Roadha Mihaaru
ހޮލީވުޑުން އުޅެނީ އަހަރެން ބޮއިކޮޓްކުރަން: ޑެޕް

ހޮލީވުޑުން އުޅެނީ އަހަރެން ބޮއިކޮޓްކުރަން: ޑެޕް

17 އޯގަސްޓް 2021

މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް ބޮއިކޮޓްކޮށް، އިންޑަސްޓްރީން އެއްކޮށް އެކަހެރިކުރަން ހޮލީވުޑުން މިހާރު މަސައްކަތްކުރާ ކަމަށް އޭނާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް ބޮއިކޮޓްކޮށް، އިންޑަސްޓްރީން އެއްކޮށް އެކަހެރިކުރަން ހޮލީވުޑުން މިހާރު މަސައްކަތްކުރާ ކަމަށް އޭނާ ބުނެފި އެވެ.

އަންހެނުން އަދި އަމްބާ ހާޑަށް ގެވެށިއަނިޔާކުރި ކަމަށް ބުނެ "ދަ ސަން" އިން ފެތުރި ވާހަކަތަކާ ގުޅިގެން އެ ނޫހާ ދެކޮޅަށް ކުރި ދައުވާ ވެސް ޑެޕަށް މިދިޔަ އަހަރު ވަނީ ނާކާމިޔާބު ވެފަ އެވެ. އޭރު ސޮއިކޮށްފައި އޮތް ބޮޑު ފިލްމު "ފެންޓާސްޓިކް ބީސްޓް 3" އިން ވެސް ވަކިކުރި ފަހުން ދިން ފުރަތަމަ އިންޓަވިއުގައި 58 އަހަރުގެ އެކްޓަރު ބުނީ އޭނާގެ ކެރިއަރު ދުއްވައިލަން ވަކި ބަޔަކު މަސައްކަތްކުރާ ކަމަށެވެ.

"ދަ ސަންޑޭ ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ޑެޕް ބުނީ ވޯނާ ބްރޮސްގެ "ފެންޓާސްޓިކް ބީސްޓް 3" އިން ވަކިކުރި ފަހުން ވެސް އިތުރު ފިލްމުތަކެއް ގެއްލުވައިލަން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ އަހަންނަކީ މިހާރު އެކަނި ހުރި މީހެއް. އެކަނި ހުރި އެކްޓަރެއް. އެތައް ހުރަސްތަކެއް އޮތީ ވަށާލާފައި. މިހެން އުޅޭތާ އަހަރުތަކެއްވެއްޖެ. ހޮލީވުޑުން މަސައްކަތްކުރަނީ އަހަރެން ބޮއިކޮޓްކުރަން،" މަޝްހޫރު ފްރެންޗައިޒް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ތަރި ބުންޏެވެ.

ޑެޕް ބުނި ގޮތުގައި އޭނާ މިހާރު މަސައްކަތްކުރަނީ ހުރި އުނދަގޫ ހިސާބުން ރަނގަޅު ހިސާބަކަށް ދާށެވެ. އަދި ދިމާވި ކަންކަމާ ދޭތެރޭ ދެކެނީ ފިލާވަޅެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

ޒާތީ ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނު ހާޖާނުތަކާ ހެދި ޑެޕްގެ ފިލްމީ ކެރިއަރު މިހާރު އޮތީ ހަގީގަތުގައި ވަރަށް ބޮޑު އަޑިގަނޑެއްގަ އެވެ. އާ ފިލްމުތަކެއް އޭނައަކށް ނުލިބެ އެވެ. ޑިޒްނީން ވެސް ނިންމާފައި އޮތީ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ކުރިއަށް އޮތް ފިލްމުން ވެސް ޑެޕަށް ފުރުސަތު ނުދޭށެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީ މަހު ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) ގައި ޕްރީމިއާކުރި އެންޑްރޫ ލެވިޓަސް ޑައިރެކްޓްކޮށްފައިވާ "މިނަމާޓާ" އެވެ.

މި ފަހުން ހޮލީވުޑުން އެކަހެރިކޮށްލި ތަރިންގެ ތެރޭގައި ކެވިން ސްޕޭސީ، 62، އާއި އާމީ ހެމާ، 34، ހިމެނެ އެވެ.