Roadha Mihaaru
ޓޫރިޒަމަށް އާ ރަށްތަކެއް ބީލަމަށް ލަނީ

މަހެއްހާ ދުވަހުގެ ތެރޭގައި ޓޫރިޒަމަށް އާ ރަށްތަކެއް ނެރޭނެ: ފައްޔާޒް

10 ނޮވެމްބަރ 2020

ޓޫރިސްޓް ރިސޯޓްތައް ތަރައްގީކުރަން އާ ރަށްތަކެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މާކެޓަށް ނެރޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒްް އިސްމާއީލް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓޫރިސްޓް ރިސޯޓްތައް ތަރައްގީކުރަން އާ ރަށްތަކެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މާކެޓަށް ނެރޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒްް އިސްމާއީލް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން އެކުލަވާލި ކޮމިޓީގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ޓޫރިޒަަމް މިނިސްޓްރީން އެ ރަށްތައް އަންނަ މަހު ބިޑަށް ލާނެކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވީ 20 ރަށެއް މާކެޓަށް ނެރެން ތައްޔާރުވެފައި ވަނިކޮށެވެ. އެކަން މަޑުޖައްސާލީ މި ހާލަތުގައި ރަށްތައް މާކެޓަށް ނެރެގެން އެންމެ ރަނގަޅު އަގު ނުލިބޭނެތީ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި އެއިން އެއް ބައި [ރަށްތައް] ޓޫރިޒަމް މިނިސްޓްރީން ޓެންޑާ ވެސް ކުރައްވާނެ،" ފައްޔާޒް ވިދާޅުވި އެވެ.

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒް ވިދާޅުވީ މިހާރު އޮތް ހާލަތުގައި ރަށްތައް މާކެޓަށް ނެރެފި ނަަމަ ކުރިއަށް ވުރެ ރަނގަޅުވެދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމަށް އަލުން ރަށްތައް ބީލަމަށް ލާނީ ބައިބަޔަށެވެ. އެއީ ފުރަތަމަ ނެރޭ ރަށްތަކަށް ވާ ގޮތެއް ބަލާފައި ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ދޫކުރި ގިނަ ރަށްތަކެއް ތަރައްގީނުކޮށް ހުރި އިރު އެރަށްތައް ދައުލަތަށް ނަގައި މާކެޓަށް އަލުން ނުނެރެެނީ ކީއްވެތޯ ވެސް ނާޒިލް އެއްސެވި އެވެ. ނަމަވެސް އެ ސުވާލަށް މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވަ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުުގެ ތެރެއިން ބައެއް ރަށްތައް ވަނީ އެއް ފަރާތަށްް ވުރެ ގިނަ ފަރާތްތަކަށް ވެސް ދޫކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ކޮރަޕްޝަނުގެ ތެރެއިން ދޫކުރި ރަށްތައް އަތުލެވޭނީ އެ ރަށްތަކާ ބެހޭ ގޮތުން ހިންގަން ޖެހޭ ގާނޫނީ އިޖުރާއަތްތައް ނިމިގެންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށުމުން ރާއްޖެ އާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅިން ހުއްޓުނެވެ. ރާއްްޖޭގެ ބޯޑަރު އޭރު ބަންދުކުރުމަށް ފަހު އަލުން ހުޅުވައިލީ މިދިޔަ ޖުލައިމަހު އެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ މައްޗަށް އަރަން ފަށައިފަ އެވެ.