Roadha Mihaaru
ޔައުގޫބުގެ މައްސަލަ އަންނަ ހަފުތާއަށް ފަސްކޮށްފި

ޔައުގޫބުގެ ގޮނޑީގެ މައްސަލަ އަންނަ ހަފުތާއަށް ފަސްކޮށްފި

13 އޮކްޓޯބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލިފައިވާކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އަންނަ ހަފުތާ އަށް ފަސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލިފައިވާކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އަންނަ ހަފުތާ އަށް ފަސްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އަޑުއެހުން ފަސްކުރީ ޔައުގޫބުގެ ފަރާތުން އެގޮތަށް އެދިވަޑައިގަތުމުންނެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން ފުރަތަމަ ޝެޑިއުލްކުރީ އަންނަ ބުރާސްފަތި ދުވަހަށެވެ. އެކަމަކު މިހާރު އެ އަޑުއެހުން ތާވަލްކޮށްފައިވަނީ އަންނަ ބުދަ ދުވަހަށެވެ.

ޔައުގޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފައްދައި އެ މައްސަލަ ކޯޓަށް ހުށަހެޅީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން މިދިޔަ މަހުގެ 14 ގައި އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރުކަމާ ޔައުގޫބް ހަވާލުވެވަޑައިގަތުމުންނެވެ. ނަމަވެސް ގޮނޑިއާމެދު ސުވާލު އުފެދުމުން ޖެހިގެން އައި ދުވަހު އޭނާ ވަނީ ޗާޓާޑް އެކައުންޓެންޓް ކައުންސިލުން އިސްތިއުފާ ދެއްވައިފަ އެވެ.

ހަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ޔައުގޫބް، އެ މަގާމާ ހަވާލުވެވަޑައިގަތީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އާ ޚިލާފަށް ކަމަށެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ. އެ މާއްދާގެ ނ. ގައި މެމްބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރޭގައި ދަރަނި ނުދެއްކުމާއި އެއް އަހަރަށް ވުރެ ދިގު ޖިނާއީ ހުކުމެއް އައުމާއި ފަނޑިޔާރަކަށް ވުން ހިމެނެ އެވެ. ދައުލަތުގެ އެހެން މަގާމުތައް އަދާކުރުމަކީ މަނާ ކަމެއް ކަމަށް 73 ވަނަ މާއްދާގެ ރ. ގައި އޮތަސް، އެ ހާލަތުގައި މެމްބަރުކަން ގެއްލޭނެ ކަމެއް ނުވަތަ ނޫންކަން އެ މާއްދާއަކު ނެތެވެ.

ދިފާއުގައި ޔައުގޫބު މިހާތަނަށް ވިދާޅުވެފައި ވަނީ އެ މަގާމު ގަބޫލުކުރެއްވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ގާނޫނީ ލަފާ ލިބިވަޑައިގަތުމުންނެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން މެމްބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ، ވަކި ގޮތެއް ނިންމާނީ އެންމެ މަތީ ކޯޓުންނެވެ. މިހާތަނަށް މެމްބަރުން ގޮނޑި ގެއްލިފައި ހުރީ ޖިނާއީ ކުށްތައް ސާބިތުވެގެންނާއި ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުންނެވެ. ވަކި މަގާމެއް ގަބޫލުކޮށްގެން މިގޮތަށް މެމްބަރުކަމާ މެދު ސުވާލު އުފެދުނު މިއީ ފުރަތަމަ ފަހަރެވެ.