Roadha Mihaaru
ޔައުގޫބްގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް

ޔައުގޫބްގެ ގޮނޑީގެ މައްސަލަ: ބެންޗުގެ ގިނަ ސުވާލުތަކަށް ފަހު މައްސަލަ ހުކުމާ ހަމައަށް

27 އޮކްޓޯބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރު ކަމުގެ ގޮނޑީގެ މައްސަލާގައި ގިނަ ސުވާލުތަކެއް އަމާޒު ކުރުމަށް ފަހު އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރު ކަމުގެ ގޮނޑީގެ މައްސަލާގައި ގިނަ ސުވާލުތަކެއް އަމާޒު ކުރުމަށް ފަހު އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިިންމާލައިފި އެވެ.

ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދުނު ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރު ކަން އޭނާ ގަބޫލު ކުރެއްވުމުންނެވެ. ދައުލަތުގެ އެހެން ވަޒީފާއެއް އަދާ ކުރުމަކީ ގާނޫނު އަސާސީން މެމްބަރުންނަށް މަނާ ކަމެއް ކަމަށްވާތީ ޔައުގޫބްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވަކީލް އަސްއަދު ޝަރީފެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ގިނަ ސުވާލުތަކެއް އަމާޒު ކުރެއްވުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

މުހައްމަދު ހަލީމް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މަގާމާ ހަވާލުވެ ވަޑައިގަތްއިރު ކުންފުންޏެއްގެ މެނޭޖިިން ޑިރެކްޓަރަކަށް ހުންނެވުމުން އޭނާއަށް ރުހުން ނުދީ އަދި އަލުން ހުވާ ކުރަން މަޖިލީހުން އަންގާފައި އޮތުމުން މަޖިލީހުން ވެެސް އެގޮތަށް ގަބޫލުކުރާ ކަން އެނގޭ ކަމަށެވެ.

އައްސަދުގެ ވަކީލް އަލީ ޝާހު ވިދާޅުވީ ޔައުގޫބް ގޮނޑި ނުގެއްލޭނެ ކަމަށް ނިންމައިފި ނަމަ، ދައުލަތުގެ އެހެން ވަޒީފާތަކާ ހަވާލުވާން މެމްބަރުން ފަށާނެ ކަމަށާއި މުޅި ގައުމުގެ ގާނޫނީ ނިޒާމު ބޮއްސުންލައިގެން ދާނެ ކަމަށެވެ. އަދި ގާނޫނު އަސާސީއާ ޚިލާފްވާ ކޮންމެ މީހަކު އެ މީހެއްގެ މަގާމުން ވަކިވާނެ ކަމަށް ވިދާޅުވެ، އޭނާ އެދިވަޑައިގަތީ ޔައުގޫބް މަގާމު ވެސް ގެއްލިފައިވާ ކަމަށް ނިންމައި ދިނުމަށެވެ.

ޝާހު ވިދާޅުވީ އެއީ ތިން ބާރު ވަކިވުމުގެ އުސޫލާ ގުޅޭ ކަމެއް ކަމަށާއި އެއް ބާރު އަނެއް ބާރުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދިނުމަށްޓަކައި އެއް ބާރުގެ ވެރިން އަނެއް ބާރުގައި މަސައްކަތް ކުރުން ގާނޫނީ އުސޫލުތަކުން މަނާވާ ކަމަށެވެ. އަދި މެމްބަރަކު ދައުލަތުގެ އެހެން މަގާމަކާ ހަވާލުވުން އަމަލު ކުރާނެ ގޮތެއް ނެތަސް، އެކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ސުޕްރީމް ކޯޓަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ އޮޑިޓާ ޖެނެރަލް ފަދަ މިނިވަން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުރުން މަނާ ކަމެއް ކުރައްވައިފި ނަމަ، ސުޕްރީމް ކޯޓަށް އެ ބޭފުޅުން މަގާމުން ވަކި ކުރެވޭނެތޯ ފަނޑިޔާރުން ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ޝާހު ވިދާޅުވީ މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންގެ މަގާމާ މެދު ސުވާލު އުފެދުނަސް، ސުޕްރީމް ކޯޓުން އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ގާނޫނެއްގައި ބުނެފައި ނެތް ކަމަށެވެ. އެކަމަކު މަޖިލީހަށް އެ ބޭފުޅުން ޖަވާބުދާރީ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސަކު މަނާ ކަމެއް ކުރައްވައިފި ނަމަ، ސުޕްރީމް ކޯޓަށް އެ ބޭފުޅަކު މަގާމުން ދުރު ކުރެވޭނެ ކަމަށް ގަބޫލު ކުރަންތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން ޝާހު ވިދާޅުވީ ރައީސް މަގާމުން ދުރު ކުރުމުގެ ބާރު މަޖިލީހަށް އެބައޮތް ކަމަށެވެ. އެކަމަކު އެގޮތަށް މެމްބަރުން ވަކި ކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ނެތުމުން އެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔައުގޫބްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ މެމްބަރުން މަނާ ކަމެއް ކުރުމުން ދެން ވާނެ ގޮތެއް ގާނޫނު އަސާސީގައި ބުނެފައި ނެތް ކަމަށާއި އެހެންވެ، އެހެން ވަޒީފާއެއް އަދާ ކުރުމަކީ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީގައި ނެތް ކަމެއް ސުޕްރީމް ކޯޓަށް ވެސް އުފަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ވިދާޅުވުމުން ބެންޗުން ވަނީ ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުމެއް އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. ޖަވާބުގައި މަހްފޫޒް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓަށް އޮންނަ ބާރުގެ ތެރެއިން އެ ނިންމުމާ ދުރަށް ސުޕްރީމް ކޯޓުން މިހާރު ދާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔައުގޫބް ހަވާލުވި މަގާމަކީ ގާނޫނު އަސާސީގައި ބުނާ ފަދަ މިނިވަން މުއައްސަސާއެއްގެ މަގާމެއް ނޫން ކަމަށް މަހްފޫޒް ވިދާޅުވި އެވެ. އަދި އޭނާ މަގާމާ ހަވާލުވީ ގާނޫނީ ލަފާ ހޯއްދެވުމަށް ފަހު ކަމަށާއި ފަހުން އިސްތިއުފާ ދެއްވީ އެކަމާ މެދު ސުވާލުތަކެއް އުފެއްދުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔައުގޫބް ހަވާލުވި މަގާމަށް ސަރުކާރަށް ނުފޫޒު ފޯރުވޭނެތޯ އާއި ސަރުކާރުން މުސާރަ ދިނުމަކީ ނުފޫޒަކަށް ނުވާނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި މަހްފޫޒް ވިދާޅުވީ ފަނޑިޔާރުން ވެސް ހިމެނޭ ގޮތުން ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މުސާރަ ދެނީ ދައުލަތުގެ ބަޖެޓުން ކަމަށާއި މުސާރައެއް ދިނުމަކީ ނުފޫޒު ފޯރުވުން ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ވިދާޅުވުމުން އަހަރުން އަހަރަށް ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރާ ނަމަ، އެއީ ނުފޫޒަކަށް ނުވާނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި މަހްފޫޒް ވިދާޅުވީ ގާނޫނާ އެއްގޮތަށް މުސާރަތައް ބޮޑު ކުރާ ނަމަ، އެއީ ނުފޫޒަކަށް ނުވާނެ ކަމަށެވެ.

އެ ޓީމުގައި ހިމެނޭ ވަކީލް މޫސާ އާލިމް ވިދާޅުވީ މެމްބަރަކު ދައުލަތުގެ އެހެން މަގާމަކާ ހަވާލުވުމުން އަމަލު ކުރަންޖެހޭ ގޮތް އެހެން ގައުމުތަކުގައި އެބަހުރި ކަމަށެވެ. އެގޮތުން ދެ މަގާމުން ކުރެ ކޮންމެވެސް އެއް މަގާމެއް އިހްތިޔާރު ކުރަން ފުރުސަތު ދިނުމަށް ފަހު އަނެއް މަގާމު ގެއްލޭ ގޮތަށް ބައެއް ގައުމުތަކުގައި ގާނޫނުތަކުގައި ހުންނަ ކަމަށާއި އެކަމަކު ރާއްޖޭގައި އެފަދަ އެއްވެސް އުސޫލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނަކުން މަގާމެއް އުފެއްދުމަކީ ނުވަތަ ދައުލަތުން މުސާރަ ދިނުމަކީ ސަރުކާރު ނުވަތަ ދައުލަތުގެ މުއައްސަސާއެއް ކަމަށް ބަލަންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް އާލިމް ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރާއި މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސުއޫދެވެ.

އެ މައްސަލަ ނިމެންދެން ޔައުގޫބް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގައި ބައިވެރިވުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދޭން އެ މައްސަލާގައި އެދުނެވެ. އެކަމަކު ސުޕްރީމް ކޯޓުން ކުރިން ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.