Roadha Mihaaru
މޯލްޑިވްސް މެރިން އެކްސްޕޯ މިފަހަރު ވާޗުއަލްކޮށް

މޯލްޑިވްސް މެރިން އެކްސްޕޯ މި ފަހަރު ވާޗުއަލްކޮށް ބާއްވަނީ

03 ޑިސެމްބަރ 2020

މޯލްޑިވްސް މެރިން އެކްސްޕޯ މިއަހަރު ވަޗުއަލްކޮށް ބާއްވަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް މެރިން އެކްސްޕޯ މިއަހަރު ވަޗުއަލްކޮށް ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގައި ބާއްވާ ކަނޑުގެ އުޅަނދު ފަހަރުގެ އެންމެ ބޮޑު އެކްސްޕޯ، "މޯލްޑިވްސް މެރިން އެކްސްޕޯ" މި އަހަރުގެ އެޑިޝަން ބޭއްވާނީ މި މަހުގެ 20-22 އަށެވެ.

ވާޗުއަލްކޮށް މި އެކްސްޕޯ ބާއްވާއިރު، މިއީ ކަނޑުގެ އުޅަނދު ފަހަރު ވިއްކާ ފަރާތްތަކަށް އުފެއްދުންތައް ދައްކާލައި ގުޅުން ބަދަހިކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

މި އެކްޒިބިޝަންގައި މައިގަނޑު ތިން ކަމެއް ކުރިއަށް ގެންދާނެ އެވެ. އޮޑިޓޯރިއަމް ހަރަކާތައި ނެޓްވޯކް ޒޯންގެ އިތުރުން އެކްސްޕޯ ހޯލްގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދާނެ އެވެ. އޮޑިޓޯރިއަމް ހަރަކާތުގައި އިންޑަސްޓްރީގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކުން ބާއްވާ ހާއްސަ ވެބިނާތައް ވެސް އޮންނާނެ އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެބިނާތައް ކުރިއަށް ގެންދާނީ ރަޢްޖޭގެ މޫދުގެ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ.

ނެޓްވޯކް ޒޯންގެ ދަށުން އެކްސްޕޯގެ ބައިވެރިންނަށް އޮންލައިންކޮށް ގުޅުން ބަދަހި ކުރެވޭނެ އެވެ. އެކްސްޕޯ ހޯލްއަށް ދިއުމުން އާންމުންނަށް މި އެކްސްޕޯގެ ބައިވެރިންނާ ގުޅޭ އެންމެ މުހިއްމު މައުލޫމާތުތައް ލިބޭނެ އެވެ. މީގެ އިތުރުން ވީޑިއޯ ޗެޓް މެދުވެރިކޮށް ވެސް އެކްޒިބިޓަރުންނާ މުއާމަލާތް ކުރެވޭނެ އެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން މި އެކްސްޕޯ ކުރިއަށް ގެންދާތާ މިހާރު ހަ އަހަރުވެފައިވާއިރު، މިއީ ބޯޓުތަކާއި ކަނޑުގެ އުޅަނދުފަހަރު، ބައިނަލްއަގްވާމީ ޕްލެޓްފޯމެއްގައި ދައްކައިލުމަށް ލިބޭ ފުރުސަތެކެވެ. އެގޮތުން، އުޅަނދުފަހަރު ބަންނަ މީހުންނާއި ސަޕްލަޔަރުންނާއި ހިދުމަތް ފޯރުކޮށްދޭ މީހުންގެ އިތުރުން ބޮޑެތި ކުންފުނިތަކުންނާއި ވިޔަފާރިވެރިންނާ ގުޅުން ބަދަހި ކުރުމަށް މި އެކްސްޕޯގެ ތެރެއިން ފުރުސަތު ލިބޭނެ އެވެ.

މި އަހަރުގެ އެކްސްޕޯގައި ބައިވެރިވުމަށް މޯލްޑިވްސް މެރިން އެކްސްޕޯގެ ވެބްސައިޓް www.marineexpo.mv މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ. މީގެ އިތުރުން އިތުރު މައުލޫމާތު ހޯދުމަށްތަކާއި 7997974 އަށް ގުޅައިގެން ކުރައަށް ގެންދެވޭނެ އެވެ.