Roadha Mihaaru
"ޑޮލަރުގެ ކަޅު ބާޒާރު ހައްލު ނުކުރެވެނީ ހެކި ނެތީމަ"

ޑޮލަރުގެ ކަޅު ބާޒާރު ހައްލު ނުކުރެވެނީ ހެކި ނުލިބޭތީ: ގަވަރުނަރު

27 އޮކްޓޯބަރ 2020

ޑޮލަރުގެ ކަޅު ބާޒާރު ހައްލު ނުކުރެވެނީ ހެކި ނުލިބޭތީ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޑޮލަރުގެ ކަޅު ބާޒާރު ހައްލު ނުކުރެވެނީ ހެކި ނުލިބޭތީ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީީހުގެ މާލިއްޔަތު ކޮމިޓީގައި ގަވަރުނަރު ވިދާޅުވީ މަނީ އެކްސްޗޭންޖުތަކުން ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަމުގެ ހެކި އެ މީހުންގެ އެކައުންޓުތަކުން ފެންނަން ނުހުންނަ ކަމަށެވެ

އަލީ ހާޝިމް ވިދާޅުވި ގޮތުގައިި މިފަދަ މައްސަލަތައް ތަހުގީގު ކުރާ ފުލުހުން ވެސް ހެކި ހޯދަން އުނދަގޫ ކަމަށް ބުނެ އެވެ. އަދި ފާރަލައިގެން ވެސް ގިނަ ފަހަރަށް ހެކި ނުލިބޭ ކަމަށް ފުލުހުން ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރޫފް ހޯދުމަކީ ވަރަށް ދަތިކަމެއް. ޕޮލިހުން ވެސް ބުނަނީ ދަތިކަމަށް. ފާރަ ލައިގެން ވެސް ގިނަ ފަހަރުު ނުފެނެއޭ. އެހެންވެ ހެކި ނެތީމަ ނިސްބަތުން އެކްޝަން ނެގޭވަރު މަދު،" އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ ހެކި ހޯދަން ފާރަލުމަކީ އެހެން ބަޔަކު އެ އިދާރާ އަށް ކޮށްދޭންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ވިސްނާފައި ކުރަން ޖެހޭ ކަމަކަށް ވާތީ އެކަހަލަ ޕްރޮގްރާމެއް ހިންގަން އަދި އެދިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވިގޮތުގައި އެމްއެމްއޭއިން ކަނޑައަޅާ އެކްސްޗޭންޖް ބޭންޑަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް މިކަންތައް ހައްލު ކުރަން ގާނޫނަށް ބަދަލުތައް ގެންނަން ޖެހޭތީ އެކަން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދަޅުވި އެވެ.