Roadha Mihaaru
ސުއަރޭޒްގެ ޓެސްޓާ ގުޅޭ ތުހުމަތެއް ޔުވެންޓަސްގެ މައްޗަށް

ސުއަރޭޒްގެ ޓެސްޓާ ގުޅޭ ތުހުމަތެއް ޔުވެންޓަސްގެ މައްޗަށް

05 ޑިސެމްބަރ 2020

ޓިއުރިިން (ޑިސެމްބަރު 5) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުވެންޓަސް އިން އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެ ޓީމަށް ގެންނަން އުޅުމުގެ ތެރޭގައި އޭނާ އަށް އިޓަލީގެ ޕާސްޕޯޓެއް ދޭން ކުރި މަސައްކަތުގައި ޔުވެންޓަސް އިން މަކަރުހަދާފައިވާ ކަމަށް ބުނެ އެ ޓީމުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފި އެވެ.

ޓިއުރިިން (ޑިސެމްބަރު 5) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުވެންޓަސް އިން އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެ ޓީމަށް ގެންނަން އުޅުމުގެ ތެރޭގައި އޭނާ އަށް އިޓަލީގެ ޕާސްޕޯޓެއް ދޭން ކުރި މަސައްކަތުގައި ޔުވެންޓަސް އިން މަކަރުހަދާފައިވާ ކަމަށް ބުނެ އެ ޓީމުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފި އެވެ.

ޔުވެންޓަސް އަށް ބަދަލުވާން ސުއަރޭޒް އިޓަލީ ޕާސްޕޯޓެއް ހައްދަން ޖެހުނީ ޔުވެންޓަސްގައި މިހާރު އީޔޫ އިން ބޭރު ކުޅުންތެރިންގެ ކޯޓާ ހަމަވެފައިވާތީ އެވެ. ސުއަރޭޒްގެ އަންހެނުންނަކީ އިޓަލީ ރައްޔިތެއް ކަމަށްވާތީ އޭނާ އަށް އިޓަލީ ޕާސްޕޯޓެއް ހަދަން ފުރުސަތު އޮތުމުން ޔުވެންޓަސް އިން އެކަން ކުރަން ބޭނުންވި އެވެ.

އުމުރުން 33 އަހަރުގެ ސުއަރޭޒް، އިޓަލީ ޕާސްޕޯޓް ހޯދުމުގެ ކުރިން ހަދާ ލެންގުއޭޖް ޓެސްޓް ހެދީ ސެޕްޓެމްބަރު މަހު 17 ވަނަ ދުވަހު ޔުނިވާސިޓީ އޮފް ފޮރިނާސް އިން ޕެރޫޖިއާގަ އެވެ. ސުއަރޭޒް ވަނީ އެކަށީގެންވާ މުއްދަތަށް ވުރެން އަވަހަށް ޓެސްޓްގެ ހުރިހާ ކަމެއް ނިންމާލައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނިވާސިޓީގެ ބައެއް އޮފިޝަލުންނާ ގުޅިގެން ޔުވެންޓަސް އިން އޮތީ ޓެސްޓްގެ ސުވާލުތައް ސުއަރޭޒަށް ކުރިން ދީފަ އެވެ. ސުއަރޭޒްގެ ޓެސްޓް ކަންތަކުގައި މައްސަލަތަކެއް ފެންމަތިވެދާނެތީވެ ޔުވެންޓަސް އިން ފަހުން ސުއަރޭޒް ނުގެންނަން ނިންމައި ފަހުން ސޮއިކުރީ އަލްވާރޯ މޮރާޓާ އެވެ.

މި މައްސަލައިގައި އިޓަލީގެ ޕްރޮސެކިއުޓަރު ރަފައެލް ކަންޓޯނޭ ކުރާ ދައުވާ އަކީ ޔުވެންޓަސްއާ މެދު ފިޔަވަޅު އެޅުމުގެ އިތުރުން ޔުވެންޓަސް އަށް އެހީވި އެ ޔުނިވާސިޓީގެ ހަތަރު އޮފިޝަލުން އަށް މަހަށް ސަސްޕެންޑް ކުރުމަށެވެ.

ޔުވެންޓަސް އިން ބުނީ މި މައްސަލަ ބެލުމަކީ އެ ކްލަބުން ވެސް އެދޭ ގޮތް ކަމަށާއި އެއީ އެ ކްލަބްގެ މައްޗަށް ކުރެވެމުން އަންނަ ތުހުމަތުތަކުން ސަލާމަތްވުމަށް ކަމަށެވެ. އަދި މި މައްސަލައިގައި ޕްރޮސެކިއުޓަރުން ދައުވާ ކުރަން ނިންމާފައި އޮތީ ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓިޗީގެ މައްޗަށް ކަމަށާއި އޭނާ ހުރީ ކޮންމެ ތަނެއްގައި ވެސް ކަމުގެ ހަގީގަތް ހާމަކުރަން ތައްޔާރަށް ކަމަށެވެ. ޕަރަޓިޗީ އަންނަނީ އެކަމުގައި އެެއްވެސް ގޯހެއް ނުހަދާ ކަމަށް އެކި ފަހަރު މަތިން ބުނެފަ އެވެ.

ޔުވެންޓަސް އަށް ބަދަލުވާން ސުއަރޭޒް ކުރި މަސައްކަތް ކާމިޔާބުނުވުމުން ހަތް މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް އޭނާ ގުޅުނީ އެތުލެޓިކޯ މެޑްރިޑާ އެވެ.