Roadha Mihaaru
ބީއެމްއެލުން ކެންސަ ސޮސައިޓީއަށް 150،000ރ.

ބީއެމްއެލުން ކެންސަ ސޮސައިޓީއަށް 150،000ރ. ހަދިޔާކޮށްފި

08 ނޮވެމްބަރ 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެންސަ ސޮސައިޓީ އަށް 150،000ރ. މިއަދު ހަދިޔާކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެންސަ ސޮސައިޓީ އަށް 150،000ރ. މިއަދު ހަދިޔާކޮށްފި އެވެ.

މި ހަދިޔާ އަކީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމުުގެ ގޮތުން ކެންސަ ސޮސައިޓީން ބާއްވާ "ޕިންކް ރިބަން ރަން- ވޯކް" އަށް ބޭންކުން ދިން އެހީ އެކެވެ. ބޭންކުގައި ބޭއްވި ރަސްމިއްޔާތުގައި މި ފައިސާ ކެންސާ ސޮސައިޓީއާ ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދިި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ.

ޓިމް ވަނީ މި ރަސްމިއްޔާތަށް ފަހު ކެންސާ ސޮސައިޓީގެ ބައެއް މެންބަރުންނާއި އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދައި ރަނގަޅުވެފައިވާ މީހުންނާއި ބަލިން ފަރުވާ ހޯދަމުން އަންނަ މީހުންނާ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި، ކެންސަރު ބަލިން ރަނގަޅުވި މީހުން ވަނީ ކެންސަރާ ހަނގުރާމަކޮށް ކާމިޔާބު ހޯދުމުގައި އެ މީހުން ކުރި ހިތްވަރާއި، ކެރިގެން ބައްޔާ ކުރިމަތިލުމާއި އުއްމީދާ އެކު މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ވާހަކަތައް ހިއްސާކޮށްފަ އެވެ.

އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމަށް ކެންސާ ސޮސައިޓީން ކޮންމެ އަހަރަކު ވެސް "ޕިންކް ރިބަން ރަން- ވޯކް" ބާއްވަ އެވެ. މިއަހަރުގެ ހަރަކާތް ބާއްވަފައިވަނީ ވާޗުއަލް އިވެންޓެއްގެ ގޮތުގަ އެވެ. މި ހަރަކާތުގައި ގާތްގަނޑަކަށް 700 މީހުން ވަނީ ބައިވެރިވެފަ އެވެ.

ބީއެމްއެލުން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން އެ ބޭންކު އިޖްތިމާއި ޒިންމާގެ ދަށުން ކެންސާ ސޮސައިޓީއަށް އެހީތެރިވަމުންނެވެ.