21 އޮކްޓޯބަރ 2020
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލިފައިވާކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ގޮތެއް ކަނޑައަޅަންދެން އޭނާ މަޖިލީހަށް ހާޒިރުވެ މެންބަރު ކަމުގެ ޒިންމާ އަދާކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދިފައި ވިޔަސް އެ އަމުރު ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލިފައިވާކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ގޮތެއް ކަނޑައަޅަންދެން އޭނާ މަޖިލީހަށް ހާޒިރުވެ މެންބަރު ކަމުގެ ޒިންމާ އަދާކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދިފައި ވިޔަސް އެ އަމުރު ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން މިދިޔަ މަހުގެ 14 ގައި އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރުކަމާ ޔައުގޫބް ހަވާލުވެވަޑައިގަތުމުން ޔައުގޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފައްދައި އެ މައްސަލަ ކޯޓަށް ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަސްއަދު ޝަރީފް، ދެ މައްސަލައެއްގެ ގޮތުގަ އެވެ. އެ ދެ މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ޝަރީއަތުގައި ވަގުތީ އަމުރު ނެރެ ނުދިން ސަބަބެއް ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ވަގުތީ އަމުރު ނުނެރުނު ކަމުގައި ވިޔަސް މައްސަލަ ހުށަހެޅި ފަރާތަށް ލިބޭނެ ގެއްލުމެއް ނެތުމެވެ.
ޔައުގޫބާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޔައުގޫބް، އެ މަގާމާ ހަވާލުވެވަޑައިގަތީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އާ ޚިލާފަށް ކަމަށެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ. އެ މާއްދާގެ ނ. ގައި މެމްބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރޭގައި ދަރަނި ނުދެއްކުމާއި އެއް އަހަރަށް ވުރެ ދިގު ޖިނާއީ ހުކުމެއް އައުމާއި ފަނޑިޔާރަކަށް ވުން ހިމެނެ އެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިއާސަތުގައި އިންނެވި ހުސްނުއްސުއޫދު، ވަގުތީ އަމުރާ މެދު ނިންމެވި ގޮތް އެންގެވުމަށް ފަހު، މައްސަލަ ރައްދުވާ ފަރާތަށް ދެއްވި ފުރުސަތުގައި މެންބަރު ޔައުގޫބުގެ ވަކީލުންގެ ޓީމުން މޫސާ އާލިމް ވިދާޅުވީ މައްސަލަ އުފެދިފައިވަނީ ޔައުބޫގެ މަގާމުގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ގޮތުން ކަމަށާއި އެކަމަކު މައްސަލަ ހުށަހަޅާފައި ވަނީ ޔައުގޫބަށް ފަރުދީ ގޮތުން ކަމަށެވެ. އަދި މައްސަލަ ހުށަހެޅި ދެ ފަރާތަށް މައްސަލަ ހުށަހެޅުމަށް އޮތް ހައިސިއްޔަތާ މެދު ވެސް ސުވާލު އުފެއްދެވި އެވެ. ނަމަވެސް ފަނޑިޔާރު ސުއޫދު ވަނީ އެ ދެ ނުކުތާ ބަލައިގަނެވެން ނެތް ކަމަށް ނިންމަވައި އެކަމުގެ ތަފްސީލް، މައްސަލަ ނިންމާއިރު ހިމަނުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ފަނޑިޔާރު މިގޮތަށް ނިންމައިވައި، ވަކީލް އާލިމްގެ ވާހަކަ ކުރިއަށް ގެންދަން އެންގެވުމުން މައްސަލައާ ގުޅޭ ގޮތުން ހުރި އެހެން ސުވާލުތައް ކުރައްވައިފަ އެވެ. އާލިމް ވަނީ މަޖިލީހުން އުފެއްދި ކޮމިޝަނެއްގެ މަގާމަކަށް ވާތީ އެއީ ދައުލަތުގެ މަގާމަކަށް ވާނެތޯ ސުވާލުކުރައްވައިފަ އެވެ. އާލިމް ވިދާޅުވީ ޔައުގޫބު އައްޔަންކުރީ ވަގުތީ ކައުންސިލަކަށް ކަމަށާއި ޔައުގޫބު އެދިގެން ވަޑައިގެންނެވި މަގާމެއް ނޫން ކަމަށެވެ. އަދި އެއީ އެ މަގާމަށް އައީ ޔައުގޫބުގެ ޕްރޮފެޝަންގެ ހައިސިއްޔަތުން އޮޑިޓާ ޖެނެރަލް އެދިވަޑައިގަތުމުން ކަމަށް ވިދާޅުވި އެވެ. ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގައި އެ ގާނޫނުގެ ދަށުން އުފައްދާ ކައުންސިލްގައި މަޖިލިސް މެންބަރުންނަށް ނުތިއްބެވޭނެ ކަމަށް ނެތް ކަމުގައި ވެސް އާލިމް ވިދާޅުވި އެވެ. މިކަމާ ގުޅޭ މިސާލެއް ދައްކަވަމުން އާލިމް ވިދާޅުވީ ބާ ކައުންސިލް އުފެދޭ އިރު ހުރިހާ ވަކީލުންނަކީ މެންބަރު ކަމަށް އޮންނައިރު ފަނޑިޔާރުން މަގާމުގެ މުއްދަތުގައި ކައުންސިލްގެ މެންބަރުންނަށް ނުތިބެވޭނެ ކަމަށް އޮންނަ ކަމަށާއި ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގައި ބުނާ ކައުންސިލްގައި އެފަދަ އިސްތިސްނާއެއް ނެތް ކަމަށެވެ.
ޔައުގޫބްގެ ވަކީލުންގެ ޓީމުން މަހްފޫޒް ވިދާޅުވީ މެންބަރުކަމަށް ކުރިމަތިނުލެވޭނެ ހާލަތްތަކާއި މެންބަރުކަމަށް ހޮވުމަށް ފަހު މެންބަރުކަމުން ވަކިވާނެ ހާލަތްތައް ގާނޫނުއަސާސީގައި ބަޔާންކުރާ 73 ވަނަ މާއްދާގެ ނ. އާއި މެންބަރު އަދާކޮށްގެން ނުވާނެ ވަޒީފާތައް ބަޔާންކުރާ ރ. މާނަކުރުމުގައި، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 8 ވަނަ މާއްދާގެ ނ. އަށް ބަލަން ޖެހެ އެވެ. އެ އަކުރުގައި ބުނެފައި އޮންނަނީ "ވަކި އެއްޗެއްގެ ވާހަކަ ނުވަތަ ވަކި މީހެއްގެ ވާހަކަ، ކަނޑައެޅިގެން ގާނޫނުގައި ބަޔާންކޮށްފިކަމަށްވާ ނަމަ، އޭގެ މާނަ އަކީ، އެނޫން އެހެން މީހުންނަށް ނުވަތަ އެނޫން އެހެން އެއްޗެއްސަށް އެ ގާނޫނުގައިވާ އެ އުސޫލު ނުހިނގަނީ" ކަމަށެވެ. އެހެންވެ މަހްފޫޒް ވިދާޅުވީ ގާނޫނުއަސާސީގެ ވަކި އަކުރެއްގައި، މެންބަރުކަން ގެއްލޭނެ ކަންކަން ބަޔާންކުރުމަށް ފަހު ވަކިން އެހެން އަކުރެއްގައި، މެންބަރުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮތުމުން އެއީ ވަކި ދެ ކަމެއްކަން އެނގޭ ކަމަށެވެ. އަދި މެންބަރުން ކޮށްގެން ނުވާނެ ކަމަށް ބުނާ ކަންކަން ކުރުމުން އޭނާ ނަތީޖާ އަކީ ކޮބައިކަން ބަޔާންކޮށްފައި ނެތްކަން ފާހަގަކުރެއްވި އެވެ.
"އެކަން ނުކޮށް އޮތީކީ، އެއީ 73 ވަނަ މާއްދާގެ ރ. ގައި ތަފްސީލް ލިޔުއްވި އިރު ލިޔުއްވަން ގާނޫނުއަސާސީ ހެދި މަޖިލީހުގެ މެންބަރުންނަށް އުނދަގޫފުޅުވެގެންނެއް ނޫން. ސަބަބަކަށްޓަކައި އެކަން ކޮށްފައި އޮތީ،" މަހްފޫޒް ވިދާޅުވި އެވެ.
ދެން އޭނާ ވިދާޅުވީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ގާނޫނުއަސާސީ އެކުލަވައިލި އިރު، މެންބަރުކަން ގެއްލޭ ގޮތާއި މެންބަރުންނަށް މަނާ ކަންކަން ކަނޑައެޅުމޭ ބެހޭ ގޮތުން ޑްރާފްޓިން ކޮމިޓީގައި އޭރުގެ ބައެއް މެންބަރުން ދައްކަވާފައިވާ ވާހަކަތަކުގެ ޔައުމިއްޔާ އެވެ. މަހްފޫޒު ވިދާޅުވީ ޔައުމިއްޔާ އަށް ބެލުމުން އެނގެނީ 73 ވަނަ މާއްދާގެ ރ. ގައި ބުނާ ކަންކަމުގެ މަގްސަދަކީ މެންބަރުކަން ގެއްލުން ނޫން ކަމަށެވެ. އެކަމަކު އެއީ މަޖިލީހުގެ މަސައްކަތަށް ވީހާ ވެސް ގިނަ ވަގުތު ދެވޭނެ ގޮތަކަށް ހަދަން ހިމަނާފައިވާ ކަންތައްތައް ކަމަށް ވިދާޅުވި އެވެ.
އެހެންވެ ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދޭން އެދިވަޑައިގަތެވެ.
މައްސަލަ ހުށަހެޅި ފަރާތަށް ދިން ދިން ފުރުސަތުގައި ހަލީމް ވިދާޅުވީ މެންބަރުކަމަށް ކުރިމަތިލާއިރު ވެސް އޭގެ ފަހުން ވެސް ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ނ. އަދި ރ. ގެ ޝަރުތުތައް ވެސް ހުންނަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލިސް މެންބަރުން ރައްޔިތުންނަށް އަހުދެއް އޮންނަކަމަށާއި އެއީ މަޖިލިސް މެންބަރުކަން ނޫން އެހެން މަގާމެއް އަދާ ނުކުރާނެ ކަމުގެ އަހުދު ކަމަށެވެ. އޭނާ ވިދާޅުވީ މި މައްސަލަ ނިންމާ ގޮތަކުން ދައުލަތަށް އެތައް ތަކުލީފެއް އުފުލަން ޖެހިދާނެ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހިމެނޭ ގޮތުން މި ސަރުކާރުގެ އެކި މަގާމުތަކުގައި ކުރީގެ މަޖިލިސް މެންބަރުން އެބަ ތިއްބެވި ކަމަށާއި އެ މަގާމުތަކަށް ވަޑައިގަތީ މަޖިލީހުގެ ދައުރު ނުނިމެނީސް ކަމަށް ވިދާޅުވެ އެ މުއްދަތުގެ މުސާރަ އަށް އެދިވަޑައިގަތުމުގެ ފުރުސަތު މި މައްސަލައިގެ ތެރެއިން ހުޅުވިދާނެ ކަމަށް ހަލީމް ވިދާޅުވު އެވެ.
މެންބަރުން ކުރުން މަނާ ކަމެއް ކުރުން އެކަމުގެ ނަތީޖާ ބަޔާންކޮށްފައި ނެތް ކަމަށް ބުނެ މިއީ މަޖިލީހުގެ ސުލޫކީ ކޮމިޓީން ބަލަންޖެހޭ ކަމެކޭ ނުބުނެވޭނެ ކަމަށާއި، އެކަން ބަޔާންކޮށްފައި ނެތީ މިއީ ދުސްތޫރީ މައްސަލައަކަށް ވާތީ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
މައްސަލަ ހުށަހެޅި އައްސަދު ޝަރީފްގެ ފަރާތުން ވަކީލުންގެ ގޮތުގައި ހަތަރު ވަކީލަކު ބައިވެރިވެ ވަޑައިގެންފައި ވާއިރު އޭގެ ތެރެއިން އަލީ ޝާހް ވިދާޅުވީ ޔައުގޫބްގެ ފަރާތުން ދެއްކި ވާހަކައިން އެނގެނީ ގޮނޑި ގެއްލިފައިވާ ކަމަށް އިއުތިރާފްވުން ކަމަށެވެ. އެއީ ކައުންސިލަށް އައްޔަންކުރި ކަމާއި މަގާމު ގަބޫލުކުރި ކަމަށް އިންކާރުކޮށްފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ކަންކަން ފާހަގަކުރައްވަމުން ވިދާޅުވީ މުސްތަގިއްލު ކައުންސިލެއްގައި މަޖިލިސް މެންބަރަކު ހުންނަވާ ނަމަ ޗެކްސް އެންޑް ބެލެންސް ގެއްލޭ ކަމަށާއި މިގޮތަށް މަގާމުތައް އަދާކުރުމުގެ ފުރުސަތު މަޖިލިސް މެންބަރުންނަށް ދޭ ނަމަ ކުންފުނިތަކުގެ ބޯޑުތަކުގަ އާއި އެހެން މަގާމުތަކުގައި މަޖިލިސް މެންބަރުން ނޫން ބަޔަކު ނުތިބޭނެ ކަމަށެވެ. ޝާހް ވިދާޅުވި ގޮތުގައި އެއީ މަޖިލިސް މެންބަރުންނަކީ ވެރިކަން ހިންގުމުގައި މުހިންމު ބަޔަކަށް ވާތީ އެވެ.
ގާނޫނުއަސާސީ ހެދި އިރުގެ ޔައުމިއްޔާގެ ވާހަކަ ދެއްކުމުން ޝާހް ވިދާޅުވީ އެއީ ވަކިވަކި މެންބަރުންގެ ހިޔާލު ކަމަށާއި މުޅި މަޖިލީހުގެ ވިސްނުން ނޫން ކަމަށެވެ.
ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން މަހާޒް އަލީ، މުހައްމަދު އިބްރާހިމް، އާއިޝާ ޝުޖޫން މުހައްމަދު އަދި އަލީ ރަޝީދު ހުސައިން ބައްލަވާ މި މައްސަލާގައި އައްސަދުގެ ވަކީލެއް ކަމަށްވާ އަހްމަދު ތާލިބް ވިދާޅުވީ ގާނޫނުއަސާސީގައި މަނާ ކަމެއް ކޮށްފި ނަމަ އެކަމާ ގުޅޭ ނަތީޖާއެއް ނުކުންނަން ޖެހޭނެ ކަމަށެވެ. އަދި ޔައުގޫބު އައްޔަންކުރީ ދައުލަތުގެ މަގާމަކަށްތޯ ސުވާލުކުރާއިރު ޗާޓާޑް އެކައުންޓެންޓް އިންސްޓްޓިއުޓަކީ ދައުލަތުގެ އިދާރާއެއް ކަމަށް ރައީސް އޮފީހުން ބުނެފައި އެބަ އޮތް ކަމަށާއި އެއީ އެތަނުގެ ސިޓީތަކުގައި ޖަހަންވީ ނަންބަރު ކަނޑައަޅައި ރައީސް އޮފީހުން އަންގާފައި އޮތީމާ ކަމަށް ވިދާޅުވި އެވެ.
މި ކަންކަމަށް ރައްދު ދެއްވަމުން ޔައުގޫބްގެ ފަރާތުން ވަކީލް މަހްފޫޒް ވިދާޅުވީ ޔައުގޫބު ކުރެއްވީ މަނާ ކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަންޖެހޭ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން އެބަ ބުނާ ކަމަށާއި އެކަމަކު މައްސަލަ ހުށަހަޅާފައި އޮތީ މަނާ ކަމެއް ކޮށްފި ކަމަށް ބުނެފައި ކަމަށެވެ. އަދި މަނާ ކަމެއް ކުރި ކަމަށް ކަނޑައެޅި ކަމުގައި ވިޔަސް މަނާ ކަމެއް ކުރުމުން ގޮނޑި ގެއްލޭނެ ސަބަބެއް ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ.
ވަކީލް އާލިމް ވިދާޅުވީ ދިމާވެގެން އުޅޭ މައްސަލާގައި، ޑިމޮކްރަޓިކް ގައުމުތަކުގައި އަމަލުކުރާ ގޮތަށް ބަލަންޖެހޭ ކަމަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނާ ކަމަށާއި އެކަމަށް ބަލާއިރު، މެންބަރުކަން ގެއްލޭ ކަމެއް ދިމާވާ ބައެއް ހާލަތްތަކުގައި މެންބަރަށް ފުރުސަތެއް ދޭން ބައެއް ގައުމުތަކުގައި އޮންނަ ކަމަށެވެ. ބައެއް ގައުމުތަކުން މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ އެ މެންބަރަކު ބޭނުންވަނީ މެންބަރުކަމުގައި ދެމި ހުންނަންތޯ އިހްތިޔާރުކުރަން ފުރުސަތުދޭ ކަމަށެވެ.
ޔައުގޫބު އައްޔަންކުރީ ދައުލަތުގެ މަގާމަކަށް ނޫން ކަމަށް ވަކާލާތު ކުރައްވަމުން އާލިމް ވަނީ ދައުލަތުގެ ބަޖެޓުން އިނާޔަތެއް ލިބޭ ކޮންމެ މީހަކީ ދައުލަތުގެ މުވައްޒަފަކަށް ވާނެތޯ ސުވާލުކުރައްވައިފަ އެވެ. ސިޔާސީ ޕާޓީތަކަށް ވެސް ދައުލަތުން ބަޖެޓް ދޭ ކަމަށާއި އެތަނުގައި ތިބޭ މީހުންނަކީ ދައުލަތުގެ މުވައްޒަފުންތޯ އޭނާ ސުވާލުކުރެއްވި އެވެ. އޭނާ އެހެން ވިދާޅުވީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އިޝާރާތް ކުރައްވަމުންނެވެ. އެ ގާނޫނުގައި "ދައުލަތުގެ މުވައްޒަފުން" މާނަކޮށް ބުނެފައި އޮންނަނީ އެއީ ދައުލަތުން މުސާރަ އާއި އިނާޔަތް ލިބިދެވޭ މުވައްޒަފުން ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ފަނޑިޔާރުން ވަނީ މައްސަލަ ހުށަހެޅި ފަރާތްތަކާއި ރައްދުވާ ފަރާތަށް ވެސް ސުވާލުތަކެއް ކުރައްވައި، ދެން އޮންނަ ޝަރީއަތެއްގައި ޖަވާބު ދިނުމަށް އަންގަވައިފަ އެވެ. އެގޮތުން ފަނޑިޔާރު ޝުޖޫން ވަނީ ސެޕެރޭޝަން އޮފް ޕަވާޒްއާ މިކަމާ ގުޅެނީ ކިހިނެއްތޯ އާއި މެންބަރުކަން ގެއްލޭނެ ކަމަށް ބުނާ އަކުރާއި އަދާކޮށްގެން ނުވާނެ ވަޒީފާތައް ބަޔާންކުރާ އަކުރު މާނަކުރާނެ ގޮތާ މެދު، އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި ވަކީލް ޝާހްއާ ސުވާލުކުރައްވައިފަ އެވެ. ފަނޑިޔާރު މަހާޒް ވެސް ވަނީ މި ކަންކަމާ ސުވާލު އެބަހުރި ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ފަނޑިޔާރު ސުއޫދު ވަނީ ޔައުގޫބު އައްޔަންކުރި މަގާމުގެ މަސްއޫލިއްޔަތަކީ ކޮބާތޯ އާއި މަގާމުން ވަކިކުރެވޭނީ ކާކަށްތޯ އަދި މަގާމަށް އައްޔަންކުރެއްވީ ކާކަށްތޯ އާއި މުސާރައެއް ނުވަތަ އިނާޔަތެއް ލިބޭތޯ އާއި އެ ދެނީ ދައުލަތުގެ ބަޖެޓުންތޯ، ދައުވާކުރި ފަރާތްތަކާ ސުވާލުކުރައްވައިފަ އެވެ.
އަދި ދެ ފަރާތުން ޖަވާބު ދިނުމަށް ވެސް ސުވާލުތަކެއް ކުރިމަތިކުރެއްވި އެވެ. އެއީ ގާނޫނުގައި ވަކި ކަމަކަށް ކަނޑައަޅާފައި އޮންނަ އުގޫބާތެއް، އެ ގާނޫނުގައި މަނާކޮށްފައި އޮންނަ އެހެން ކަމަކަށް ދެވިދާނެތޯ އާއި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. ގައި ބުނާ ކަންކަމުގެ ސަބަބުން ނުވަތަ އެފަދަ ވަޒީފާއެއް އަދާކޮށްފި ނަމަ މެންބަރުކަން ގެއްލޭނެ ކަމަށް އޮތީ ގާނޫނުއަސާސީގެ ކޮން ތަނެއްގައިތޯ އާއި ގާނޫނުއަސާސީގެ މާއްދާއެއްގައި ނެތް ކަމެއް އެ މާއްދާ އަށް އިތުރުކުރުމަށް ސުޕްރީމް ކޯޓަށް ބާރު ލިބެނީ ގާނޫނުއަސާސީގެ ކޮން މާއްދާއަކުންތޯ ނުވަތަ ގާނޫނީ ކޮން މަސްދަރަކުންތޯ އެވެ.
ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި
ޔައުގޫބްގެ ގޮނޑީގެ މައްސަލައިގެ ހުކުމް ހޯމަ ދުވަހު
މެމްބަރެއްގެ ގޮނޑީގެ މައްސަލަ ވެއްދޭނީ ކޮން ބަޔަކަށް؟
ޔައުގޫބްގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
ޔައުގޫބުގެ މައްސަލަ އަންނަ ހަފުތާއަށް ފަސްކޮށްފި
ގޮނޑި ނުގެއްލޭ މަނާ ކަންކަމަށް އަދަބެއް ނެތް!
ޔައުގޫބްގެ މައްސަލަ ބުރާސްފަތިދުވަހު ފަށަނީ
ވަޒީފާއަކުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނެތަ؟!
ޔައުގޫބުގެ މެމްބަރުކަމުގެ މައްސަލަ ސުޕްރީމް ކޯޓަށް
ޔައުގޫބްގެ މެމްބަރުކަން ގެއްލުނީތަ؟