Roadha Mihaaru
ފ. އަތޮޅުގެ ގިނަ މީހުންގެ ކޮލެސްޓްރޯލް މަތި!

ފ. އަތޮޅުގެ ގިނަ މީހުންގެ ކޮލެސްޓްރޯލް މަތި!

31 މެއި 2023

ފ. އަތޮޅު އާބާދީގެ 18 އަހަރުން މަތީ މީހުންގެ ތެރޭގައި އެންމެ ގިނައީ ކޮލެސްޓްރޯލް މަތިވުމުގެ މައްސަލަ ކަމަށް އެ އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފ. އަތޮޅު އާބާދީގެ 18 އަހަރުން މަތީ މީހުންގެ ތެރޭގައި އެންމެ ގިނައީ ކޮލެސްޓްރޯލް މަތިވުމުގެ މައްސަލަ ކަމަށް އެ އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

މީގެ އަހަރުތަކެއް ކުރިން ރަށްރަށުގެ ސިއްހީ ކަންކަމުގައި ޕްރައިމަރީ ހެލްތް ކެއާ ނުވަތަ ހެލްތު ވޯކަރުން އިސް ސަފުގައި މަސައްކަތްކުރި ގޮތަށް އެކަން ބަދަލުކުރަން ނިންމައި އެ މަސައްކަތް ހެލްތު މިނިސްޓްރީން ފ. އަތޮޅުގައި ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން އެ އަތޮޅުގެ ހުރިހާ މީހުންގެ ހެލްތު ސްކްރީނިން މިދިޔަ މަހު ވަނީ ނިންމާލައިފަ އެވެ.

އެ މަސައްކަތުގައި ފ. އަތޮޅުގެ 29 މުވައްޒަފުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު މެޑިކަލް އޮފިޝަލުންނާއި ކޮމިއުނިޓީ ހެލްތް އޮފިސަރެއްގެ އިތުރުން 23 ނަރުހުންނެވެ.

ފ. އަތޮޅުގެ ރަށެްގައި ހެލްތް ސްކްރީނިންގެ މަސައްކަތް ކުރިއަށްދަނީ.-- ފޮޓޯ: ފ. އަތޮޅު ހޮސްޕިޓަލް

ފ. އަތޮޅުގެ ރަށެްގައި ހެލްތް ސްކްރީނިންގެ މަސައްކަތް ކުރިއަށްދަނީ.-- ފޮޓޯ: ފ. އަތޮޅު ހޮސްޕިޓަލް

ފ. އަތޮޅު ހޮސްޕިޓަލުގެ ކޮމިއުނިޓީ ހެލްތް އޮފިސަރު، ޝުއައިބް އިސްލާއިލް "މިހާރު" އަށް ވިދާޅުވީ އެ އަތޮޅުގައި އެ މަސައްލަތް ފެށިިއިރު ބަލާފައި ވަނީ މި ވަގުތު އެ އަތޮޅުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އާބާދީއަށް ކަމަށެވެ.

ޖުމްލަ 2،812 މީހުންގެ ސިއްހީ ކަންކަން ބަލައި ނިމުނުއިރު އޭގެ ތެރެއިން:

- 22.2 ޕަސެންޓް މީހުންގެ ކޮލެސްޓްރޯލް މަތި.

- 13.7 ޕަސެންޓް މީހުން ލޭމައްޗަށް ދިއުމުގެ މައްސަލަ.

- 9.2 ޕަސެންޓް މީހުންގެ ހަކުރު ބަލި ހުރޭ.

ފ. އަތޮޅުގެ ޕަބްލިކް ހެލްތް ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޝުއައިބް ވިދާޅުވީ، އެ މީހުންގެ ހާލަތު ބެލުމަށް މަހަކު އެއްފަހަރު އަތޮޅު ހޮސްޕިޓަލުން ގޮސް، ކޮންމެ މީހެއްގެ ހާލަު ވަކިން ބަލާނެ ކަމަށެވެ. އަތޮޅު ހޮސްޕިޓަލުން ކޮންމެ ތިން މަހަކުން އެއް މަހު ޒިޔާރަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހެލްތް ސްކްރީނިންގެ މަސައްކަތުގައި މީހެއްގެ ގައިން ލޭ ނެގުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފ. އަތޮޅު ހޮސްޕިޓަލް

ހެލްތް ސްކްރީނިންގެ މަސައްކަތުގައި މީހެއްގެ ގައިން ލޭ ނެގުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފ. އަތޮޅު ހޮސްޕިޓަލް

އަތޮޅު ހޮސްޕިޓަލަށް ދައްކާ މީހުންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ މީހުން މާލެ ފޮނުވުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރު ފަރުވާ ބޭނުންވާ މީހުން ހުޅުމާލެ ނުވަތަ އައިޖީއެމްއެޗަށް ދެއްކޭނެ ގޮތް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝުއައިބް ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީން ބުނިގޮތުގައި، އަތޮޅު ހޮސްޕިޓަލުން އެ މީހަކަށް އިތުރު ފަރުވާ ހަމަޖައްސައިދޭނެ އެވެ. މާލެ އަންނައިރު އެޕޮއިންޓްމެންޓް ހައްދަން ނުޖެހޭނެ ކަމަށާއި އެ ހިދުމަތް އަތޮޅު ހޮސްޕިޓަލުން ހަޖައްސައިދީފައި ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހެލްތް ސްކްރީނިން ޕްރޮގްރާމްގައި މީހެއްގެ ބަރުދަން ބަލަނީ-- ފޮޓޯ: ފ. އަތޮޅު ހޮސްޕިޓަލް

ހެލްތް ސްކްރީނިން ޕްރޮގްރާމްގައި މީހެއްގެ ބަރުދަން ބަލަނީ-- ފޮޓޯ: ފ. އަތޮޅު ހޮސްޕިޓަލް

ފ. އަތޮޅުގެ 35 އަހަރުން މަތީގެ ހުރިހާ މީހުންގެ ހެލްތު ރަޖިސްޓްރީ ހެލްތު މިނިސްޓްރީގައި މިހާރު ހުރެ އެވެ.

އެ އަތޮޅުގައި ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއާގެ ދަށުން މުޖުތަމައުގެ އެންމެންނަށް ސިއްހީ ފަރުވާ ކަށަވަރު ވާނެ ކަމަށެވެ.

މިނިސްޓްރީން ވަނީ ޕްރައިމަރީ ހެލްތުކެއާ ވޯކަރުންނަށް ތަމްރީނާއި އިތުރަށް ކިޔެވުުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.