Roadha Mihaaru
އަޖުފާން އެކެޑަމީގެ މުބާރާތަކީ ކުރިއަަރަން ފުރުސަތެއް

އަޖުފާން އެކެޑަމީގެ މުބާރާތަކީ ކުރިއަަރަން ފުރުސަތެއް

28 ނޮވެމްބަރ 2020

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދުގެ "އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ" ގެ ބައިވެރިންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކީ ވާދަވެރި މާހައުލެއްގައި ކުރިއެރުމަށް ހޯދައިދޭ ފުރުސަތެއް ކަމަށް އޭނާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދުގެ "އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ" ގެ ބައިވެރިންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކީ ވާދަވެރި މާހައުލެއްގައި ކުރިއެރުމަށް ހޯދައިދޭ ފުރުސަތެއް ކަމަށް އޭނާ ބުނެފި އެވެ.

އެކެޑަމީގެ މަސައްކަތް ފެށިއިރު އަޖުފާން ވިސްނީ އިޖްތިމާއީ ފެންވަރުގައި ބެޑްމިންޓަން ކުޅޭ ބޮޑު އާބާދީއެއް ރާއްޖޭގައި އޮންނާތީ އެފަދަ ކުޅުންތެރިންނަށް ވެސް ފުރުސަތުތަކެއް ހޯދައިދޭށެވެ. އެގޮތުން ހަމައެކަނި ފިޓްވެލަން ކުޅުމުގެ ބަދަލުގައި އެ ކުޅުންތެރިންނަށް ރާއްޖޭގެ މުބާރަތްތަކުން ފުރުސަތު ހޯދައިދީ ރާއްޖޭން ބޭރުގެ ވެޓްރަންސް މުބާރާތްތަކުން ފުރުސަތު ހޯދައިދޭން ބޭނުންވެ އެވެ. އޭގެ ފުރަތަމަ މަސައްކަތަކީ މިދިޔަ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރު ބެޑްމިންޓަން ކޯޓުގައި ކުރިއަށް ގެންދިޔަ ޔުނިޓީ ކަޕެވެ.

ކޮވިޑް-19އާ ހެދި ސަލާމަތީ ގޮތުން ވެސް ބެލުމަށް ފަހު އެކަށީގެންވާ ވަކި އަދަދަކަށް ހަަމައެކަނި އެކެޑަމީ އަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުން ރަނގަޅު ކަންތައްތަކެއް ފެނިގެންދިޔުމުން އަޖުފާންގެ މަސައްކަތަށް ލިބުނީ އުއްމީދެކެވެ.

ގައުމީ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އަޖުފާން "މިހާރު" އަށް ބުނީ އަބަދު ވެސް ޓްރެއިނިންތަކެއް ހެދުމުގެ ބަދަލުގައި ވާދަކޮށްލައި ކުރިއަށް ދިއުން ވެސް އެއީ އޮތް ކަމެއްގެ ގޮތުގައި ދެކި ކުރިއަރަން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން އެކެޑަމީން އިންތިޒާމުކުރާ ޔުނިޓީ ކަޕަކީ އޭގެ މުހިއްމު ބައި ކަމަށް އޭނާ ބުންޏެވެ.

އަޖުފާން އެކެޑަމީގެ ބައެއް މެމްބަރުންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަޖުފާން އެކެޑަމީ/ ފޭސްބުކް

އަޖުފާން އެކެޑަމީގެ ބައެއް މެމްބަރުންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަޖުފާން އެކެޑަމީ/ ފޭސްބުކް

"މީގެން ކޮމްޕީޓް ކުރެވޭނެކަން ވިސްނައިދޭން ބޭނުމީ. އަބަދު ޓްރެއިނިން ނުހަދާ ވާދަކޮށްލައި މީގައި ކުރިއަށްދެވޭނެ ކަމުގެ ޔަގީންކަން ވިސްނައިދީ އެ މީހުން ކުޅޭތަން ފެނި އެހެން މީހުން ވެސް ޖޮއިން ވުން ބޭނުމަކީ. މީގެ ފައިދާ އޮތީ ބެޑްމިންޓަން ކޮމިއުނިޓީ އަށް،" އަޖުފާން ބުންޏެވެ.

އަޖުފާން ބުނީ ފުރަތަމަ ޔުނިޓީ ކަޕްގައި ކުޅުނު މީހުންނަކީ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހުގެ ޓްރެއިނިން އަށް ފަހު ކުޅުނު މީހުން ކަމަށާއި މި މުބާރާތުން އެ މީހުންގެ ކޮންފިޑެންސް ލެވަލް ކުރިއަށް ވުރެން ރަނގަޅުވާނެ ކަމަށެވެ. ވިސްނުމަކީ އެއް މުބާރާތުގެ ސެމީ އާއި ފައިނަލުގައި ވާދަކުރާ ކުޅުންތެރިން ދެން އޮންނަ މުބާރާތުގައި އެހެން ލެވަލެއްގައި ކުޅުވުން ކަމަށާއި އަދި ޕްލޭއޮފް ވިސްނުމާއި ލެވަލްތަކެއް ބަހައްޓައިގެން ތިން މަހުން އެއް މަހު ކަހަލަ ގޮތަކަށް މި ފަދަ މުބާރާތްތައް ރާވާނެ ކަމަށް އަޖުފާން ބުންޏެވެ.

"މިއީ ކުރިއަރަން ދޭ ފުރުސަތެއް ހަގީގަތުގައި،" އޭނާ ބުންޏެވެ.

އަޖުފާން ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން: އޭނާގެ އެއް އަމާޒަކީ މި އެކެޑަމީން ތަމްރީން ވެގެން އަންނަ ކުދިންނާއި ކުޅުންތެރިން ގައުމީ ލެވަލާއި އިންޓަނޭޝަނަލް ލެވަލްގައި ވާދަކުރުން.--- ފޮޓޯ: މިހާރު ފައިލް ފޮޓޯ

އަޖުފާން ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން: އޭނާގެ އެއް އަމާޒަކީ މި އެކެޑަމީން ތަމްރީން ވެގެން އަންނަ ކުދިންނާއި ކުޅުންތެރިން ގައުމީ ލެވަލާއި އިންޓަނޭޝަނަލް ލެވަލްގައި ވާދަކުރުން.--- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ގާތް މީހުންނާއި ހެޔޮއެދޭ މީހުންގެ އެހީތެރިކަމާ އެކު ހިންގާ އަޖުފާންގެ މި އެކެޑަމީގެ އަނެއް ބޮޑު މަސައްކަތަކީ 7 އަހަރުން ފެށިގެން 15 އަހަރާ ދެމެދުގެ ކުޅުންތެރިން ޑިވެލޮޕްކުރުމުގެ މަސައްކަތެވެ. އެ ކުދިންނަށް ހާއްސަކޮށް އަޖުފާންގެ ޕްލޭނަކީ ކޭމްޕެއް ގޮތަށް ކަންތައްތަކެއް ރޭވުވުމެވެ.

"ޑިސެމްބަރު މަހުގެ ތެރޭގައި މި ބަލަނީ އޯޕަން އޭޖް ގޮތަށް ކުޑަކުދިންނަށް ކޭމްޕްއެއް ބާއްވަން. ކުޑަކޮށް ކޮމްޕެޓިޓިވްކޮށް އެންޖޯއި ކުރެވޭ ގޮތަށް ކުދިންނަށް ކޭމްޕެއް ބާއްވައިދޭނަން. ހަމައެކަނި ފުރުސަތު އޮތީ އެކެޑަމީގެ ކުދިންނަށް އެކަންޏެއް ނޫން. މީގައި ފުރުސަތު އޮންނާނެ އެކެޑަމީ އަށް ޖޮއިންވާން ބޭނުންވާ ކުދިންނަށް ވެސް،" އަޖުފާން ބުންޏެވެ.

އަޖުފާން ހެޑްކޯޗަކަށް މަސައްކަތްކުރާއިރު އޭނާގެ ކޮއްކޮ އަދި ބެޑްމިންޓަން ތަރި އައިޝަތު އަފްނާން ރަޝީދު (ނާނު) ވެސް ކޯޗިންގައި ބައިވެރިވެ އެވެ. އަދި ކޯޗިންގެ ތެރެއިން ވެސް އިތުރު ބަޔަކަށް ފުރުސަތު ދޭން އަޖުފާން ބޭނުންވެ އެވެ. އަޖުފާން އެކަޑަމީއަށް ހާއްސަ ވެބްސައިޓެއް ވަރަށް އަވަހަށް ތައާރަފްކޮށް އެ ސައިޓް މެދުވެރިކޮށް ރަޖިސްޓްރީކުރުމާއި ޓްރެއިނިން ޕްލޭން ބެލުމާއި މުބާރާތްތަކުގެ ޝެޑިއުލް ފެންނާނެ އިންތިޒާމް އަންނަނީ ހަމަޖައްސަމުންނެވެ.