Roadha Mihaaru
ވަޒީފާއަކުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނެތަ؟!

ޔައުގޫބްގެ ގޮނޑިއާ މެދު އުފެދުނު ސުވާލު: އެހެން ވަޒީފާއަކުން މެމްބަރުގެ ގޮނޑި ގެއްލޭނެތަ؟!

23 ސެޕްޓެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ މެދު ސުވާލު އުފެދި، ސުޕްރީމް ކޯޓުން ބަސް ބުނަން ޖެހުމަކީ އާ ކަމެއް ނޫނެވެ. ފެހި ގާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރި ފުރަތަމަ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ދޮޅު އަހަރުގެ އަރުވާލުމުގެ ހުކުމެއް 2011 ގައި އައުމުންނާއި ހުކުމާ އެއްގޮތަށް ދަރަނި ނުދައްކައިގެން ބައެއް މެމްބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ގޮތް ނިންމަން ޖެހުނެވެ. ނަމަވެސް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ ގޮނޑި ގެއްލުނު ކަމާ މެދު އުފެދިގެން މި އުޅެނީ އާ ބާވަތުގެ ސުވާލެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ މެދު ސުވާލު އުފެދި، ސުޕްރީމް ކޯޓުން ބަސް ބުނަން ޖެހުމަކީ އާ ކަމެއް ނޫނެވެ. ފެހި ގާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރި ފުރަތަމަ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ދޮޅު އަހަރުގެ އަރުވާލުމުގެ ހުކުމެއް 2011 ގައި އައުމުންނާއި ހުކުމާ އެއްގޮތަށް ދަރަނި ނުދައްކައިގެން ބައެއް މެމްބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ގޮތް ނިންމަން ޖެހުނެވެ. ނަމަވެސް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ ގޮނޑި ގެއްލުނު ކަމާ މެދު އުފެދިގެން މި އުޅެނީ އާ ބާވަތުގެ ސުވާލެކެވެ.

ޔައުގޫބްގެ ގޮނޑި ހުސްވިކަމާ މެދު ސުވާލު އުފެދުނީ ދާދި ފަހުން ތަސްދީގު ކުރެއްވި ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (އައިސީއޭއެމް)ގެ ކައުންސިލްގެ މެމްބަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމުންނެވެ. އިންތިގާލީ މަރުހަލާގައި އެ ކައުންސިލަށް މެމްބަރުން އައްޔަން ކުރައްވަނީ އޮޑިޓާ ޖެނެރަލް އެވެ. ޔައުގޫބް އެ ކައުންސިލަށް އައްޔަން ކުރަން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނިންމެވީ އެކައުންޓެންސީ ފަންނުގެ ބޭފުޅެއްގެ ހައިސިއްޔަތުންނެވެ. އެ މަގާމު ގަބޫލުކުރެއްވި ހިސާބުން ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑިއާ މެދު އުފެދުނު ސުވާލު، އޭނާ އެ ކައުންސިލުން މިހާރު އިސްތިއުފާ ދެއްވާފައި ވިޔަސް، ނެތިގެންނެއް ނުދެ އެވެ. ޔައުގޫބްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމުގެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.

މަޖިލީހުގެ މެމްބަރުން އޮޓަމެޓިކުން މަގާމުން ވަކިވާނެ ހާލަތްތައް ބަޔާންކުރަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ނ. ގަ އެވެ. އެއީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމާއި ޖިނާއީ ކުށެއް ސާބިތުވެގެން އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމާއި އަދި ފަނޑިޔާރު ކަމަށް އައްޔަން ކުރުމުންނެވެ. މި ހާލަތްތަކުގައި މެމްބަރުކަން އޮޓަމެޓިކުން ގެއްލޭނެކަން އެ މާއްދާއިން ވަރަށް ސާފެވެ. ކުރިން ގޮނޑި ގެއްލުނު މެމްބަރުންނަށް ދިމާވީ މި ހާލަތްތަކެވެ.

އެ ހާލަތުގައި މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ. ސާފު އިބާރާތުން ގާނޫނުއަސާސީގައި ބުނެފައި ނެތަސް. އެކަހަލަ ހާލަތެއް މިއީ ވެސް.

ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުން މެމްބަރުންނަށް މަނާކުރަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާ މާއްދާގެ ރ. އިންނެވެ. ސަރުކާރު ނުވަތަ ސަރުކާރުގެ ކުންފުންޏެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މަގާމެއް ނުވަތަ ސިވިލް ސާވިސް އާއި ފުލުހުންނާއި ސިފައިންގެ ވަޒީފާ ވެސް ހިމެނޭ ގޮތަށް ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރުން އެ މާއްދާއިން މެމްބަރުންނަށް މަނާކުރިޔަސް، އެ ހާލަތްތަކުގައި މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަކަށް ބުނެފައެއް ނެތެވެ. ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކުރާ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތެރެއަށް މި ހާލަތްތައް ވެއްދޭނެ ފަދަ އެއްވެސް އިބާރާތެއް ވެސް ނެތެވެ.

ދެން އޮތީ ޔައުގޫބް ހަވާލުވީ ވަޒީފާއަކާތޯ ނުވަތަ ނޫންތޯ އޮތް ސުވާލެވެ. ވަޒީފާއަކީ ކޮބައިކަން ގާނޫނުއަސާސީގައި މާނަކޮށްދީފައި ނެތްއިރު، ވަޒީފާއާ ބެހޭ ގާނޫނުގައި މާނަކުރުމެއް ދީފައި އޮތީ ދާއިމީ ވަޒީފާ އާއި ވަގުތީ ވަޒީފާތަކަށެވެ. ވަކި ބާވަތުގެ ހައްގުތަކާއި ޒިންމާތަކެއް މަތިކުރުމުން ނޫނީ އެއީ ވަޒީފާއެއް ކަމަކަށް ގާނޫނު ގަބޫލެއް ނުކުރެ އެވެ. އެކަމަކު އަނެއްކޮޅުން ޕާޓް ޓައިމް ގޮތެއްގައި ދައުލަތުގެ ކައުންސިލެއްގެ މެމްބަރުކަން މަޖިލީހުގެ މެމްބަރަކު އަދާކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއްތޯކަމާ މެދު ސާފު ޖަވާބެއް ވެސް ނެތެވެ. އަދި ވަޒީފާއެއް އަދާކުރުމަކީ މަނާ ކަމަކަށް ވިޔަސް، މަނާ ކޮންމެ ކަމަކީ މަގާމު ގެއްލޭނެ ކަމެއް ގޮތަށް ބަލަން ފަށައިފި ނަމަ، ވަރަށް ގިނަ މަގާމުތަކެއް ހުސްވީ ކަމަށް ބުނެ ބަހުސް ފެށުމުގެ ޖާގަ ވެސް އެބަ އޮތެވެ.

މިސާލެއްގެ ގޮތުން، ރައީސާއި ނައިބު ރައީސާއި ވަޒީރުން ސަރުކާރުގެ އެހެން މަގާމެއް އަދާކުރުމާއި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ އަދި އާމްދަނީ ހޯދަން އެހެން މަސައްކަތެއް ކުރުމާއި ދައުލަތުގެ ބިމާއި މުދާ ގަނެ، ކުއްޔަށް ހިފުމާއި ދައުލަތާ އެހެން ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތަކުގައި މާލީ މަސްލަހަތެއް ބޭއްވުމަކީ ގާނޫނުއަސާސީގެ 119 ވަނަ މާއްދާ އާއި 136 ވަނަ މާއްދާ އިން މަނާކުރާ ކަންކަމެވެ. ނަމަވެސް އެއިން ކަމެއްގައި ރައީސާއި ނައިބު ރައީސާއި ވަޒީރުން ބައިވެރިވުމަކީ އެ ބޭފުޅުންގެ މަގާމު އޮޓަމެޓިކުން ގެއްލޭނެ ކަމެއްގެ ގޮތުގައި ބަލާ ނަމަ، އެ ބޭފުޅުން މަގާމުން ދުރުކުރަން ގާނޫނުއަސާސީގައި ވަކި ހާލަތްތަކާއި އިޖްރައާތެއް ލިޔެފައި އޮތުމުގެ އެއްވެސް ބޭނުމެއް ނޯންނާނެ އެވެ.

ސުޕްރީމް ކޯޓު: -- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓު: -- ފޮޓޯ/މިހާރު

ދާދި ފަހުން ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރައްވައި، މަގާމުގެ ހުވާ އޭނާ ކުރެއްވިއިރު އޭނާ އަކީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެކެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރުގެ މަގާމު އޮޓަމެޓިކުން ގެއްލިފައިވާ ކަމަށް ނުވަތަ މައުސޫމަކީ ވަޒީރެއް ނޫން ކަމަށް ބުނެ ބަހުސެއް އަދި ސުވާލެއް ވެސް ނުކުރެވެ އެވެ. އޭނާ ވަޒީރު ކަމުގައި ހުންނަވައިގެން ނިންމެވި ނިންމުންތަކުގެ ސައްހަކަމަށް ވެސް އަސަރެއް ނުކުރެ އެވެ. އެހެނީ، ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ ށ. ބުނާ ގޮތުން ވަޒީރެއްގެ މަގާމު ގެއްލޭނީ ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުން ނުވަތަ އެއް އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައުމުންނެވެ. މެނޭޖިން ޑިރެކްޓަރު ކަމުން މައުސޫމް އިސްތިއުފާ ދެއްވުމަށް ފަހު، އަލުން މަގާމުގެ ހުވާކުރެއްވީ މަޖިލީހުގެ އެދުމަކަށެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި ވަރަށް ސްޕެސިފިކްކޮށް އެ އޮތީ ބުނެފައި ގޮނޑި ގެއްލޭނެ ހާލަތްތައް. އެ ނޫން ހާލަތްތަކުގައި ގެއްލޭނެ ކަމަކަށް ނެތް.

އެހެން މިސާލެއްގެ ގޮތުން ފަނޑިޔާރުންނަށް ބެލިޔަސް، ފަނޑިޔާރުން ވިޔަފާރިއެއް ހިިންގުމުގައި ބައިވެރިވުމާއި ސިޔާސީ ޕާޓީއެއްގައި ބައިވެރިިވުމަކީ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ސުލޫކީ މިންގަނޑާ ޚިލާފް އަދި ފަނޑިޔާރަކު ކޮށްގެން ނުވާނެ އަމަލެކެވެ. އެފަދަ ކަމެއް ކުރިޔަސް، ފަނޑިޔާރަކު އަމިއްލައަށް އިސްތިއުފާ ނުދެއްވާހާ ހިނދަކު އޭނާ މަގާމުން ވަކިކުރެވޭނީ ގާނޫނުއަސާސީގައި ބުނާ އިޖްރާއާތުގެ ތެރެއިންނެވެ. އެއީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. މިހާތަނަށް އަމަލުކުރީ ވެސް މިގޮތަށެވެ. އެހެންވީއިރު، ގާނޫނުން މަނާކުރާ ކަމެއް ކުރާ ކޮޮންމެ ފަހަރަކީ އޮޓަމެޓިކުން އެ މީހެއްގެ މަގާމު ގެއްލޭނެ ކަމެއް ކަމަށް ބުނުމުގެ ފުރުސަތެއް ނެތެވެ.

އެކަމަކު ގާނޫނީ ބޭފުޅުންގެ މެދުގައި މިކަމުގައި ޚިޔާލު ތަފާތެވެ. އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި އެހެން ވަޒީފާއެއް އަދާކުރުމަކީ މެމްބަރުކަން ގެއްލޭނެ ހާލަތެއް ކަމަށް ގާނޫނުއަސާސީގައި ސާފުކޮށް ބުނެފައި ނެތަސް، މެމްބަރުކަން ގެއްލޭނެ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެ ހާލަތުގައި ގޮނޑި ނުގެއްލޭނެ ކަމަށް މާނަކުރަން ފަށައިފި ނަމަ، ގާނޫނުއަސާސީގެ އަސާސީ ސިފަތައް ގެއްލި، ސަރުކާރާއި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ނިޒާމު އޮޅުންބޮޅުންވެގެން ދިއުމުގެ ބިރު އޮތުން ކަމަށެވެ.

"މާދަމާ މެމްބަރަކު ވަޒީރުކަމާ ވެސް ހަވާލުވެގެން ހުންނަންވީތޯ އެއީ މެމްބަރުކަން ގެއްލޭނެ ހާލަތެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައި ނެތީމަ؟ ރިޔާސީ ނިޒާމެއްގައި މެމްބަރަކު ވަޒީރުކަން ކުރުމުން އެ ނިޒާމުގައި ތިން ބާރު ވަކިވުމުގެ އަސާސީ ސިފަ ގެއްލިގެން އެ ދިޔައީ. ހަމަ އެގޮތަށް މިނިވަން މުއައްސަސާތަކަށް ވެސް މިހެން ވެދާނެ. އެ ހާލަތުގައި މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ. ސާފު އިބާރާތުން ގާނޫނުއަސާސީގައި ބުނެފައި ނެތަސް. އެކަހަލަ ހާލަތެއް މިއީ ވެސް،" އެއް ވަކީލަކު ވިދާޅުވި އެވެ.

ޚިޔާލު ތަފާތުވާ އެހެން ވަކީލަކު ވިދާޅުވީ ގާނޫނުއަސާސީގައި މެމްބަރުކަން ގެއްލޭނެ ކަމަށް ބަޔާންކުރާ ހާލަތްތައް ނޫން އެހެން ހާލަތްތަކުގައި މެމްބަރު ކަމެއް ނުގެއްލޭނެ އެވެ. އެއީ މެމްބަރުކަން ގެއްލޭނެ ހާލަތްތަކާއި މެމްބަރުން ކުރުން މަނާ ކަންކަން ބަޔާން ކޮށްފައި އޮތީ ވަކި ދެ މާއްދާއެއްގައި ކަމަށް ވާތީ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް މެމްބަރުން ކުރުން މަނާ ކަމެއް ކޮށްފި ނަމަ، ދެން އަމަލު ކުރާނެ ގޮތެއް ފެންނަން ނެތުމަކީ އުނި ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި ވަރަށް ސްޕެސިފިކްކޮށް އެ އޮތީ ބުނެފައި ގޮނޑި ގެއްލޭނެ ހާލަތްތައް. އެ ނޫން ހާލަތްތަކުގައި ގެއްލޭނެ ކަމަކަށް ނެތް. ގޮނޑި ގެއްލޭނެ ހާލަތްތަކާއި އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާ މާއްދާ ވަކިން ލިޔެފައި އޮތީމަ އެކަން އެބަ އެނގޭ،" ދުސްތޫރީ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލަކު ވިދާޅުވި އެވެ.

"އެކަމަކު މެމްބަރަކު ކުރުން މަނާ ކަމެއް ކުރީމަ އަމަލުކުރާނެ ވަކި ގޮތެއް ގާނޫނުއަސާސީގައި ނެތުމަކީ އުނި ކަމެއް. ސުޕްރީމް ކޯޓުން ގާނޫނުއަސާސީ މާނަކޮށްގެން ހައްލު ހޯދައިދޭން ޖެހޭ ކަމެއް އެއީ."

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޔައުގޫބް ގަބޫލުކުރެއްވި އައިސީއޭއެމްގެ ކައުންސިލް މެމްބަރު ކަމަކީ ވަޒީފާއެއްގެ ކަމަށް ބަލާ ދާއިރާތަކުގެގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ވަޒީފާއެއް ކަމަށް ގާނޫނު ބަލަނީ ވަކި ބާވަތުގެ ހައްގުތަކާއި އިނާޔަތްތަކެއް އޮންނަ ހާލަތްތަކުގައި އެކަނި ކަން އޭނާ ފާހަގަކުރައްވަ އެވެ.

"ވަޒީފާއެއް ކަމަށް ގާނޫނީ ގޮތުން މިހާރު ބަލަނީ ވަޒީފާގެ އެއްބަސްވުމެއް އޮތުމާއި ޗުއްޓީ އާއި ސަލާމާއި މިފަދަ ހައްގުތައް ވެސް ލިބޭ ގޮތަށް އޮތީމަ. ވަކި ކަންތައްތަކެއް ފުރިހަމަ ވީމަ ވަޒީފާއެއް ކަމަށް މި ބަލަނީ. އެހެން ނަމަވެސް ޔައުގޫބް އެ ހަވާލުވީ ވަޒީފާއެކޭ ބުނަން ތަންކޮޮޅެއް އެބަ ދަތިވޭ،" އޭނާ ވިދާޅުވި އެވެ.

ޔައުގޫބްގެ މެމްބަރުކަމާ މެދު އުފެދުނު ސުވާލަށް ދެން ޖަވާބެއް ލިބެން އޮތީ ސުޕްރީމް ކޯޓުގެ ނިންމުމަކުންނެވެ. މިއީ މި ބާވަތުގެ ކަމެއްގައި މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އުފެދިފައި ހުރި ގިނަ ސުވާލުތަކެއްގެ ޖަވާބު ސުޕްރީމް ކޯޓުން ލިބުމުގެ ފުރުސަތު، މި މައްސަލައާ ގުޅިގެން، މިހާރު އެ އޮތީ ހުޅުވިފަ އެވެ.