Roadha Mihaaru
އާމިރުގެ ފިލްމުގައި ޝާހްރުކްގެ ރޯލެއް

އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ގައި ޝާހްރުކް ޚާންގެ ރޯލެއް

11 ނޮވެމްބަރ 2020

އާމިރު ޚާނާއި ޝާހްރުކް ޚާން ފިލްމަކުން އެކީގައި ފެނުމަށް މި ދެ ސްޓާރުންގެ ފޭނުން އަަބަދުވެސް އިންތިޒާރުކުރެ އެވެ. "ލާލް ސިންގް ޗައްޑާ" ގެ ވަރަށް ހާއްސަ ފެނިލުމަކުން ދެ މީހުން އެކީގައި ފެންނާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާމިރު ޚާނާއި ޝާހްރުކް ޚާން ފިލްމަކުން އެކީގައި ފެނުމަށް މި ދެ ސްޓާރުންގެ ފޭނުން އަަބަދުވެސް އިންތިޒާރުކުރެ އެވެ. "ލާލް ސިންގް ޗައްޑާ" ގެ ވަރަށް ހާއްސަ ފެނިލުމަކުން ދެ މީހުން އެކީގައި ފެންނާނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމުގައި ހިމެނޭ ޝާހްރުކްގެ ކެމިއޯ ވަނީ ޝޫޓް ވެސް ކޮށް ނިންމައިފަ އެވެ. އަދި އެ މަންޒަރު ޑައިރެކްޓްކުރީ ސީދާ އާމިރު ކަމަށް ބުންޏެވެ. ކަރީނާ ކަޕޫރް ބަތަލާގެ ރޯލް ކުޅޭ "ލާލް ސިންގް ޗައްޑާ" އަކީ އާމިރު 2017 ގައި ކުޅުނު "ސީކްރެކްޓް ސުޕަސްޓާ" ގެނެސްދިން އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ ފިލްމެކެވެ.

އާމިރާއި ޝާހްރުކް "ލާލް ސިންގް ޗައްޑާ" އިން ފެނިގެން ދިއުން ވާނީ ވަރަށް ވެސް ހާއްސަ ކަމަކަށެވެ. އަދި މިއީ މި ފިލްމަށް ގިނަ ބަޔަކު މާ ބޮޑަށް އިންތިޒާރުކުރާނެ އިތުރު ސަބަބަކަށް ވާނެ އެވެ.

ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ހޭންކްސް 1994 ގައި ކުޅުނު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ "ލާލް ސިންގް ޗައްޑާ" އަކީ އަންނަ އަހަރުގެ ޑިސެމްބަރު 25 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ޓީވީ ބަތަލާ މޯނާ ސިންގް އާއި މަޝްހޫރު ތަމަޅަ އެކްޓަރުން ކަމަށްވާ ވިޖޭ ސެތުޕަތީ އާއި ޔޯގީ ބާބޫ ވެސް ހިމެނެ އެވެ.

ޝާހްރުކް މި ވަގުތު އަންނަނީ ސިދާތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން ތުރިލާ "ޕަތާން" އަށް ތައްޔާރުވަމުންނެވެ. ޖޯން އަބްރަހަމާއި ދީޕިކާ ޕަދްކޯން ވެސް މުހިއްމި ރޯލްތަކުން ފެނިގެންދާ އެ ފިލްމުގެ ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެނިގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.