Roadha Mihaaru
ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

16 ނޮވެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.

ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެއްދީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (އައިސީއޭއެމް) މެމްބަރު ކަމާ އޭނާ ހަވާލުވެ ވަޑައިގަތުމުންނެވެ.

މަޖިލީހުގެ މެމްބަރުން ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުން ގާނޫނުއަސާސީގެ ދަށުން މަނާ ވާތީ ޔައުގޫބްގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހަައްމަދު ހަލީމް އާއި ވަކީލް އައްސަދު ޝަރީފެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ މެމްބަރުން ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުން ގާނޫނުއަސާސީން މަނާކުރީ ސަރުކާރުގެ ނުފޫޒެއް ނެތި، ތިން ބާރު ވަކިވުމުގެ އުސޫލާ އެއްގޮތަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ފުރުސަތު ދިނުމަށް ކަމަށެވެ. ގާނޫނުއަސާސީގައި ދައުލަތުގެ ވަޒީފާއަކީ ކޮބައިކަން ބުނެދީފައި ނެތަސް، ފަންނީ ދާއިރާތައް އަމިއްލަ އަށް ރެގިއުލޭޓް ކުރަން ގާނޫނުތަކުން އުފެދޭ ކައުންސިލްތަކަކީ ދައުލަތުގެ ވަޒީފާއެއް ނޫން ކަމަށާއި ސަބަބަކީ އެފަދަ ކައުންސިލްތަކުގެ މަސައްކަތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ސަރުކާރަށް ނޯންނާތީ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވުމުން ޔައުގޫބް ހަވާލުވެ ވަޑައިގަތް އައިސީއޭއެމްގެ މެމްބަރު ކަމަކީ ދައުލަތުގެ ވަޒީފާއެއް ނޫން ކަމަށް ހުކުމުގައި ބުންޏެވެ.

ހުކުމުގައި ވަނީ ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުން މެމްބަރުންނަށް ގާނޫނުއަސާސީން މަނާވިޔަސް، އެފަދަ ވަޒީފާއެއް އަދާކޮށްފި ނަމަ އަމަލު ކުރާނެ ގޮތެއް ގާނޫނުއަސާސީގައި ނެތް ކަމަށެވެ. މެމްބަރު ކަން ގެއްލޭނެ ހާލަތްތަކާއި ކުރުން މަނާ ކަންކަން ގާނޫނުއަސާސީގައި ވަކިން ލިޔެފައި އޮތް ކަން ފާހަގަކޮށް، ހުކުމުގައި ވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކުރާ ކަންކަމުގެ ނަތީޖާއަކީ ކޮބައިކަން ގާނޫނުއަސާސީގައި ބުނެފައި ނެތް ނަމަ ކޯޓުތަކުން އަމިއްލައަށް އިތުރު ފިޔަވަޅުތައް އެޅުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. އެއީ ގާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ކޯޓުތަކުން ވަނުން ކަމަށާއި މަނާ ކަމެއް ކުރުމުން ވަކިި ނަތީޖާއެއް ނުކުންނަ ނަމަ، އެކަން ގާނޫނުއަސާސީގައި ބުނެފައި އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ ގާނޫނުއަސާސީގައި ބުނެފައި ނުވާ ކަމެއް ލަފައެއްގެ މައްޗަށް ބިނާކޮށް ކޯޓުތަކުން ކަންކަން ނުނިންމޭނެ ކަމަށާއި އެކަން ކުރުމަކީ ކޯޓުތަކުން އަމިއްލަ އަށް ގާނޫނުއަސާސީ އަށް އުނި އިތުރު ގެނައުން ކަމަށެވެ. އަދި ޔައުގޫބްގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ނިންމައިފި ނަމަ، އެއީ ސުޕްރީމް ކޯޓުން އަމިއްލަ އަށް ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް ވެދާނެ އެކަމަކު އެ ބާރު އޮތީ މަޖިލީހަށް އެކަނި ކަމަށް ވެސް ހުކުމުގައިވެ އެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވާ ގޮތުން، ސިޔާސީ ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ކުރި ހުކުމަކީ އެ ކޯޓަށް ލިބިގެންވާ ބާރުގެ ތެރެއިން ކުރި ހުކުމެއް ނޫނެވެ. ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިނުވާ ކަމަށާއި ގާނޫނުއަސާސީ ދީފައި ނުވާ ބާރެއް ސުޕްރީމް ކޯޓަށް ވެސް ނޯންނާނެ ކަމަށާއި އެފަދަ ކޮންމެ ނިންމުމެއް ބާތިލު ވާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ހުކުމުގައި ބުނީ، އާންމު ފަރާތްތަކަށް މެމްބަރުންގެ ގޮނޑިއާ މެދު ސުވާލު އުފައްދައި، ސުޕްރީމް ކޯޓަށް މައްސަލަ ހުށަނޭޅޭނެ ކަމަށް ޔައުގޫބްގެ ފަރާތުން ފާހަގަ ކޮށްފައި ވިޔަސް، ދުސްތޫރީ މައްސަލަތައް އާންމުން ވެސް ހުށަހެޅޭނެ ކަމަށެވެ. ގިނަ ގައުމުތަކުގައި ދުސްތޫރީ މައްސަލަތައް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށާއި ހުކުމުގައި ވަނީ އެއީ ގާނޫނުގެ ވެރިކަން ނަގަހައްޓައި އަދި ދައުލަތުގެ ވެރިން ޖަވާބުދާރީކުރުވަން މުހިންމު ކަމެއް ކަމަށެވެ. ރާއްޖޭގައި މިހާތަނަށް ވެސް އަމަލުކުރީ އެ އުސޫލުން ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެފަދަ މައްސަލަތައް އާންމު އުސޫލުން ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަނަށް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމެއްގައި ބުނެފައި ވިޔަސް، އެގޮތަށް ބަޔާންކުރާ ގާނޫނީ ހަމައެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. އާންމުންނަށް އެފަދަ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދިނުމާ މެދު ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކުން އެނގެން އޮތަސް، އެކަން ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ހަނިކޮށްފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

ޔައުގޫބް ހަވާލުވެވަޑައިގަތީ ދައުލަތުގެ ވަޒީފާއަކާ ނޫން ކަމަށާއި ގާނޫނުއަސާސީގައި ކުރުން މަނާކަމެއް ކުރުމަކީ މެމްބަރުކަން ގެއްލޭނެ ހާލަތެއް ނޫން ކަމަށް ވާތީ، އެއީ ޔައުގޫބްގެ މެމްބަރުކަން ގެއްލޭނެ ކަމެއް ނޫން ކަމަށް ހުކުމްކުރީ ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރާއި އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

އެ މައްސަލަ ނިމެންދެން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގައި ޔައުގޫބް ބައިވެރިވުން ހުއްޓުވުމުގެ އަމުރަކަށް އެދުނަސް، ސުޕްރީމް ކޯޓުން ކުރިން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ޔައުގޫބްގެ މެމްބަރު ކަމާ މެދު ސުވާލު އުފައްދަން ފެށުމުން އޭނާ ވަނީ އައިސީއޭއެމްގެ ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.