Roadha Mihaaru
"ލާލް ސިންގް ޗައްޑާ" ލަޑާކް އާއި ކަރްގިލް އަށް

"ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން ލަޑާކް އާއި ކަރްގިލް އަށް

03 މެއި 2021

ޝޫޓިން ނިންމައިނުލެވި ދިގުލައިގެން ގޮސްފައިވާ އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ފަހު ޝެޑިއުލް ލަޑާކް އާއި ކަރްގިލްގައި ފަށަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝޫޓިން ނިންމައިނުލެވި ދިގުލައިގެން ގޮސްފައިވާ އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ފަހު ޝެޑިއުލް ލަޑާކް އާއި ކަރްގިލްގައި ފަށަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ 2019 ގައި ޝޫޓިން ފެށި ފިލްމެކެވެ. އެކަމަކު ކުރިން ރޭވި ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުނީ މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑާ ހެދި އެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި އިންޑިއާގައި މިހާރު ކޮވިޑްގެ ދެވަނަ ރާޅާ އެކު، ހާލަތު ވަރަށް ގޯސްވެފައި އޮތް ނަމަވެސް އާމިރާ އާއި އޭނާގެ ޓީމު މިހާރު އަންނަނީ ލަޑާކް އާއި ކަރްގިލްގައި ފިލްމުގެ ހަނގުރާމައިގެ މަންޒަރުތައް ޝޫޓްކުރަން ލޮކޭޝަން ވެސް ހޯދަމުންނެވެ.

އެ ނޫހުން ބުނި ގޮތުގައި ފިލްމުގެ ބާކީ ހުރި މަންޒަރުތަކަށް ބަލާ އިރު 45 ދުވަހުގެ މަސައްކަތް އެބައޮތެވެ. އަލުން ޝޫޓީން ފަށާ އިރު އާމިރާ އެކު، ތެލެގޫ އެކްޓަރު ނާގަ ޗައިތަނިއާ ވެސް ބައިވެރިވާނެ އެވެ. މަޝްހޫރު ތެލެގޫ އެކްޓަރު ނާގުރްޖުނާ އަކިނޭނީގެ ދަރިފުޅަށް "ލާލް ސިންގް ޗައްޑާ" އިން ފުރުސަތު ލިބުނީ ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އަށް ފިލްމު ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތް ނުވުމުންނެވެ.

އެހެންވެ "ލާލް ސިންގް ޗައްޑާ" ވާނީ ނާގަގެ އަލަތު ބޮލީވުޑް ފިލްމަށެވެ.

އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ ފިލްމުގައި ބަތަލާ ކަރީނާ ކަޕޫރް ނަގަން ޖެހޭ ހުރިހާ މަންޒަރެއް މިދިޔަ އަހަރުގެ މެދުތެރޭގައި ވަނީ ނިންމައިފަ އެވެ.

"ލާލް ސިންގް ޗައްޑާ" އަކީ ކުރިން މިދިޔަ އަހަރު ޑިސެމްބަރުގައި ރިލީޒްކުރަން އުޅުނު ފިލްމެއް ނަމަވެސް ފިލްމު މިހާރު އޮތީ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭ ގޮތަށެވެ. އެކަމަކު އަދި މި އަހަރު ފިލްމު ރިލީޒްކުރާނެ ކަމެއް ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ.

ދެހާސް އަށާރައިގެ "ތަގްސް އޮފް ހިންދުސްތާން" އަށް ފަހު އާމިރު ކުޅޭ ފުރަތަމަ ފިލްމު "ލާލް ސިންގް ޗައްޑާ" އަކީ ހޮލީވުޑްގެ 1994 ގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.