Roadha Mihaaru
ޖޯނީ ޑެޕް ކުޅުނު ރޯލު މެޑްސް މިކެލްސަނަށް ދީފި

ޖޯނީ ޑެޕް ކުޅުނު ރޯލު މެޑްސް މިކެލްސަނަށް ދީފި

27 ނޮވެމްބަރ 2020

ގެވެށި އަނިޔާގެ މައްސަލާގައި "ފެންޓާސްޓިކް ބީސްޓްސް 3" އިން ވަކިކުރި ޖޯނީ ޑެޕްގެ ބަދަލުގައި އޭނާގެ ކެރެކްޓާ އަށް މެޑްސް މިކެލްސަން ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގެވެށި އަނިޔާގެ މައްސަލާގައި "ފެންޓާސްޓިކް ބީސްޓްސް 3" އިން ވަކިކުރި ޖޯނީ ޑެޕްގެ ބަދަލުގައި އޭނާގެ ކެރެކްޓާ އަށް މެޑްސް މިކެލްސަން ހަމަޖައްސައިފި އެވެ.

ފިލްމު އުފައްދާ ވޯނާ ބްރަދާޒް އިން އެކަން ކަށަވަރުކޮށް ދީފައިވާ އިރު، ބައެއް މީޑިއާތަކުން ވަނީ ޑެޕްގެ ގްރިންޑަލްވަލްގެ ކެރެކްޓާ އަށް، ޑެންމާކަށް އުފަން މެޑްސް ގެންނަން ވޯނާ އިން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ކުރިން ވެސް ބުނެފަ އެވެ.

ޑެޕް "ފެންޓާސްޓިކް ބީސްޓްސް 3" އިން ވަކިކުރި އިރު، އޭނާ ފިލްމަށް މަންޒަރުތަކެއް ޝޫޓް ވެސް ކޮށްފައިވެ އެވެ. އެކަމަކު އޭނާ ނުލައި ފިލްމު ހަދަން ނިންމީ ކުރީގެ އަންހެނުން، ބަތަލާ އެމްބާޑަށް ގެވެށި އަނިޔާކުރި މައްސަލައާ ބެހޭ ގޮތުން އިނގިރޭސި ނޫސް "ދަ ސަން" އިން ޑެޕާ ބެހޭ ގޮތުން ގެނެސްދިން ވާހަކަތަކާ ގުޅިގެން އެ ނޫހާ ދެކޮޅަށް ކުރި އަބުރުގެ ދައުވާ ޑެޕަށް ނާކާމިޔާވުމާ އެކީގަ އެވެ.

ޑެޕް ނުލައި "ފެންޓާސްޓިކް ބީސްޓްސް 3" ހަދަން ނިންމީ އޭނާ އަމިއްލަ އަށް ފިލްމުން ވަކިވާން ވޯނާ އިން އެންގުމާ އެކު އޭނާ އެގޮތަށް ނިންމުމުންނެވެ. އެ ވާހަކަ ޑެޕް ބަޔާނަކުން އާންމު ވެސް ކުރި އެވެ. އޭނާ ބުނީ ވޯނާގެ އެ ނިންމުމަށް އިހުތިރާމުކުރާ ކަމަށެވެ. ނަމަވެސް ފިލްމުން އޭނާ ވަކިކުރި މައްސަލާގައި ފޭނުން ރުޅިގަދަވެ، ޑެޕް އަލުން ފިލްމަށް ގެންނަން ގޮވާލައި ފެޓިޝަނެއްގައި ސޮއި ވެސްކޮށްފައިވެ އެވެ. އޭގައި ބުނެފައި ވަނީ "ފެންޓާސްޓިކް ބީސްޓްސް 3" އަށް ޑެޕް އަލުން ނުގެންނަ ނަމަ އެ ފިލްމު ބޮއިކޮޓްކުރާނެ ކަމަށެވެ.

ޑޭވިޑް ޔޭޓްސް ޑައިރެކްޓްކުރާ "ފެންޓާސްޓިކް ބީސްޓް 3" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ ޖުލައި 15، 2022 ގަ އެވެ. މީގެ ކާސްޓްގައި ޖޫޑް ލޯ، ޖެސިކާ ވިލިއަމްސް، އެޒްރާ މިލާ، ކެލަމް ޓާނާ، އެލިޒަން ސުޑޯލް، އެޑީ ރެޑްމޭނާ އަދި ކެތެރީން ވޯޓަސަން ހިމެނެ އެވެ.