Roadha Mihaaru
ބޮނޫޗީ އާއި ސެންޑްރޯ އަށް ޗެލްސީން ބޮޑު ބިޑެއް

ބޮނޫޗީ އާއި ސެންޑްރޯ އަށް ޗެލްސީން 100 މިލިއަނުގެ ބިޑެއް

24 ޖޫން 2017

ޓިއުރިން، އިޓަލީ (ޖޫން 24) – ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އާއި ބްރެޒިލް ފުލްބެކް އެލެކްސް ސެންޑްރޯ ގަތުމަށް އިނގިރޭސި ޗެމްޕިއަން ޗެލްސީން 114 މިލިއަން ޔޫރޯ ހުށަހަޅައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓިއުރިން، އިޓަލީ (ޖޫން 24) – ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އާއި ބްރެޒިލް ފުލްބެކް އެލެކްސް ސެންޑްރޯ ގަތުމަށް އިނގިރޭސި ޗެމްޕިއަން ޗެލްސީން 114 މިލިއަން ޔޫރޯ ހުށަހަޅައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޓާގެޓްކޮށްފައިވާ ޗެލްސީން އެ ޓީމުގެ ޑިފެންސް ރަނގަޅު ކުރުމަށް ބޮނޫޗީ ގެންދަން މިދިޔަ ސީޒަނުގައި ވެސް މަސައްކަތްކުރި އެވެ. އެކަމަކު މި ފަހަރު ބޮނޫޗީގެ އިތުރުން ސެންޑްރޯ ގެންދަން ވެސް އެ ކްލަބް އޮތީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިޓަލީ ގައުމީ ޓީމުގެ ޑިފެންޑަރު ބޮނޫޗީ އަކީ ޗެލްސީގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ޔުވެންޓަސްގައި ތަފާތު ދައްކަން ފެށި ކުޅުންތެރިއެކެވެ. އޭނާ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ސެންޓްރަލް ޑިފެންޑަރެވެ. އޭނާ ފާހަގަކުރެވެނީ ފަހަތުން، އުފެއްދުންތެރި ބޯޅަތަކެއް ވެސް ތަނަވަސްކޮށްދޭ ޑިފެންޑަރެއްގެ ގޮތުގަ އެވެ.

ބޮނޫޗީ ގެންދަން މެންޗެސްޓާ ސިޓީން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނާއިރު އޭނާ އަކީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ވަރަށް ކަމުދާ ޑިފެންޑަރެކެވެ.

ސެންޑްރޯ ވިއްކާނުލާނެ ކަމަށާއި އެކަމަކު އެގޮތް ސެންޑްރޯ ބޭނުންވެއްޖެ ނަމަ އޭނާ ވިއްކާލާފާނެ ކަމުގެ އިޝާރާތެއް ޔުވެންޓަސް އިން ވަނީ ދީފަ އެވެ. އެ ކްލަބުން ބޮޑު އަގަކަށް އޭނާ ދޫކޮށްލާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ އެ ޓީމުން މިހާރު ވެސް އެ މަގާމަށް ކުޅޭނެ ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ކުރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕޯޗުގަލްގެ ޕޯޓޯ އިން 2015 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ސެންޑްރޯ އަކީ ކޮންޓޭ ބޭނުންކުރާ 3-5-2 ފޯމޭޝަނުގައި ފުލްބެކް މަގާމަށް ކުޅެން އެންމެ އެކަށީގެންވާ އެއް ކުޅުންތެރިއާ އެވެ.