Roadha Mihaaru
ބީއެމްއެލްގެ އެހީ ހަނިމާދޫ ސްކޫލަށް

ކޮމިއުނިޓީ ފަންޑުގެ ދަށުން ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީ ކޮށްފި

06 މާޗް 2022

ބީއެމްއެލްގެ، "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ހަނިމާދޫ ސްކޫލްގައި ލައިބްރަރީ ތަރައްގީ ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލްގެ، "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ހަނިމާދޫ ސްކޫލްގައި ލައިބްރަރީ ތަރައްގީ ކޮށްފި އެވެ.

އެ ޕްރޮޖެކްޓް އެވޯޑްކޮށްފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާ އެވެ. އެ ޕްރޮޖެކްޓު ދަށުން ލައިބްރަރީ އަށް ބޭނުންވާ އިތުރު ފޮތްހަރުގަނޑު ބަހައްޓައި، ސެން ކްލާސް ދަރިވަރުންނަށް ހާއްސަ ރީޑިން ކޯނާރެއް ހަދައި، ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ބޭންކުން ވަނީ ހޯދައިދީފަ އެވެ.

މީގެ އިތުރުން އާންމުންގެ ފަރާތުން ހަދިޔާ ކުރި ފޮތާއެކު ޖުމްލަ 700 އަށް ވުރެ ގިނަ ފޮތް އެ ލައިބްރަރީއަށް ހަދިޔާ ކޮށްފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. އެ ފޮތްތަކުގެ ތެރެއިން 450 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހަދިޔާ ކުރި ފޮތްތަކެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް، ހުސައިން ވަހީދު ވިދާޅުވީ ލައިބްރަރީ ތަރައްގީ ކުރަން ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅީ ލައިބްރަރީ ބޭނުން ކުރާ ދަރިވަރުންގެ އަދަދު އިތުރުވެފައި ވާތީ ކަމަށެވެ.

"ލައިބްރަރީ ބޭނުންކުރާ ދަރިވަރުން އިތުރުވަމުން ދިއުމާ އެކު އެ ކުދިންނަށް އެކަށޭނެ މާހައުލެއް ގާއިމްކޮށްދިނުމުގެ މަގްސަދުގައި އަޅުގަނޑުމެން ލައިބްރަރީ އިތުރަށް ތަރައްގީކުރަން ބޭނުންވީ. މި ގެނެވުނު ބަދަލާއެކު ފޮތްކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް ގާއިމްވެއްޖެ،" ހުސައިން ވިދާޅުވި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމަ އަށް ފައިދާވާނެހެން ހިންގާ ޕްރޮޖެކްޓުތަކަށް އެހީވުމަަށް ތައާރަފު ކުރި ފަންޑެކެވެ. ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮމޯސަލް ހޮވައި އެހީވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެ ފަންޑަށް ހުށަހަޅަން ޖެހޭނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެވެ.