Roadha Mihaaru
ރަސްފަންނަށް ދިޔަ މީހުންގެ އެހީ ފުލުހުން ބޭނުންވެއްޖެ

މަރުގެ ތަހުގީގަށް، ބުރާސްފަތި ދުވަހު ރަސްފަންނަށް ދިޔަ މީހުންގެ އެހީ ބޭނުން ވެއްޖެ

24 އޮކްޓޯބަރ 2020

އައިޖީއެމްއެޗާ ދިމާލު މޫދު އަޑީގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، މިދިޔަ ބުރާސްފަތި ދުވަހު ރަސްފަންނަށް ދިޔަ މީހުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އައިޖީއެމްއެޗާ ދިމާލު މޫދު އަޑީގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، މިދިޔަ ބުރާސްފަތި ދުވަހު ރަސްފަންނަށް ދިޔަ މީހުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.

އުމުރުން 31 އަހަރުގެ ދިވެހި ފިރިހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ، މިއަދު ހެނދުނު ފީނަން ދިޔަ ބަޔަކަށެވެ. އަދި އެއީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ އެ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި ފުލުހުން މިރޭ ވަނީ މި ތަހުގީގުގައި އާއްމުންގެ އެހީތެރިކަމަށް އެދިފަ އެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު، 9:00 އާއި 12:00 އާ ދެމެދު ރަސްފަންނަށް ދިޔަ މީހުންނާއި މަރުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރި ނަމަ، އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފުލުހުންގެ ނަމްބަރު، 119 ނުވަތަ 9911099 އަށް ގުޅުމަށް އެދިފައިވެ އެވެ.

ކުށުގެ ރެކޯޑު އޮތް އެ މީހާ ފެނުނު އިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ވެ އެވެ. އަދި އެކަންތައްތައް ފާހަގަކޮށް، އޭނާގެ އާއިލާއިން ވަނީ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެހެން މުއައްސަސާތަކަށް ވެސް ހުށަހަޅައިފަ އެވެ.