Roadha Mihaaru
މެޑެއްޔަށް އަމާޒުކޮށް ބެޑްމިންޓަން ޓީމު މޮރިޝަސް އަށް

މެޑެއްޔަށް އަމާޒުކޮށް ބެޑްމިންޓަން ޓީމު މޮރިޝަސް އަށް

08 ޖޫން 2017

މި މަހު އޮންނަ މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ގައުމީ ބެޑްމިންޓަން ޓީމު ބައިވެރިކުރަން ނިންމާފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި މަހު އޮންނަ މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ގައުމީ ބެޑްމިންޓަން ޓީމު ބައިވެރިކުރަން ނިންމާފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފި އެވެ.

މި މަހު 15 އިން ފެށިގެން 18 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާނެ ކުޅުންތެރިން ބީއޭއެމް އިން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ހަތަރު ކުޅުންތެރިންނާއި އަންހެން ހަ ކުޅުންތެރިންނެވެ.

ފިރިހެން ކުޅުންތެރިންނަކީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ނިބާލް އަހުމަދާއި މުހައްމަދު އަރްސަލާންގެ އިތުރުން ޓީމުގެ ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ ޒަޔާން ޒަކީ އާއި މުހައްމަދު އަޖުފާން އެވެ. އަންހެން ކުޅުންތެރިންނަކީ ނީލާ ނަޖީބު، ނަފްހާ ނަސްރުﷲ، މައިސާ ފަތުހުﷲ، އައިމިނަތު ޝަހުރުނާޒް އަދި ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އެވެ.

ބީއޭއެމުން ބުނީ މީގެ ތެރެއިން ފަސް ކުޅުންތެރިއަކު ދާނީ އެސޯސިއޭޝަނުން ހުރިހާ ހަރަދެއް ކުރާ ގޮތަށް ކަމަށާއި އެހެން ކުޅުންތެރިންނަށް ހަރަދުގެ އެއް ބައި ދޭނެ ކަމަށެވެ. އެއީ އެސޯސިއޭޝަނުން އަމަލުކުރަމުން އަންނަ ކްރައިޓީރިއާގައި ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގެ ހާޒީރިއާ އެހެން ކަންތައްތަކަށް ބެލުމަށް ފަހު ކަމަށް ބީއޭއެމުން ބުނެ އެވެ.

ބީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު "މިހާރަ"ށް ވިދާޅުވީ މޮރިޝަސް މުބާރާތަކީ އެފްރިކާގެ ކުޅުންތެރިން ގިނައިން ވާދަކުރާ މުބާރާތެއް ކަމަށް ވެފައި މީގެ ކުރީގައި ދިވެހި ކުޅުންތެރިން އެފްރިކާ މުބާރާތްތަކުގައި ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު މި ފަހަރު މެޑެއްޔަކަށް އުއްމީދުކުރާ ކަމަށެވެ.

"އޭޝިއާގައި ބެޑްމިންޓަންގެ އެންމެ ރަނގަޅު ކުޅުންތެރިން މިތިބީ. ދެން އެފްރިކާގައި އޮންނަ މުބާރާތްތަކުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ކުޅުންތެރިންނަށް މިހާރު ސެމީ ފައިނަލުގައި ނޫނީ ފައިނަލުގައި ކުޅެ މެޑެއްޔަކާ ހަމައަށް ދެވޭނެ. އެއީ މީގެ ކުރިން ދިވެހި ކުޅުންތެރިން އެފްރިކާ މުބާރާތްތަކުގައި އެބަހުރި ކުއާޓާގައި ވެސް ކުޅެފައި،" އިޝްފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން ބެޑްމިންޓަން ވޯލްޑް ރޭންކިންގައި ދިވެހި ކުޅުންތެރިންނަށް ކުރިއަށް ޖެހިލުމުގެ ބޮޑު ފުރުސަތެއް އެބައޮތް ކަމަށެވެ.

މިދިޔަ އަހަރު ނޭޕާލާއި ބަންގްލަދޭޝްގައި އޮތް މުބާރާތުގައި ދިވެހި ކުޅުންތެރިންވަނީ ރަނގަޅު ވާދައެއް ކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވޯލްޑް ރޭންކިންގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

މި މުބާރާތުގައި ވާދަކުރަން ބީއޭއެމުން ނިންމާފައިވަނީ ވެސް 2019 ވަނަ އަހަރުގެ އިންޑިއާން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެއްޔެއް ގެނައުމުގެ މަސައްކަތުގެ ތެރެއިންނެވެ. ބީއޭއެމުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ނަތީޖާ ނެރެވޭ މުބާރާތްތަކުގައި ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ބައިވެރިވާނެ ކަމަށެވެ.

މޮރިޝަސް މުބާރާތުގައި ވާދަކުރުމަށް ގައުމީ ބެޑްމިންޓަން ޓީމު ފުރާނީ މި މަހު 12 ވަނަ ދުވަހު އެވެ. މި މުބާރާތުގައި ގައުމީ ބެޑްމިންޓަން ޓީމުގެ ސްޕޮންސަރަކީ މޮރިޝަސް ކޮމާޝަލް ބޭންކް އެވެ.