Roadha Mihaaru
ލޯނު އެއްބަސްވުމެއްގެ ދަށުން ކީޕަރު ނާޖީ މާޒިޔާއަށް

ލޯނު އެއްބަސްވުމެއްގެ ދަށުން ކީޕަރު ނާޖީ މާޒިޔާއަށް

13 އޯގަސްޓް 2023

ލޯނު އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެމުން އަންނަ ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ)، ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ގުޅިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލޯނު އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެމުން އަންނަ ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ)، ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ގުޅިއްޖެ އެވެ.

ޒުވާން ކީޕަރު ނާޖީ، 23، ލޯނު އެއްބަސްވުމުގެ ދަށުން މާޒިޔާއާ ގުޅުނީ މި ސީޒަންގެ ނިޔަލަށެވެ.

ލީގުގެ ފުރަތަމަ ބުރުގެ ހަތް މެޗުގައި ވެސް ޔޫވީގެ ގޯލު ބެލެހެއްޓީ ނާޖީ އެވެ. އޭނާ މާޒިޔާ އަށް ބަދަލުވުމުން ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވެލެންސިއާއާ ދެކޮޅަށް ޔޫވީގެ ގޯލު ބެލެހެއްޓީ ޒުވާން ގޯލްކީޕަރު މުހައްމަދު ޔާމީން އެވެ. ފުރަތަމަ ބުރުގެ ފަހު މެޗުގެ ފަހު ހަތްވަރަކަށް މިނިޓަށް ނާޖީގެ ބަދަލުގައި ޔާމީނަށް ފުރުސަތު ދީފައި ވެއެވެ.

ގައުމީ ޓީމް ސްކޮޑުގައި ވެސް ހިމެނޭ ނާޖީ އަކީ 2019 ވަނަ އަހަރު ޔޫތު ޗެމްޕިއަންޝިޕަށް ނިއު ރޭޑިއަންޓާ އެކު ޕްރެކްޓިސް ކުރުމަށް ފަހު، ނިއު ސަސްޕެންޝަންގައި އޮތުމުން އެޓީމަށް ވާދަ ނުކުރެވޭތީ، ޔޫވީ އަށް ބަދަލުވި ސްކޮޑްގެ ކުޅުންތެރިއެކެވެ. އޭނާ ޔޫވީގެ ސީނިއާ ޓީމުގެ ގޯލް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވީ 2019/2020 ސީޒަންގެ މެދުތެރޭންނެވެ.

ކުރިއަށް އޮތް އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގެ މެޗުތަކަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާ އިން ވަނީ އެޓީމަށް ގިނަ ބިދޭސީ ކުޅުންތެރިންތަކެއް ވެސް ގެނެސްފަ އެވެ. އެގޮތުން މިހާރު ވެސް އެޓީމުގައި ބިދޭސީ ހަތަރު ކުޅުންތެރިން ހިމެނެ އެވެ. ސީޒަން ފެށިއިރު ތިބި ހަތަރު ކުޅުންތެރިންގެ ތެރެއިން ޓީމުގައި ހުރީ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އެވެ.

ހަލީލްގެ އިތުރުން އެޓީމުން ވަނީ މީގެ ހަފްތާއެއް ކުރިން ސާބިއާގެ ފޯވާޑެއް ކަމަށްވާ ވޮޖިސްލާވް ބަލަބަނޮވިޗް އާއި ގާނާގެ މިޑްފީލްޑަރެއް ކަމަށްވާ ރޭގަން އޮބެންގް އަދި އޭއެފްސީ ކަޕް ކާމިޔާބު ކުރި ޑިފެންޑަރެއް ކަމަށްވާ ކްރޮއޭޝިއާގެ ސެބަސްޓިޖާން އެންޓިކްގެ ސޮއި ހޯދައިފަ އެވެ. މި ތިން ކުޅުންތެރިން ގެނައީ ބޮސްނިއާގެ މިޑްފީލްޑަރު އެލްޑާ ހަސަނޮވިޗާއި ސާބިއާގެ ފޯވާޑް ސްޓެފަން މިހައިލޮވިޗް އަދި ލިތުއޭނިއާގެ ޑިފެންޑަރު އެޑްގަރާސް ޒާކިސްގެ ކޮންޓްރެކްޓް އުވާލައިފަ އެވެ.