04 ނޮވެމްބަރ 2016
ތިން މުބާރާތް ކާމިޔާބުކުރުމުގެ އަމާޒުގައި ސީޒަނާ ކުރިމަތިލި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން، އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ކަޓުވާލައި މުބާރާތުގެ ސެމީ ފައިނަލުން ޔުނައިޓެޑް ވިކްޓަރީ މިރޭ ޖާގަ ހޯދައިދި އެވެ.
ތިން މުބާރާތް ކާމިޔާބުކުރުމުގެ އަމާޒުގައި ސީޒަނާ ކުރިމަތިލި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން، އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ކަޓުވާލައި މުބާރާތުގެ ސެމީ ފައިނަލުން ޔުނައިޓެޑް ވިކްޓަރީ މިރޭ ޖާގަ ހޯދައިދި އެވެ.
ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޔުނައިޓެޑް ވިކްޓަރީން އެފްއޭ ކަޕުގެ ސެމީ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެން 3-2 އިން މާޒިޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ 30 މިނެޓުގެ ކުޅުން ނިމުނުއިރު ދެ ޓީމު 0-0 އިން އެއްވަރުވެފައި އޮތްއިރު ދެ ޓީމުން ވެސް މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި މާޒިޔާ އިން އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާއިރު، ދެން އެ ޓީމަށް މި ސީޒަނުގައި ހޯދެން އޮތީ ޕްރެޒިޑެންޓްސް ކަޕެވެ. އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާނީ ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް ސެމީން ޖާގަ ހޯދި ކްލަބް ވެލެންސިއާއާ އެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި މާޒިޔާގެ ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކާމިޔާބުކުރިއިރު ދެ ޕެނަލްޓީ ދިޔައީ ބޭރަށެވެ. އަދި އެ ޓީމުގެ އެއް ޕެނަލްޓީ ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ގޯލްކީޕަރު މަހުމޫދު ޔޫސުފް މަތަކުރި އެވެ. ޔުނައިޓެޑް ވިކްޓަރީގެ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކުރިއިރު އެއް ޕެނަލްޓީ ކީޕަރު މަތަކޮށް އަނެއް ޕެނަލްޓީ ދިޔައީ ބޭރަށެވެ.
ޔުނައިޓެޑް ވިކްޓަރީ ކީޕަރު ޕެނަލްޓީ ޖަހަނީ: އޭނާ ޕެނަލްޓީއެއް މަތަވެސް ކުރި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުރަތަމަ ޕެނަލްޓީތައް ޔުނައިޓެޑުގެ ވިކްޓަރީގެ ވުކޮބްރަޓް ޑޯޑީ އާއި މާޒިޔާގެ އަހުމަދު ނަޝީދު (ނައްޓޭ) ކާމިޔާބުކުރި އެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓަރީގެ ކެރިކް އަންދްރޭގެ ޕެނަލްޓީ މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދު މަތަކުރިއިރު މާޒިޔާގެ ދެ ވަނަ ޕެނަލްޓީ މޫސާ ޔާމީން ޖެހުމުން ދިޔައީ ބޭރަށެވެ.
ތިން ވަނަ ޕެނަލްޓީތައް ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ގޯލްކީޕަރު މަހުމޫދު ޔޫސުފް އަދި މާޒިޔާގެ މުހައްމަދު އިރުފާން ކާމިޔާބުކުރި އެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓަރީގެ މޫސާ ހަސަން ބޭރަށް ޖެހިއިރު މާޒިޔާގެ އަސްހަދު އަލީ (އަޑުބަރޭ) ގެ ޕެނަލްޓީ ކީޕަރު މަތަކުރި އެވެ. އަދި ޔުނައިޓެޑް ވިކްޓަރީގެ ފަސް ވަނަ ޕެނަލްޓީ ހުސެއިން ޝިމާޒް (ކޮކީ) ކާމިޔާބުކުރުމުން އެ ޓީމަށް އެ ޓީމަށް ލީޑު ލިބުނެވެ. އަދި މާޒިޔާގެ ފަސް ވަނަ ޕެނަލްޓީ އެ ޓީމުގެ ޖިވްކޯ ޑިނޭފް އަތުން ބޭކާރުވުމުން ޔުނައިޓެޑް ވިކްޓަރީ އަށް މެޗު ކާމިޔާބުވި އެވެ.
އަނިޔާގެ ސަބަބުން މާޒިޔާގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ނުކުޅޭއިރު ކެޕްޓަން އަސަދުﷲ އަބްދުﷲ އެރީ ފަހު ހާފުގަ އެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލް ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ.
ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓުގައި މާޒިޔާގެ މުހައްމަދު އުމެއިރު ނުރައްކާތެރި ހިލޭ ޖެހުމެއް ފޮނުވާލިއިރު ޔުނައިޓެޑް ވިކްޓަރީ ކީޕަރު ދިފާއުކުރި އެވެ. އޭގެ އިރުކޮޅެއް ފަހުން އޭރިއާ ތެރެއިން ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިއެއްގެ ޓެކުލަކަށް މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) ވެއްޓުމުން މާޒިޔާ އިން ވަރަށް ބޮޑަށް ޕެނަލްޓީއަކަށް އެޕީލްކުރި އެވެ.
ޔުނައިޓެޑް ވިކްޓަރީ ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މާޒިޔާ އަށް 66 ވަނަ މިނެޓުގައި ގޯލް ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. އަރިމަތިން ނެގި ހުރަސް އުމެއިރު އަދި އާއްކޮ އަށް ލިބުނު ނަމަވެސް ކޮންޓްރޯލް ނުކުރެވުމުން ބޯޅަ ބޭކާރުވީ އެވެ. އޭގެ ފަހުން އަރިމަތިން ނެގި ހުރަހެއް ގޯލް ކުރިމަތިން ހުރަސް ވެގެން ދިޔައީ އަހުމަދު ރަޝީދު (އައްމަޑޭ) ގެ ފައިގައި ލައްވާނުލަ އެވެ.
ޔުނައިޓެޑް ވިކްޓަރީން ކުޅުންތެރިޔަކު މަދުވީ 79 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާ އެކު އެ ޓީމުގެ ރަފީނިއާ އަށް ރެފްރީ މުހައްމަދު ޖާވިޒް ރަތްކާޑު ދެއްކުމުންނެވެ. އޭގެ ތިން މިނެޓު ފަހުން މާޒިޔާގެ ނައްޓޭ އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅައެއް ގޯލް ދަނޑިއަށް އަމާޒުވި އެވެ. އިދިކޮޅު ޓީމުން އެކަކު މަދުވުމުގެ ފައިދާ މާޒިޔާ އަށް ނެގޭގޮތްނުވީ 89 ވަނަ މިނެޓުގައި އެ ޓީމުގެ އުމެއިރަށް ރެފްރީ ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރަކާ ދިމާލަށް އުމެއިރު އެއްޗެއް ބުނުމުން ރެފްރީ ކާޑު ދެއްކިތަން ފެނުނު ނަމަވެސް ބެލެވޭ ގޮތުގައި ރެފްރީ އެކާޑު ދެއްކީ ރެފްރީއަށް ނިސްބަތްކޮށް ބުނި އެއްޗެއް ކަމަށް ހީކޮށެވެ. މި ކާޑާ އެކު މާޒިޔާގެ އޮފިޝަލުން ވަރަށް ބޮޑަށް މައްސަލަ ޖެއްސި އެވެ.
ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރުބަލިކަން ފެނުނުއިރު ފެންނަ ފެނުމަށް ދެ ޓީމުން ވެސް ބޭނުންވީ ޕެނަލްޓީ އަށް ގެންދިއުމަށެވެ.
ޕެނަލްޓީން ޔުނައިޓެޑް ވިކްޓަރީ ކުރި ހޯދިއިރު މެޗަށް ފަހު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި އެވެ. މައްސަލަ ދިމާވީ، ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ކީޕަރު މެޗަށް ފަހު މާޒިޔާގެ ބެންޗު ކައިރިއަށް އައުމުން އެ ޓީމުގެ އޮފިޝަލަކު އޭނާ ކޮއްޕާލުމުންނެވެ. އެއާ އެކު ދަނޑު މަތީ އެ ވަގުތު ހުރި ޔުނައިޓެޑް ވިކްޓަރީގެ ސަޕޯޓަރަކު މާޒިޔާގެ އޮފިޝަލުންނަށް އިންޒާރު ދިނުމާ އެކު އެ ޓީމުގެ އޮފިޝަލަކު ދުވެފައި ގޮސް އޭނާ އަށް ހަމަލާދޭން މަސައްކަތްކުރި އެވެ. އެކަމަކު ދެ ޓީމުގެ އޮފިޝަލުން ވެގެން އޭނާ ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން ވެސް މާޒިޔާގެ އޮފިޝަލުންނާއި ސަޕޯޓަރުން ވަނީ ރެފްރީއަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
ފަހުހާފުގެ ލަނޑުތަކުން ޔޫވީ ބަލިކޮށް މާޒިޔާ ސެމީ އަށް
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބަދަލު ކީޕަރެއް ނެތުމުން ޔޫވީގެ ގޯލަށް އެރީ ޑިފެންޑަރު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ލޯނު އެއްބަސްވުމެއްގެ ދަށުން ކީޕަރު ނާޖީ މާޒިޔާއަށް
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ހަމްޕުގެ ހެޓްރިކަކާ އެކު މާޒިޔާއިން ޔޫވީ ބަލިކޮށްފި
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ