Roadha Mihaaru
ޑެޕްގެ ބަދަލުގައި ޖެކް ސްޕެރޯގެ ރޯލަށް ހެންރީ؟

ޑެޕްގެ ބަދަލުގައި ޖެކް ސްޕެރޯގެ ރޯލަށް ހެންރީ؟

24 ޑިސެމްބަރ 2024

ޖޯނީ ޑެޕްގެ ބަދަލުގައި "ޕައިރޭޓްސް އޮފް ދި ކެރީބިއަން"ގެ ކެޕްޓަން ޖެކް ސްޕެރޯގެ ރޯލަށް އިނގިރޭސި އެކްޓަރު ހެންރީ ކެވިލް ނަގައިފާނެ ކަމަށް ބުނާ އަޑުތައް ފެތުރިއްޖެ އެވެ.

ޖޯނީ ޑެޕްގެ ބަދަލުގައި "ޕައިރޭޓްސް އޮފް ދި ކެރީބިއަން"ގެ ކެޕްޓަން ޖެކް ސްޕެރޯގެ ރޯލަށް އިނގިރޭސި އެކްޓަރު ހެންރީ ކެވިލް ނަގައިފާނެ ކަމަށް ބުނާ އަޑުތައް ފެތުރިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ސޯޝަލް މީޑިއާގައި މި ވާހަކަތައް ދެކެވެން ފެށީ ހެންރީ ކުޅޭ ނެޓްފްލިކްސްގެ ފިލްމު ސީރީޒް "އެނޯލާ ހޯމްސް 2"ގެ މަންޒަރެއްގައި އޭނާ އުޅޭ ގޮތާއި ވާހަކަ ދައްކާ ގޮތް ކެޕްޓަން ޖެކް ސްޕެރޯއާ ވައްތަރުވުމުންނެވެ. އެހެންވެ، އެ ރޯލަށް އާ އެކްޓަރެއް ނަގާ ނަމަ ހެންރީ ރަނގަޅުވާނެ ކަމަށް ފޭނުން އަންނަނީ ބުނަމުންނެވެ.

"ޕައިރޭޓްސް އޮފް ދި ކެރީބިއަން"ގެ އާ ފިލްމުތަކެއް އުފައްދަން ޑިޒްނީން މަސައްކަތް ކުރާ ނަމަވެސް، އެ ފިލްމުގައި ކުރިން ކެޕްޓަން ޖެކް ސްޕެރޯގެ ރޯލު ކުޅުނު ޑެޕް އާއި އެ ސްޓޫޑިއޯގެ ގުޅުން ރަނގަޅު ނުވުމުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ޑެޕްއާ އެކު މަސައްކަތް ނުކުރަން ޑިޒްނީން ނިންމީ އޭނާގެ ކުރީގެ އަނބިމީހާ އެމްބާ ހާޑްއަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވި ދުވަސްވަރެވެ. އެކަމަކު، އެ މައްސަލައިގެ ޝަރީއަތް އެންމެފަހުން ނިމުނީ އެމްބާއާ ދެކޮޅަށެވެ.

ނަމަވެސް، ޑިޒްނީން ދެން ޑެޕްއާ އެކު މަސައްކަތް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ކަނޑުފޭރޭ މީހުންގެ މެދުގައި ހިނގާ ކަންތައްތަކެއް ދައްކާ "ޕައިރޭޓްސް އޮފް ދި ކެރީބިއަން"ގެ ފަސް ފިލްމެއް ގެނެސްދީފައިވާއިރު، އެންމެފަހު ފިލްމު ގެނެސްދެނީ 2017 ވަނަ އަހަރު އެވެ.

"ސުޕަމޭން" އާއި "ދަ ވިޗާ" ކަހަލަ މަޝްހޫރު ރޯލުތައް ކުޅުނު ހެންރީ މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ސީރީޒް "ވޯހެމާ 40،000" އަށެވެ. އެއީ މަޝްހޫރު ވީޑިއޯ ގޭމްއަކަށް ބިނާކޮށް އުފައްދާ ސީރީޒެކެވެ. އެމަޒަން އިން ގެނެސްދޭ އެ ސީރީޒްގެ މަސައްކަތްތައް އަންނަ އަހަރު ފަށަން ވަނީ ނިންމައިފަ އެވެ.