Roadha Mihaaru
ޑެޕް ވަކިކުރި ފިލްމަށް ގެންނަން ގޮވާލައި ޕެޓިޝަނެއް

ޖޯނީ ޑެޕް "ފެންޓާސްޓިކް ބީސްޓްސް 3" އަށް އަލުން ގެންނަ ގޮވާލައި ފޭނުންގެ ޕެޓިޝަނެއް

14 ނޮވެމްބަރ 2020

ކުރީގެ އަންހެނުން ބަތަލާ އެމްބާ ހާޑަށް ގެވެށި އަނިޔާކުރި މައްސަލާގައި "ފެންޓާސްޓިކް ބީސްޓްސް 3" އިން ވަކިކުރި މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް އެ ފިލްމަށް އަލުން ގެންނަން ވޯނާ ބްރަދާޒް އަށް ގޮވާލައި، ފޭނުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ އަންހެނުން ބަތަލާ އެމްބާ ހާޑަށް ގެވެށި އަނިޔާކުރި މައްސަލާގައި "ފެންޓާސްޓިކް ބީސްޓްސް 3" އިން ވަކިކުރި މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް އެ ފިލްމަށް އަލުން ގެންނަން ވޯނާ ބްރަދާޒް އަށް ގޮވާލައި، ފޭނުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ޗޭންޖް.އޯގްގައި ހުޅުވާލާފައިވާ ޕެޓިޝަނުގައި ބުނެފައި ވަނި "ފެންޓާސްޓިކް ބީސްޓްސް" ސީރީޒްގައި ޑެޕް ކުޅެމުން ދިޔަ ޖެލަޓް ގްރިންޑެލްވާލްޑް ކެރެކްޓާ އަށް އޭނާ އަލުން ގެންނަން އެދޭ ކަމަށެވެ. އަދި ފޭނުންގެ އަޑު ވޯނާ އިން ނާހައި އެކަމަށް އިޖާބަ ނުދޭ ނަމަ ފިލްމު ބޮއިކޮޓްކުރާނެ ކަމަށް ބުނެފައިވެ އެވެ. ޕެޓިޝަނުގައި މިހާތަނަށް 170،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.

ޕެޓިޝަނުގައި ވަނީ އެމްބާ އަށް ގެވެށި އަނިޔާކުރި މައްސަލާގައި އިނގިރޭސި ނޫސް "ދަ ސަން" އާ ދެކޮޅަަށް ޑެޕް ކުރި އަބުރުގެ ދައުވާގެ މައްސަލަ ނިމުނީ ވެސް އިންސާފުން ނޫން ކަމަށް ބުނެފަ އެވެ. ސަން އިން ވަނީ ޑެޕަކީ "ވައިފް ބީޓާއެއް" ގެ ގޮތުގައި ސިފަކޮށްފަ އެވެ. އެ މައްސަލާގައި އެ ނޫހާ ދެކޮޅަށް ޑެޕް ކުރި އަބުރުގެ ދައުވާ ސާބިތުނުވާ ކަމަށް އިނގިރޭސިވިލާތުގެ ހައި ކޯޓުން ހުކުމްކުރީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.

އަދި އެ މައްސަލަ އަށް ރިއާޔަތްކޮށް، ޑެޕް "ފެންޓާސްޓިކް ބީސްޓްސް 3" އިން ވަކިވާން ވޯނާ އިން އެންގުމުން އެކަމަށް އިޖާބަދީ، ފިލްމު ވަކިވިކަން ޑެޕް އިއުލާންކުރީ މި މަހުގެ 6 ގަ އެވެ. ބަޔާނުގައި އޭނާ ބުނީ ފިލްމުން ވަކިވާން ވޯނާ އިން އެންގި އެންގުމަށް އިހުތިރާމު ކުރާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރުގެ ފަހުކޮޅު ގެނެސްދޭން ތާވަލުކޮށްފައި އޮތް ފިލްމުން ޑެޕް ވަކިކުރި އިރު، އެ ފިލްމުގެ އެންމެ މަންޒަރެއް އޭނާ ޝޫޓްކޮށްފައިވެ އެވެ. ޑެޕްގެ ބަދަލުގައި ފިލްމަށް ޑެންމާކްގެ އެކްޓަރު މެޑްސް މިކެލްސަން ގެންނަން މިހާރު އަންނަނީ ވާހަކަތައް ދެކެވެމުންނެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ފެންޓާސްޓިކް ބީސްޓްސް 3" އިން ވަކިކުރި ނަމަވެސް އެ ފިލްމު ކުޅެން ޑެޕް ހެދި އެއްބަސްވުމުގެ ދަށުން ފިލްމުން ލިބެން ޖެހޭ ފުލް މުސާރަ އޭނާ އަށް ވޯނާ އިން ދޭނެ އެވެ. އެއީ 10 މިލިއަން ޑޮލަރެވެ.