Roadha Mihaaru
ނަސީމް ނެގީ އަޅުގަނޑު، ސިއްހީދާއިރާއަށް 56 މަޝްރޫއު

ނަސީމަކީ އަޅުގަނޑުގެ ޗޮއިސްއެއް، ސިއްހީ ދާއިރާ ލާމަރުކަޒުކުރަން 56 މަޝްރޫއު ހިންގާނަން: ރައީސް

11 ނޮވެމްބަރ 2020

ކެބިނެޓުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގެ ގޮތުގައި ކަނޑައެޅި ހެލްތު މިނިސްޓްރީ ހިންގެވުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަހްމަދު ނަސީމްއާ ހަވާލުކުރެއްވީ، ވަރަށް ގާތުން ސިއްހީ ދާއިރާގެ ކަންކަން ބައްލަވައި ބަދަލުތަކެއް ގެންނަވަން ބޭނުންފުޅުވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކެބިނެޓުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގެ ގޮތުގައި ކަނޑައެޅި ހެލްތު މިނިސްޓްރީ ހިންގެވުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަހްމަދު ނަސީމްއާ ހަވާލުކުރެއްވީ، ވަރަށް ގާތުން ސިއްހީ ދާއިރާގެ ކަންކަން ބައްލަވައި ބަދަލުތަކެއް ގެންނަވަން ބޭނުންފުޅުވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް ދެ އަހަރު ފުރުމާ ގުޅިގެން ރައްޔިތުންނާ މުޚާތަބް ކުރައްވައި ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ލާމަރުކަޒު ކުރަން އެކި އަތޮޅުތަކުގައި އަންނަ އަހަރު 56 މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ. އެންމެ މުހިއްމު މަޝްރޫއަކީ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުން ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލްތަކުގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ޖުމްހޫރީ ޕާޓީގެ ބޭފުޅެއްގެ ބަދަލުގައި ނަސީމް ހަމަޖެއްސެވީ ވެސް ސިއްހީ ދާއިރާ އަށް ވިސްނެވުންތަކެއް ހުރުމުން ކަމަށް ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމްގައި ރައީސް ވިދާޅުވި އެވެ.

މިއީ، ވެންޓިލޭޓަރު ހޯދުމުގައި ފެންމަތިވި މައްސަލަތަކާ ގުޅިގެން އަމީން އިސްތިއުފާ ދެއްވުމުން އެ ސްލޮޓް ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއަށް ދިނުމާ މެދު އުފެއްދި ސުވާލުތަކަށް ރައީސް ޖަވާބު ދެއްވި ފުރަތަމަ ފަހަރެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޯލިޝަން ވެރިކަމަކަށް ވާތީ، އެއްބަސްވި ގޮތާ ޚިލާފަށް ކަމެއް ދާ ނަމަ، އެކަމެއްގައި ޕާޓީތަކުގެ ވެރިންނާ މަޝްވަރާ ކުރައްވަ އެވެ. ހެލްތު މިނިސްޓަރަކަށް ނަސީމް އައްޔަން ކުރެއްވީ ވެސް އެގޮތަށް ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރަކަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު ހަމަޖައްސަން ގާސިމް ނަންތަކެއް ފޮނުއްވި ކަމަށާއި އެކަމަކު މި ފަހަރު ބޭނުންވީ އެމަނިކުފާނަށް ޔަގީންކަން އޮންނަ ބޭފުޅަކާ އެ ޒިންމާ ހަވާލުކުރައްވަން ކަން ގާސިމަށް ދެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން މި ފުރުސަތު އަޅުގަނޑަށް މި ފަހަރު ދޫކޮށްލަ ދެއްވާށޭ. އެ ދާއިރާ އަކީ ވަރަށް ގާތުން އަޅުގަނޑު ބަލައި ބަދަލުތަކެއް ގެންނަން ޖެހޭ ދާއިރާއެކޭ. އެހެންވީމާ އަޅުގަނޑުގެ ޗޮއިސްއެއް މިކަމުގައި އަޅުގަނޑަށް ދެއްވާށޭ،" ރައީސް ވިދާޅުވި އެވެ.

ވައުދުތައް ފުއްދުމުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި އެކަމަށް ގާސިމް އެއްބަސްވެވަޑައިގަތުމުން ރައީސް މިއަދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އެއީ، އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށް ވުރެން ގައުމު، ގާސިމް އިސްކުރެއްވައި ކުރެއްވި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަން ކުރައްވަނީ ކޯލިޝަން ލީޑަރުންގެ މަޝްވަރާއާ އެކުގަ އެވެ. ހުރިހާ ބޭފުޅުންނާ ވެސް ވާހަކަ ދައްކަވާ ކަމަށާއި ކޯލިޝަނަކުން ވެރިކަން ކުރައްވުމުގައި އުނދަގޫތަކެއް ކުރިމަތިވެވަޑައި ނުގަންނަވާ ކަަމަށް ވެސް ވިދާޅުވި އެވެ.