރާ އަޅާކިޔާއިރު ފުޓްބޯޅައިގެ ގިނަ ކަންތައްތަކެއް ބަދަލުވެފައިވުމުން ފުޓްބޯޅަ ކުޅުންތެރިން ޓްރާންސްފާ ސިސްޓަމަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

"މިހާރު މި އަމަލުކުރަނީ 15 އަހަރު ކުރީގެ ސިސްޓަމަކަށް. އޭގެ ފަހުން ކޮންމެ ޓްރާންސްފާ މާކެޓެއްގައި ގިނަ ކްލަބްތަކުން މި އަންނަނީ މިލިއަން ޑޮލަރުން ހަރަދުކުރަމުން. މީގެ އެބަޖެހޭ ދެފުށް ފެންނަ ގޮތަށް ފުޓްބޯޅައިގެ ހަމަހަމަކަން ނުގެއްލޭ ކަހަލަ ސިސްޓަމެއް ގާއިމްކުރަން،" ކުރިން ޔުއެފާގެ ގިނަ މަގާމުތަކެއްގައި މަސައްކަތްކުރެއްވި އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.-- ފޮޓޯ: އޭއެފްޕީ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.-- ފޮޓޯ: އޭއެފްޕީ

އޭނާ ވިދާޅުވީ މިހާރު މިއޮތް ސިސްޓަމް އޮތްގޮތުން މުއްސަނދި ކްލަބްތަކުން އަންނަނީ ގިނަ ގޮތްގޮތުން ފައިދާ ނަގަމުން ކަމަށާއި އެކަމަށް ހައްލެއް ހޯދަން ބޭނުންވާ ކަމަށެވެ.

"މުއްސަނދި ކްލަބްތަކުން މި އަންނަނީ ބޮޑު އަގުގައި ގިނަ ކުޅުންތެރިން ގަންނަމުން. ކޮންޓްރެކްޓަށް ބަލާއިރު ބައެއް ކުޅުންތެރިން ކްލަބް ބަދަލުކުރަން ބޭނުންވިޔަސް ދާން އޮތް ކްލަބަކުން ވަކި އަގެއް ނުދޭނަމަ އެ ކުޅުންތެރިއަކަށް ކްލަބް ބަދަލުކުރުމުގެ އިހުތިޔާރެއް ނޯވޭ. ކުޅުންތެރިންގެ ކެރިއަރަށް މިކަމުގެ ސަބަބުން ވަރަށް އަސަރުކުރޭ،" އިންފަންޓީނޯ ވިދާޅުވި އެވެ.

ޔުއެފާ އިން މީގެ އަހަރުތަކުގެ ކުރިން ހެދި ފައިނޭންޝިއަލް ފެއާ ޕްލޭ ސިސްޓަމަކީ ވެސް ފުޓްބޯޅަ ޓްރާންސްފާ ސިސްޓަމް ރަނގަޅުކުރަން ގާއިމްކުރި ސިސްޓަމެއް ކަމަށާއި އެހެން ނަމަވެސް އޭގެއިން ވެސް އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނުނުކުންނަ ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.